ރިޕޯޓް

ހޯރަ އިއްބެއަށް ދިން ދީލަތި މާފާއެކު އާންމުން ރުޅިގަދަވެއްޖެ!

Dec 5, 2018
21

ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައިވާ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހިމް ރަޝީދު، ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީ މިނިވަން ކުރަން ސަރުކާރުން އިއްޔެ ވަނީ ނިންމާފަ އެވެ. ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ކޮޓަރިއެއްގައި ތިއްބަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދެ ދަރިން ވެސް ލިބިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އިއްބެގެ ހުކުމް މާފުކޮށްދޭން ރައީސް ނިންމެވީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެގެ ޖަލު ހުކުމަށް ލުޔެއް ދިނުމަށް ނިންމާފައިވާތީ އެ ނިންމުމަށް ރިއާޔަތްކޮށް ކަމަށެވެ. ބުރާސްފަތި ދުވަހު ގެއަށް ބަދަލު ކުރާކަން އާއިލާއަށް މިހާރު ވަނީ އަންގައިފަ އެވެ.

ހޯރަ އިއްބެ މިނިވަން ކުރުމަށް ރައީސް ސޯލިހް ނިންމެވި ނިންމެވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. ސަރުކާރުން އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ރައްޔިތުންނަށް ދެއްކީ ހުވަފެނެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކޮށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އިދިކޮޅު ޕީޕީއެމްގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ އަނިޔާއާ ފުރައްސާރަކޮށް ހުކުމް ތަންފީޒުކުރާ ފަރާތެއް ދޫކޮށްލުމަކީ މާފުދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ މީހުންނަށް މާފު ނުދެވޭނެ އެވެ. ނަމަވެސް އިއްބެގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށެވެ.

ދެހާސް ސޯޅަވަނަ އަހަރު ކްލެމެންސީ ބޯޑުން ވަނީ އިއްބެގެ ޖަލު ހުކުމްގެ ތެރެއިން ތިން މަސް ފިޔަވައިި އަނެއް ބައި ލުއިކޮށްދޭން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުވާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އޭރު ނިންމާފައިވަނީ އިއްބެގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ މާފު ދިނުމުގެ ގާނޫނުގެ ދަށުން ލުއިކޮށް ދެވޭނެ ކުށެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި އެއީ ހައި ރިސްކް ކުށެއް ކަމަށްވާތީ އިއްބެއަށް މާފު ދޭން ނުފެންނަ ކަމަށެވެ.

އެހެން އޮތްވާ، މި ސަރުކާރުން އިއްބެ ދޫކޮށްލުމަށް ނިންމުމާއެކު ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުވެ، ޓްވިޓާގައި ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ޓްވިޓާގައި މީހަކު ބުނެފައިވަނީ، ހޯރަ އިއްބެ މިނިވަން ވެގެން ދާތަން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ އަމަކު ކުރާ މީހުން މިނިވަންވުމަކީ އެފަދަަ ހުތުރު އަމަލުކުރާ ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެހެން ފަރާތްތަކުން ކުރި ޓްވީޓެއްގައި ވަނީ ކުޑަކުއްޖަކާ ބެހިގެން ޖަލަށްލާފައިވާ ފަރާތެއް ދޫކޮށްލުމަކީ އެކަމަށް ހިތްވަރު ދިނުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ހޯރަ އިއްބެ ދޫކޮށްލުމަކީ އެޒާތުގެ ކުށްކޮށްފައިވާ އެހެން މީހުންވެސް ދޫކޮށްލަން ޖެހޭ ކަމެއް ކަމަށްވެސް ޓްވީޓްގައި ވެއެވެ.

އެހެން މީހަކު ބުނީ، ހޯރަ އިއްބެ ހައްޔަރުކުރީ ފްރޭމްކޮށްފައި ނޫން ކަމަށާއި އެހެން ކަމުން އޭނާ ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ޖަލުގައި ބާއްވަން ޖެހޭ ކަމަށެވެ.

ކުޑަކުއްޖަކާ ބެހިގެން ޖަލަށްލީ ހޯރަ އިއްބެއަށް މާފުދީ ދޫކޮށްލާއިރު ރިހާކުރު ފުޅި ވަގަށްނެގި މީހާއޮތީ ޖަލުގައި ކަމަށް ބުނެ ވެސް މީހަކު ފާޑުކިޔެ އެވެ. މިއީ ޖަޒީރާ ރާއްޖެ ކަމަށްވާނަމަ އެ ރާއްޖެ ގޯސް ކަމަށް އޭނާ ބުންޏެވެ.

އިތުރު ޓްވީޓެއްގައި ވަނީ، ކޮރަޕްޝަން އަކީ ހަމައެކަނި ފައިސާއިން އުފައްދާ އެއްޗެއް ނޫން ކަމަށާއި ރެޑްހޭންޑެޑްކޮށް ހިފައި ހުކުމް ކޮށްފައިވާ ހޯރަ އިއްބެ މިނިވަން ކުރުމަކީ މަގާމުގެ ނުފޫޒުގައި ހިންގުނު ޖަރީމާއެއް ކަމަށެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް ގޯނާ ކުރާ މީހުންނަށް ދެވުނު ލާއިންސާނީ ޓިކެޓެއް ކަމަށެވެ.

ހޯރަ އިއްބެއަށް މާފު ދިނުމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، ޖެންޑާ މިނިސްޓްރީން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ވެސް ވަނީ އަމާޒުވެފަ އެވެ.

ހޯރަ އިއްބެ ދޫކޮށްލަން ނިންމާފައިވާއިރު، މިހާރު ވަނީ އޭނާ ދޫކޮށްލުމާ ދެކޮޅަށް ޕެޓިޝަންތަކެއްގައި ވެސް ސޮއިކުރަން ފަށާފަ އެވެ. ސަރުކާރަށް އޮތް އިތުބާރު ގެއްލިގެންދާ ކަމަށް ބުނެ ސަރުކާރަށް ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިއީ ސަރުކާރުން ރައްޔިތުންނަށްވީ އަދުލު އިންސާފު ގާއިމް ކުރުމުގެ ވައުދު ފުއްދައިދޭ ގޮތް ކަމަށްވާނަމަ އެ ގޯސް ކަމަށް ބުނެ ރައްޔިތުންދަނީ ނުރުހުން ފާޅު ކުރަމުންނެވެ.