ނޮވެމްބަރު 18، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިޖުތިމާއީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ވައުދުފުޅާ އެކު އެވެ. ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަމާ އެކު އެވެ. ވަކިން ހާއްސަކޮށް ގައުމުގެ ތައުލީމާއި ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގައި ނެތް އާ ހިދުމަތްތައް ތައާރަފް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކު އެވެ. އަތޮޅުތަކުގެ ތެރޭގައި ސިއްހީ ނިޒާމް ފުޅާކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަކީ ރައީސްގެ ވަރަށް މުހިންމު ވައުދެކެވެ. ވަރަށް ފަހަތުގައި އޮތް ރާއްޖޭގެ އިޖުތިމާއީ ދާއިރާ މި ސަރުކާރު އައި ފަހުން އެތައް ހަރުފަތެއް ކުރިއަށް ޖެހިއްޖެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔައިރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ސިއްހީ ނިޒާމަށް ރާއްޖޭގައި ކުރިން ނުދެކޭފަދަ ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްދެއްވާފަ އެވެ. އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް އާ ހިދުމަތްތައް ތައާރަފްކޮށް، ރައްޔިތުންނަށް މާލެ ނޫން އިތުރު ގޮތްތަކެއް ވަނީ ހޯއްދަވައިދެއްވާފަ އެވެ. މީގެ ކުރިއަށް ބަލާލާއިރު، ކިތަންމެ ކުޑަ ކުޑަ ކަމަކު ވެސް އަންނަން ޖެހެނީ މާލެ އެވެ. ނޫނީ ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. އެކަމަކު މިއަދު ރަށްރަށުން ވެސް ގިނަ ހިދުމަތްތައް ލިބޭނެ އެވެ. އަމިއްލަ ރަށުން ނުލިބޭނަމަ ބޮޑު ހަރަދު ކޮށްގެން މާލެ އައުމުގެ ބަދަލުގައި އެންމެ ކައިރީގައި އޮތް ރަށަށް ދެވޭނެ އެވެ.
ރައްޔިތުންނާ ވީހާވެސް ގާތަށް ސިއްހީ ހިދުމަތް ގެނެސްދިއުމަށް މި ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އާ ހިދުމަތްތައް ލާމަރުކަޒުކުރުމުގެ ގޮތުން މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީގެ ހިދުމަތް ވަނީ ދޭން ފަށައިފަ އެވެ. އެއީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގަ އެވެ. ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ސާޖަރީއެއް ހެދީ ވެސް ހަމަ ރައީސް ސޯލިހުގެ މި ސަރުކާރުގަ އެވެ. މި ހިދުމަތް މިހާރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވެސް ލިބެ އެވެ.
ސިއްހީ ހިދުމަތް ލާމަރުކަޒު ކުރުމުގެ ގޮތުން ފަސް ޓާޝަރީ ހޮސްޕިޓަލް ރައީސް ސޯލިހުގެ މި ވެރިކަމުގައި ވަނީ ތަރައްގީކޮށްދެއްވާފަ އެވެ. މި ހޮސްޕިޓަލްތަކަށް މުޅިން އާ ހިދުމަތްތައް ތައާރަފްކުރެވި ރައްޔިތުންނަށް އެތައް ގޮތަކުން ލުއިފަސޭހަ ކޮށްދެއްވި އެވެ.
އަތޮޅުތެރޭގައި ތަރައްގީކުރި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް
- ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
- ލ. ގަން ރީޖަނަލް ހޮސްޕިޓަލް
- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
ނަފްސާނީ ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ވެފައިވާ ބައްޔެކެވެ. މިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ބައްޔަށް ފަރުވާ ހޯދުމަށް ސެންޓަރުތަކެއް ގާއިމުކޮށްދެއްވާފަ އެވެ. އެގޮތުން ނެޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތު ގާއިމްކޮށްދެއްވި އެވެ. ފަސް އަތޮޅަކަށް ސައިކިއޭޓްރިސްޓުންގެ ހިދުމަތް ފައްޓަވައިދެއްވި އެވެ. އެއީ ހދ. ރ. ސ. ގދ އަދި ލ އަތޮޅެވެ. ރައްޔިތުން އެންމެ އުފާކުރި ކަމަކީ ނަފްސާނީ ބަލިތަކަށް ދޭ ފަރުވާ އާސަންދައިގެ ދަށަށް ބަދަލުކުރުމެވެ. މީގެ އިތުރުން މޯބައިލް ލެބޯޓަރީގެ ހިދުމަތް ހއ. ށ. ނ. ރ. މ. އަދި ލ. އަތޮޅުގައި ވަނީ ފަށައިފަ އެވެ. އަތޮޅު ހޮސްޕިޓަލްތަކުން ދަތުގެ ފަރުވާ އާއި އަތޮޅު ތެރެއަށް ޑައިލިސިސްގެ ހިދުމަތް ވެސް މި ސަރުކާރުން ވަނީ ފުޅާކޮށްފަ އެވެ. އަދި އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ތެލަސީމިއާ ކުދިންނަށް ފަރުވާ އާއި ޓެސްޓްތައް ހެދުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ރައީސް ސޯލިހުގެ ވަނީ ހައްލެއް ހޯއްދަވައިދެއްވާފަ އެވެ. އެގޮތުން ހުރިހާ އަތޮޅަކުން ފެރިޓިން ޓެސްޓް ހެދުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދެއްވާފަ އެވެ. އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ކުދިންނަށް ބޭނުންވާ ބޭހާއި ވެކްސިން ވެސް މިހާރު ލިބެ އެވެ.
ރަށްރަށުގައި އެމްބިއުލާންސް ނެތި އަތް ގާޑިއަލާއި ޕިކަޕު ފަދަ ތަކެތީގައި ބަލިމީހުން އުފުލާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެކަމަށް މި ސަރުކާރުން ވަނީ ނިމުމެއް ގެނެސްފަ އެވެ. އެގޮތުން 117 އެމްބިއުލާންސް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އޭގެތެރެއިން 41 އެމްބިއުލާންސް ރަށްރަށަށް ފޮނުވާފައިވާއިރު، 76 އެމްބިއުލާންސް އޮތީ ރާއްޖެ އައުމުގެ މަގުމަތީގަ އެވެ.
ސިއްހީ ދާއިރާއަށް މިހާތަނަށް ކޮށްދީފައިވާ ބައެއް ހަރަދުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް ސަރުކާރުން މިހާތަނަށް 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މީގެ ތެރޭގައި އާސަންދައިގެ ދަށުން އިންޑިއާ އަދި ސްރީލަންކާއިން ބޭސްފަރުވާ ހޯދައިދިނުމަށް ވަނީ ހަރަދުކޮށްފަ އެވެ. އަދި މެރަން ސްކީމްގެ ދަށުން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވަނީ ހަރަދުކޮށްފަ އެވެ.
ތައުލީމީ ޖީލެއް ބިނާކުރުން
ތައުލީމީ ދާއިރާއަކީ ރައީސް ވަރަށް ބޮޑަށް އިސްނަންގަވައިގެން ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ ދާއިރާއެކެވެ. ތައުލީމު ކުރިއަރުވައި، ތައުލީމީ ޖީލެއް ރާއްޖޭގައި ބިނާކުރުމަކީ ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެކެވެ. ސްކޫލަށްދާ ކޮންމެ ދަރިވަރަކީ ހެނދުނުގެ ނާސްތާއަށް އިންސާފުކޮށްގެނދާ ދަރިވަރެއްކަން ކަށަވަރުކުރީ މި ސަރުކާރުންނެވެ. އެގޮތުން ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފަށައި، 49،000 ދަރިވަރުންނަށް މިހާރު އަންނަނީ ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންނެވެ.
ދެން އޮތީ ރައީސް ވެވަޑައިގަތް މުހިންމު އަނެއް ވައުދެވެ. އެއީ ހިލޭ ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވުމެވެ. މިއަދު މި ޕްރޮގްރާމްގެ ދަށުން 11،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ހިލޭ ޑިގްރީ ހާސިލްކުރަމުންނެވެ. ސަރުކާރުން ދަރިވަރުންނަށް ދޫކުރާ ސްޑޫޑެންޓް ލޯނުގެ އިންޓްރެސްޓް ވެސް ފަސް ޕަސެންޓުން މިހާރު ވަނީ ތިން ޕަސެންޓަށް ދަށްކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭ-ލެވެލްއަށް ކިޔަވައިދޭން ފަށާފައި ވަނީ ވެސް ހަމަ މި ތިން އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި ސްކޫލް ނެތް ރަށްރަށުގައި ސެޓެލައިޓް ސްކޫލް ގާއިމްކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑެއްގައި އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން، ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ވެސް ރައީސް ސޯލިހު ވަނީ މަޝްރޫއުތަކެއް ފައްޓަވައިދެއްވާފަ އެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ސްކޫލްތަކުގައި 1،068 ކްލާސްރޫމްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި 66 މަލްޓި-ޕާޕަސް ހޯލްގެ މަސައްކަތް ވެސް ކުރަމުން ދެއެވެ.
އިޖުތިމާއީ ރައްކާތެރިކަން
ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށް ސަރުކާރުން މިހާތަނަށް ވަރަށް ގިނަ މަސައްކަތްތައް ވަނީ ކޮށްދީފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެއްވޭ ކަމަކީ އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމެ އެވެ. 10،000ރ. އަށް އެލަވަންސް ބޮޑުކޮށް އެކަނިވެރިމައިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ރައީސް ސޯލިހު އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.
ކުޑަކުދިންނަކީ އަންނަން އޮތް ޖީލެވެ. ރަގަޅު، ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ސަރުކާރުން ވަނީ "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" އާއި "ކުޑަކުދިންގެ އަދުލުގެ ގާނޫނު" އެކުލަވައިލައި ތަސްދީގުކޮށްފަ އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން 18 އަހަރުން ދަށުގެ ކުޑަކުދިން ކައިވެނިކުރުމަށް ނިމުން ގެނެސްދެއްވީ ރައީސް ސޯލިހެވެ. މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން 18 އަހަރު ނުފުރޭ ކުދިންނަށް މަރުގެ އަދަބު ކަނޑައެޅުން ވެސް ވަނީ މަނާކޮށްފަ އެވެ.
ދެން އޮތީ ކުޑަކުދިން ހިތްއުފާކޮށްލައި އާއިލާތަކަށް ހަމެޖެހުން ގެނެސްދިނުމަށް މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ކޮށްދެއްވި ކަންތައްތަކެވެ. އެގޮތުން 41 ރަށެއްގައި ކުޑަކުދިންގެ ޕާކު ވަނީ އަޅައިދީފަ އެވެ،. 2،295 މައިންނަށް މެޓާނިޓީ ލީވް ދިނެވެ. ހަމައެޔާއެކު 807 މީހަކަށް ޕެޓާނިޓީ ލީވް ދިނެވެ. މީގެ އިތުރުން މައްސަރު ޓެކްސް އިން ނަގަނީ "ޒީރޯ ޕަސެންޓް" ޓެކްސް އެވެ. އަންހެނުންގެ މައްސަރު ކަންތަކާ ގުޅިގެން ބޭނުންކުރާ ފެޑް އަދި ޓެމްޕޮން ފަދަ ތަކެތިން ޖީއެސްޓީ ނެގުން ހުއްޓައިލި އެވެ.
ގުރުއާނާ ދީނީ އިލްމު
ރައީސް ސޯލިހަކީ ދީނަށް ލޯބިކުރައްވާ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ލީޑަރެކެވެ. ގުރުއާނާއީ ދީނީ އިލްމު ރައްޔިތުންގެ ތެރޭގައި ވީހާވެސް ބޮޑަށް އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. މިއަދު އެމަނިކުފާނުގެ ސަރުކާރަށް ތިން އަހަރު ފުރިފައިވާއިރު މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުންނަށް ގުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ވަނީ ހިންގައިފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އިލްމު އުނގަންނައިދިނުމަށް 400 އަށްވުރެ ގިނަ ޕްރޮގްރާމްތައް ވަނީ ހިންގައިފަ އެވެ. ދީން ފަތުރައި އެކި މައުލޫތަކާ ގުޅިގެން ދީނީ ނަސޭހަތް ދިނުމަށް 20،000 އަށް ވުރެ ގިނަ ޕްރޮގްރާމް މި ސަރުކާރުން އިންތިޒާމްކޮށްގެން ވަނީ ހިންގައިފަ އެވެ.
ގުރުއާނާއި ދީނީ އިލްމު ފެތުރުމުގެ ގޮތުން، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ވަނީ އުފައްދައިފަ އެވެ. އެގޮތުން ހއ. ކެލާ، ރ. ހުޅުދުއްފާރު، ފ. ފީއަލި، ތ. މަޑިފުށި، ލ. ކަލައިދޫ، ލ. މާބައިދޫ، ގއ. ދާންދޫ، ފ. ނިލަންދޫ، ގއ. ކޮލަމާފުށި އަދި ގދ. ގައްދޫގައި ވަނީ ގޮފިތައް ހުޅުވައިފަ އެވެ. ގުރުއާނާއި ދީނީ އިލްމު ފެތުރުމަށް ހާފިޒުންނާއި މުދިމުން ތަމްރީނުކޮށް، އަރަބި ބަހުގެ ކޯސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމްތައް އަންނަނީ ބާއްވަމުންނެވެ.
ފަންނީ ޒުވާނުން ބިނާކުރުން
ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ވައުދުފުޅެކެވެ. އެއްވެސް ޒުވާނަކު ބާކީ ނުކޮށް، ޒުވާން ޖީލަކީ ފަންނީ އަދި މަސައްކަތްތެރި ޖީލަކަށް ހެދުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެކެވެ. މީހުން ބިނާކުރުމަށް ރައީސް ސޯލިހު ދެއްވާ އަހަންމިއްޔަތުކަމަކީ ރާއްޖޭގެ ކޮންމެ ޒުވާނަކު ވެސް ބަލައިގަންނަ ކަމެކެވެ. މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މިހާތަނަށް މޯލްޑިވްސް ޕޮލިޓެކްނިކްގައި 3000 އަށްވުރެ ގިނަ ޒުވާނުން ވަނީ އެންރޯލްވެފަ އެވެ، ޒުވާނުންނަށް މުޅިން އަލަށް 15 ޕްރޮގްރާމެއް ތައާރަފްކޮށް އަދި އޭގެ ތެރެއިން ތިން ޕްރޮގްރާމް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަނީ ހާއްސަކޮށްފަ އެވެ.
ޒުވާނުންނަށް ފަހި ފުރުސަތުތަކެއްް ހޯދައިދިނުމަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވަނީ ހިންގައިފަ އެވެ. މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށް ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް، ކުޅިވަރު ކުޅޭ އެސޯސިއޭޝަންތަކަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރަކު ކަނޑައަޅައި ރަށްރަށުގައި އެކިކަހަލަ ކުޅިވަރު ކުޅޭނެ ކޯޓުތައް ގާއިމްކުރި އެވެ. އަދި މިހާރު ވެސް އެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރުން
ރައީސް ސޯލިހަކީ ތާރީހާ ސަގާފަތަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ލީޑަރެކެވެ. އެކަން ވަރަށް ރަގަޅަށް ފެންނަން އެބައޮތެވެ. އޭގެ އެންމެ ބޮޑު މިސާލަކީ އެކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދައި ތާރީހާ ސަގާފަތާ ބެހޭ މިނިސްޓަރެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އައްޔަނުކުރެވިގެން ދިޔުމެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އަކީ ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރުވާ އާލާކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ މިނިސްޓަރީ އެކެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ބާރުއެޅުމަށް ރައީސް ވަނީ ހާއްސަ ގާނޫނެއް ވެސް ތަސްދީގުކުރައްވާފަ އެވެ. އެއީ "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" އެވެ.
މީގެ އިތުރުން ވެސް ސަގާފީ ތަރިކައިގެ ދާއިރާއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދަފްތަރު އެކުލަވައިލައި، ގައުމީ ކުތުބުހާނާއަށް ގިނަ ބަދަލުތަކެއް ރައީސް ސޯލިހު ގެންނެވި އެވެ. އާސާރީ އަދި ދުވަސްވީ ތަންތަން ހިމާޔަތްކުރުމަށް ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވަ އެވެ. އެގޮތުން މިހާތަނަށް 20 އަށްވުރެ ގިނަ އާސާރީ މިސްކިތާއި، މަގާމުފުޅު، ތަރާގަނޑު އަދި ހެރިޓޭޖް ސައިޓު ފަދަ ތަންތަން ވަނީ ހިމާޔަތްކޮށްފަ އެވެ.
ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރު ރާއްޖޭގެ އިޖުތިމާއީ ދާއިރާއަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފަ އެވެ. އަދިވެސް މަސައްކަތް ކުރައްވަމުން ދަނީ އެފަދަ ބަދަލުތައް ގެނެސް، މި މުޖުތަމައަކީ ރައްކާތެރި މުޖުތަމައުއެއްގެ ގޮތުގައި ދެމެހެއްޓުމަށެވެ. ރައީސް ސޯލިހަކީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވަމުން އަންނަ ލީޑަރެކެވެ.