ހަބަރު

އާއިލާއަށް ސިއްރުން ކުޑަ އަންހެން ކުއްޖަކު ގެންދިޔަ މައްސަލައެއްގައި ފިރިހެނަކު ހޯދަނީ

އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު އެ ކުއްޖާގެ އާއިލާއަށް ނޭނގި ގެންދިޔަ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާގެ އާއިލާއަށް ނޭނގި އެ ކުއްޖާ ގެންދިޔަ މައްސަލައެއްގައި ހޯދަމުން ދަނީ ގދ. ރަތަފަންދޫ ސީނުގޭ، އިކްރާމް ވަހީދު ކަމަށެވެ. އެ އަންހެން ކުއްޖާގެ އާއިލާއަށް ނޭނގި އެ ކުއްޖާ ގެންދިއުމުގެ އިތުރުން އެ ކުއްޖާގެ މައުލޫމާތާއި އިކްރާމްގެ މައުލޫމާތު ވެސް ފުލުހުންނަށް އޮޅުވާލައި، ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު އިކްރާމްގެ މައްޗަށް ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ތަހުގީގަށް އިކްރާމް ހާޒިރު ކުރަން މަސައްކަތް ކުރި ނަމަވެސް އުޅޭ ތަނެއް ނޭނގޭތީ އެކަން ކުރެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނަށް އެކަން އެންގުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.