ބޭރު ކުޅިވަރު

ހަތަރު މެޗުގެ ސަސްޕެންޝަނާއެކު ނޭމާ އަށް ކޮޕާ އެމެރިކާ ނިމިއްޖެ

ބްރެޒިލްގެ ކެޕްޓަން ނޭމާ ކޮޕާ އެމެރިކާގެ ހަތަރު މެޗަށް ސަސްޕެންޑްކުރުމާއެކު، އޭނާ އަށް މުބާރާތް ނިމިއްޖެ އެވެ.

ޗިލީގައި ކުރިއަށްދާ ކޮޕާ އެމެރިކާގައި ބުރާސްފަތި ދުވަހު ކޮލަމްބިއާ އަތުން 1-0 އިން ބްރެޒިލް ބަލިވި މެޗަށް ފަހު ނޭމާގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކާ ގުޅިގެން ރެފްރީ ވަނީ ނޭމާ އަށް ރަތްކާޑު ދައްކައިފަ އެވެ. ރަތްކާޑާއެކު ނޭމާ އެއް މެޗަށް ސަސްޕެންޑްވި ނަމަވެސް، ސައުތު އެމެރިކަން ފުޓްބޯލް ކޮންފެޑެރޭޝަން އިން ވަނީ އެ މައްސަލަ ބެލުމަށް ފަހު އިތުރު ތިން މެޗަށް ނޭމާ ސަސްޕެންޑްކުރަން ނިންމައިފަ އެވެ.

ނޭމާ އަށް ރަތްކާޑު ދެއްކީ ރެފްރީ މެޗު ނިންމާލުމާއެކު، ކޮލަމްބިއާގެ ކުޅުންތެރިއެއްގެ ގައިގައި ބޯޅައިން ޖެހުމުންނެވެ. އަދި އެއަށް ފަހު ނޭމާ ވަނީ އޭނައާ ކައިރިވި ކޮލަމްބިއާގެ ކުޅުންތެރިއެއްގެ ގައިގައި ބޮލުން ޖަހައިފަ އެވެ. ނޭމާގެ އަމަލުތަކާމެދު ހިތްހަމަނުޖެހިގެން އޭނާ ކޮއްޕާލި ކޮލަމްބިއާގެ ފޯވަޑް ކާލޮސް ބަކާ އަށް ވެސް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ބަކާ ވަނީ ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

ރަތްކާޑު ދެއްކުމުގެ ކުރިން މެޗުގެ ތެރެއިން ނޭމާ އަށް ދެއްކި ރީނދޫ ކާޑާ ގުޅިގެން ދެ ކާޑު ހަމަވެ، ގުރޫޕް ސީގައި ވެނެޒެއޭލާއާ ދެކޮޅަށް ބްރެޒިލް ކުޅޭ ފަހު މެޗުގައި ނޭމާ އަށް ނުކުޅެވޭނެ އެވެ.

ގުރޫޕް ސީގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ގުރޫޕްގައި ހިމެނޭ ހަތަރު ޓީމު ވެސް އޮތީ ތިން ޕޮއިންޓާއެކު އެވެ.