ހަބަރު

އެހީއަށް 115 އަށް ގުޅާ، ބޯހިޔާވަހިކަން ކަލާފާނު ސްކޫލްގައި

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަމަށް އެދޭ ފަރާތްތަކުން 115 އަށް ގުޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެދިއްޖެ އެވެ.

މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާމުންނަށް މައުލޫމާތު ފޯރުކޮށްދޭން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ވިއްސާރައާއި ގުޅިގެން ދިރިއުޅޭ ގެއިން ބަދަލުވާން އެދޭ ފަރާތްތަކުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 115 އަށް ގުޅުމުން އެކަންކަން ހަމަޖައްސަމުންދާނެ ކަމަށެވެ. މީގެ އިތުރުން ކަލާފާނު ސުކޫލުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބޭސް އެއް ގާއިމްކޮށްފައިވާ ކަމަށާއި އެތަނުން ރައްކާތެރިކަން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައާއި ގެ ތަކުގައި ފެންބޮޑުވެ ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ހާއްސަކޮށް، މަގުމަތީގައި ޕާކްކޮށްފައިވާ ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. ޕާކިން ޒޯންތަކުގައި ހުރި ސައިލަކްތައް ބޮޑުވި ފެންގަނޑުގެ ތެރޭގައި އޮޔައި ގޮސް، ސައިކަލްތަކަށް ގެއްލުންވި އެވެ.

ވިއްސާރައާއި ގުޅިގެން މާލޭގައި ހެދިފައިވާ ފެންގަނޑު ހިންދާލުމުގެ މަސައްކަތް އެމްއެންޑީއެފުން ގެންދަނީ މިއަދު ހެނދުނުއްސުރެ ކުރަމުންނެވެ. އެގޮތުން މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މީގެ އިތުރުންވެސް ފުލުހުންނާއި ސިފައިން ގުޅިގެން ގެންދަނީ ގެތަކަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުންނެވެ.