މިއަދު ހެނދުނުން ފެށިގެން ވެހުނު ބޯވާރޭގައި 160 އާއިލާއަކަށް އަސަރުކޮށްފައިވާ ކަމަށާއި އެ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިސާސްޓާ މެނޭޖްމަންޓުން ކަލާފާނު ސްކޫލްގައި ހަދާފައިވާ ވަގުތީ އިވެކުއޭޝަން ސެންޓަރަށް ވަޑައިގެން ގައުމީ ޓީވީ، ޓީވީއެމްއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރެކޯޑް އަދަދަކަށް މާލެއަށް މިއަދު ވާރޭ ވެހުނު އިރު ފެން ހިންދުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފެން ހިންދުމަށް މަގުތަކުގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕަމްޕްތައް ހަލާކުވެފައި ހުރުން ކަމަށެވެ. އަދި އެކަން އެނގުނު ވަގުތުން ފެށިގެން ސިފައިން 14 ސަރަހައްދެއްގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ
މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު ހެނދުނު 9:00 ޖެހިއިރު ވެހެން ފެށި ވާރޭ މިއަދު އިރުއޮއްސުމާ ހަމަޔަށް މެޓުން މައުލޫމާތު ދެއްވަނީ ރެކޯޑް އަދަދަކަށް މާލެއަށް ވާރޭ ވެހިފައިވާ ކަމަށް. ގާތްގަނޑަކަށް މާލެއަށް 149 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން ވިދާޅުވެ. މިކަން [ބޮޑަށް ފެންބޮޑުވާން] ދިމާވި މައިގަނޑު ސަބަބަކީ ފެން ހިންދަން ހުރި މެކޭނިކަލް ޕަމްޕްތައް ހަލާކުވެފައި ހުރުމުން. އެއީ މާލޭގައި މި ފެން ހިންދަން ހުރި ނިޒާމަކީ. އެހެން ނަމަވެސް އެމްއެންޑީއެފްއިން މި ވަނީ 14 ސަރަހައްދެއްގައި ހަރަކާތްތެރިވާން ފަށާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ވާރޭ ނުވެހި ދެގަނޑިއިރު ނޫނީ ތިންގަނޑިއިރު ވެއްޖިއްޔާ މަގުތަކުގެ ފެން ހިނދޭނެ ކަމަށް މި ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެ،"
ފެންބޮޑުވުމުގެ ގެއްލުންވި އާއިލާތަކުގެ ހިތާމައިގާ ބައިވެރިވާކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، 160 އާއިލާއަކަށް އަސަރުކޮށް އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި އެއް އާއިލާއެއް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބެލުމުގައި ދަށަށް ގެނެސް އެހީވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އާއިލާތަކަށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް ސަރުކާރުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އެވެ.
"އަމިއްލަ ފަރާތްތަކާއި، އާންމުންނާއި ސަރުކާރުގެ އިދާރާތައް ގުޅިގެން އެހީގެ މަސައްކަތްތައް އެބަ ކުރިއަށް ދޭ. އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުމެން ސަރުކާރުން އެ އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުން ލަސްނުކޮށް ދެމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ. "ސަރުކާރުގެ އިދާރާތައް، ފުލުހުން ސިފައިން ކެބިނެޓް މި އޮތީ މިކަމުގައި ރައްޔިތުންނަށް ދޭން ޖެހޭ އެހީ ދިނުމުގައި ތައްޔާރަށް، ސަމާލުވެ،"
މެޓް އޮފީހާ ހަވާލާ ދެއްވާ ރައީސް ވިދާޅުވީ މިވަގުތު ވާރޭ ނުވެހުނު ނަމަވެސް، އަނެއްކާ މިރޭ 10:00 ގައި ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އަދި މިރޭ ދަންވަރު 2:00 - 6:00 އާ ދެމެދުވެސް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ ތިބުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
"މާލޭއަށް މި ކުރިމަތިވި ހާދިސާގައި ގެއްލުންވި އާއިލާތަކާ އެކު ސަރުކާރު ތިބި ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ. "މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން، މާލޭގެ ގިނަ ރައްޔިތުން ނަށް ދިމާވި ދަތި އުނދަގުލަށް ޓަކައި ހިތާމަ ކުރަން. އަދި ހާލުގައި ޖެހުނު އާއިލާތަކަށް އަޅުގަނޑު ހަމްދަރުދީ ވަން،"