މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އެ މައްސަލަ އަކީ ބައިނަލްއަގްވާމީ ގޮތުން އެންމެ އިސްކަމެއް ދެވޭ މައްސަލައެއްގެ ގޮތުގައި ދެމިއޮތުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދގެ މައި އިދާރާގައި މިއަދު ބޭއްވި ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ކްލައިމެޓް މޮމެންޓް" ބައްދަލު ކުރެއްވުމަކީ އދގެ ސެކްރެޓަރީ ޖެނެރަލް އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ހާއްސަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުން ކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމާއި ވިލުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުންފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށްދިއުމުގައި ހުރި ހުރަސްތަކާއި ގުޅޭގޮތުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ މުހިންމުކަން ކުދި ޖަޒީރާ ގައުމުތަކުން އެންމެ ފުރަތަމަ ވަކާލާތު ކުރަންފެށިއިރު އެއީ ހާސިލު ކުރެވިދާނެ ވަރުގެ ލަނޑުދަނޑިއެއް ކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން މިހާރުވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވުމާއި ކުރިއަށް އޮތްތާނގައި ދުނިޔެ އިތުރަށް ހޫނުވަމުން ދިއުމުގެ ސަބަބުން 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމުގެ ފުރުސަތު މިހާރު ހަނިވެފައިވާ ކަމަށެވެ.
އަދި ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ގޮވާލެއްވިއެވެ. މިގޮތުން ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަގުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ވިދާޅުވިއެވެ. ޕެރިސް އެގްރިމެންޓް ބިނާވެފައި އޮތީ އަމިއްލައަށް ޒިންމާދާރު ފިޔަވަޅު އަޅަމުން ގެންދިއުމަށް ކަމުގައިވިޔަސް އެކަން އަމަލުން ނުފެންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަމާޒާ ގާތަށްވެސް ވާސިލްވެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މިހާރާ އަޅައިބަލާއިރު ހަތަރު ބައިކުޅަ އެއްބަޔަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކަނޑައަޅާފައިވާ ގޮތުގެމަތިން ކުރިއަށްދާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑި ކަމަށް ވިދާޅުވިއެވެ.