ރާއްޖެ ކުޅިވަރު

އިމްރާން ހަ މަހަށް ކުޅުމާ ދުރަށް

ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހު ހޮންކޮންގްއާ ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެކަން ޔަގީންވެއްޖެ އެވެ.

ހޮންކޮންގް އަތުން 2-0 އިން ރަށުން ބޭރުގައި ރާއްޖެ ބަލިވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިމްރާންގެ ކަނާތު ކަކުލަށް އަނިޔާވީ ހޮންކޮންގެ ކުޅުންތެރިއަކާއެކު ބޯޅަ ހޯދަން މަސައްކަތްކުރަނިކޮށެވެ. އެ އަނިޔާއާ ގުޅިގެން އޭނާ ވަނީ ބާލައިފަ އެވެ.

ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް މިއަދު ބުނީ އިމްރާންގެ ކަކުލުގެ ޕޮސްޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އަށް ގެއްލުންވެފައިވާ ކަމަށް ސްކޭންތަކުން އެނގިފައިވާ ކަމަށާއި މި އަނިޔާގެ ސަބަބަުން ގާތްގަނޑަކަށް ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ.

"މިއީ އެހާ އާންމު އިންޖަރީއެއް ނޫން. އެކަމަކު ފަސް މަހާއި ހަ މަސް ދުވަހުގެ މުއްދަތެއް ނަގާނެ މި އިންޖަރީ އިން ރަނގަޅުވެގެން ކުޅެން ނުކުންނަން،" ޝަކީބް ބުންޏެވެ.

މި އިންޖަރީއާ ގުޅިގެން، އިމްރާނަށް ވަނީ މި ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މެޗެއް ކުޅުމުގެ އުންމީދު ގެއްލިފަ އެެެވެ. އެކަމަކު ޑިސެމްބަރު މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް އިމްރާން ފިޓުވުމުގެ ފުރުސަތު އެބައޮތެވެ.

ޝަކީބް ބުނީ ޕީސީއެލް އިންޖަރީއަަކަށް ފަރުވާކުރަން "އާންމުކޮށް ސާޖަރީއަކަށް ނުދާނެ" ކަމަށެވެ.

"އެކަމަކު ރާއްޖޭން ބޭރުގައި ދައްކާލުމަށް ފަހު މުޅިން ގޮތެއް ނިންމާނީ. ވަރަށް އަވަހަށް އިމްރާން ރާއްޖޭން ބޭރަށް ދާނެ. ރާއްޖޭން ބޭރުގެ ތަޖުރިބާކާރަކަށް ދެއްކުމަށް ފަހު މުޅިން ގޮތެއް ނިންމޭނީ،" ޝަކީބް ބުންޏެވެ.