މޫސުން

އެންމެ އިސްކަން ދޭނީ ފެންބޮޑުވާ މައްސަލަ ހައްލުކުރަން: މިނިސްޓަރު އަސްލަމް

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭނެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ކަލާފާނު ސްކޫލްގައި ގާއިމްކޮށްފައިވާ ޑީޒާސްޓާ މެނޭޖްމަންޓް ރެސްކިއު ސެންޓަރުގައި ހުންނަވާ މިނިސްޓަރު އަސްލަމް މީޑިއާތަކަށް ވިދާޅުވީ، މި ސަރުކާރާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ މިއިން ދުވަހަކު ނުވާ ވަރަށް މާލޭގައި ފެންބޮޑުވުމުގެ ކާރިސާއެއް ހިނގުމަކީ ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ލިބުނު ބޮޑު ފިލާވަޅެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

"ޑިޒާސްޓާ ހާލަތުން އަރައިގަތުމާ އެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ، މާލޭގައި ފެންބޮޑުވާ މައްސަލައަށް ޓެކްނިކަލް ހައްލެއް ހޯދަން. މާލޭގައި ދިރިއުޅޭ އާންމުންނަށް މިއަދު ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެން އައި ދުވަހެއް މިއީ. މިކަމުން މި އެނގެނީ މިކަމަކީ އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމެއްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުންތައް ބޮޑުކަމުން ދެ އާއިލާއަކުން 18 ބޭފުޅަކު ޑިޒާސްޓާގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށެވެ. އަދި އެ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށް ގެސްޓްހައުސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޑިޒާސްޓާގެ ބެލުމުގެ ދަށުގައި، 10 ބޮޑެތި މީހުންނާއި ހަތް ކުޑަކުދިން އަދި ތިން ތުއްތު ކުއްޖަކު މި ވަގުތު އެބަ ތިއްބެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަދު އެންމެ ފުރަތަމަ ވާރޭ ވެހުނު ވަގުތު ޕަމްޕްތައް ނުޖެއްސުނު ކަމަށާއި އެކަން ދިމާވީ އެތަކެތި ހަލާކުވެފައި ހުރުމުން ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެކަން ނުވާނެ ގޮތަކަށް އެކަމަށް ހައްލުތައް ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕަމްޕްތައް ޖަހައިގެން ފެން ހިންދަން އެބަ މަސައްކަތް ކުރެވޭ އެއާ އެކު ފެން ހިނދެމުން ވެސް އެބަދޭ. އެކަމަކު އަދިވެސް މާފަންނުގެ ބައެއް ހިސާބުތަކުގައި ފެން އެބަހުރި. އަޅުގަނޑުމެންނަށް އެނގޭ މިތަނުގައި ތިބި ބޭފުޅުން ނޫނަސް، އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ވެއްޖެކަން. ވަރަށް އުނދަގުލުމުގައި ބައެއް އާއިލާތައް އަދިވެސް ތިބިކަން. އެހެން ވީމާ މިއީ އަޅުގަނޑުމެން ކޮންމެހެން ހައްލު ކުރަން ޖެހޭ މައްސަލައެއް،" މިނިސްޓަރު ވިދާޅުވި އެވެ.