ދުނިޔެ

ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ އަތެއްވާ ކަމަށް ކަނޑައަޅާ ގަރާރެއް

Dec 6, 2018
1

ވޮޝިންގްޓަން (ޑިސެމްބަރު 6) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާ ކަމަށް ބަޔާންކޮށް، އެކި ޕާޓިތަކަށް ނިސްބަތްވާ ހަ މެމްބަރަކު އެމެރިކާގެ ސެނެޓަށް ގަރާރެއް ހުށަހަޅައިފި އެވެ.

މިދިޔަ ބުދަ ދުވަހު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ނޫސްވެރިޔާ މަރާލުމުގައި ސައުދީގެ ވަލީ އަހުދުގެ ބައިވެރިވުމެއްވާކަމަށް އެމެރިކާގެ ސެނެޓަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ ގަރާރު ފާސްވެއްޖެނަމަ، ޚާޝުގްޖީގެ ގަތުލުގައި މުހައްމަދު ބިން ސަލްމާނުގެ ބައިވެރިވުމެއްވާކަމަށް ރަސްމީކޮށް ކަނޑައެޅިގެންދާނެ އެވެ.

ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ) އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް، އެކަމަށް ސީދާ ވަކި އެއްޗެއް ބުނަން އެމެރިކާ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.