ދުނިޔެ

ޚާޝުގްޖީ މަރުގެ ތުހުމަތު ކުރެވޭ މީހުން ތުރުކީއާ ހަވާލެއް ނުކުރާނަން: ސައުދީ

Dec 10, 2018

ރިޔާދު (ޑިސެމްބަރު 9) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ ތުހުމަތުކުރެވޭ މީހުން، ތުރުކީ އާއި ހަވާލުނުކުރާނެކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ.

ޚާޝުގްޖީ މަރާލުމުގެ ތުހުމަތު ކުރެވޭ ސައުދީގެ ދެ އޮފިޝަލެއް ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފައިވަނިކޮށް، ސައުދީގެ ފޮރިން މިނިސްޓަރު އާދިލް-އަލް ޖުބައިރު ނޫސްވެރިންނަށް ވިދާޅުވީ، ސައުދީއަކީ ސައުދީ ރައްޔިތުން އެހެން ގައުމުތަކާއި ހަވާލުކުރާނެ ގައުމެއް ނޫން ކަމަށެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

ޚާޝުގްޖީގެ ގަތުލުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ ބޭފުޅުން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީގެ ކޯޓަކުން ނެރެފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ޚާޝުގްޖީ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންނަށް މަރުގަ އަދަބު ދޭން މަސައްކަތް ކުރާނެކަމަށް، ސައުދީގެ ބަންޑަރަ ނައިބު ވަނީ ވިދާޅުވެފަ އެވެ.

ސައުދީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ޚާޝުގްޖީ މަރާލި މައްސަލާގައި ޖުމްލަ 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 11 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.