ދުނިޔެ

އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރުތައް ސައުދީން ކުށްވެރިކޮށްފި

Dec 17, 2018

ރިޔާދު (ޑިސެމްބަރު 16) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާ ކަމަށް ކަނޑައަޅުމުގެ އިތުރުން ސައުދީ އިސްވެ ޔަމަނުގައި ކުރަމުންދާ ހަނގުރާމައަށް އެމެރިކާގެ ބައިވެރުވުން ހުއްޓާލުމަށް އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރު ސައުދީ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރު ކުށްވެރިކޮށް ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާގެ ސެނެޓު އިސްވެ ސައުދީގެ މިނިވަންކަމާއި އިސްތިގުލާލުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ސައުދީގެ ދައުރަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ގަރާރުގައި ބުނެފައިވަނީ، ނޫސްވެރިޔާ މަރާލުމުގައި ސައުދީގެ ވަލީ އަހުދުގެ ބައިވެރިވުމެއްވާކަމަށް އެމެރިކާގެ ސެނެޓަށް ގަބޫލުކުރެވޭ ކަމަށެވެ.

ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ) އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް، އެކަމަށް ސީދާ ވަކި އެއްޗެއް ބުނަން އެމެރިކާ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

ޔަމަނު ހަނގުރާމަ

އިރާނުން އެހީވެދޭ ހޫސީންނާއި ދެކޮޅަށް ޔަމަނުގައި ސައުދީ އިސްވެ ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓާލުމަށް ވެސް ސެނެޓުން ވަނީ ފާސްކޮށްފަ އެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫސީންގެ އަތްދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.

އިރާނުން އެހީވެދޭ ހޫސީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ތިން އަހަރު ވީ އިރު، އާއްމުންގެ 10،000 މީހުން މަރުވެ އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފަ އެވެ.

މި ދެ ގަރާރަށް އަމަލު ކުރަން އެމެރިކާ ސަރުކާރަށް ލާޒިމުނުވާއިރު، އެ ދެ ގަރާރުވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރައްވާނެކަމަށްވެ އެވެ.