ވޮޝިންގްޓަން (އޭޕްރީލް 9) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލައާ ގުޅުން އޮތް ކަމަށް ބުނެ ސައުދީ ސަރުކާރުގެ 16 އޮފިޝަލަކަށް އެމެރިކާއަށް އެތެރެވުން މަނާކޮށްފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އެ ނިންމުން އިއުލާނުކުރައްވާފައިވަނީ، ޚާޝުގްޖީގެ ގަތުލާއި ގުޅިގެން އެމެރިކާ ސަރުކާރުން ސައުދީއާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާކަމަށް ބުނެ ފާޑިކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ މައްސަލާގައި މީގެ ކުރިންވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވަނީ ގާތްގަނޑަކަށް 24 ސައުދީ އޮފިޝަލުންގެ ވިސާ ކެންސަލްކޮށް އިތުރު 17 އޮފިޝަލެއްގެ މުދާތައް ފްރީޒްކޮށްފަ އެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް ސައުދީ އިން އެކަން ދޮގު ކުރެ އެވެ. އަދި އެ މައްސަލައިގައި 21 މީހަކު ސައުދީ ސަރުކާރުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ވަލީއަހުދު މުހައްމަދުގެ ގާތް ބޭފުޅުން ހިމެނެ އެވެ.
އެމެރިކާއަށް އެތެރެވުން މަނާކުރި ލިސްޓުގައި ޝާހީ އާއިލާގެ ކުރީގެ އެޑްވައިޒަރު އަދި ވަލީއަހުދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ސައުދު އަލްގަހުތާނީ ހިމެނެ އެވެ.
ނަމަވެސް، ސައުދީން ދައުވާ އުފުލާފައިވާ 11 މީހުންގެ ތެރޭގައި ސައުދު އަލްގަހުތާނީ ނުހިމެނޭކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންތަކަކާއި ހަވާލާދީ ރޮއިޓާސް ނޫހުން ބުނެފައިވެ އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސިއްރުން ކުރިއަށްދާ ޝަރީއަތުގެ އެއްވެސް އަޑުއެހުމަކަށް ސައުދު ހާޒިރުކޮށްފައިނުވާކަމަށް ވެސް އެ ނޫހުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް، ޚާޝުގްޖީ މަރާލުމުގައި އަމަލީގޮތުން ބައިވެރި މީހުން ތުރުކީއަށް ފުރުމުގެ ކުރިން، ސައުދާއި ބައްދަލުކުރެއްވިކަމަށް ސައުދީގެ ޕަބްލިކް ޕްރޮސެކިޔުޓަރު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައިވެ އެވެ.
ދައުވާކޮށްފައިވާ މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ސައުދީއިން އަންނަނީ މަސައްކަތް ކުރަމުން އެވެ.
ޚާޝުގްޖީ ގަތުލު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ތުރުކީއާ ހަވާލު ކުރުމަށް އެ ގައުމުގެ ސަރުކާރުން މީގެ ކުރިން އެދިފައިވެ އެވެ. އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި ސައުދީ ސަރުކާރުން ބުނީ އެ މީހުންގެ މައްޗަށް ޝަރީއަތް ކޮށް އަދަބު ދޭނީ ސައުދީގައި ކަމަށެވެ. އަދި އެ ގަތުލު ހިންގީ، ސައުދީ ސަރުކާރުގެ ވެރިންނަށް އެނގިގެން ނޫން ކަމަށާއި އެކަން ކުރީ ސައުދީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ ބަޔަކު އެ މީހުން އަމިއްލަ އިސްނެގުމަކަށް ކަމަށް ވެސް ސައުދީ އިން ވަނީ ބުނެފަ އެވެ.