ސައުދީ އަަރަބިއްޔާ

ޖަމާލް ހަސޯގްޖީއަށް ވީގޮތް ވަލީއަހުދަށް އެނގިވަޑައިގަންނަވާ: ރިޕޯޓް

އެމެރިކާގެ ޑައިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސް (ޑީއެންއައި) އިން ގާނޫނު ހަދާ މަޖިލީހަށް ފޮނުވި އިންޓެލިޖެންސް ރިޕޯޓްގައި ބުނެފައި ވަނީ ޖަމާލް ޚަޝޮގްޖީއަށް ވީގޮތް މުހައްމަދު ބިން ސަލްމާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ގެ ބޮލުގައި ބަދުނާމު އަޅުވާފައި ވަނީ ކަންހިނގާފައި ހުރި ގޮތަށް ބަލާއިރު "އެވަރުގެ ކަމެއް ޕްރިންސްއަށް އެނގިވަޑައިނުގެން ނުހިންގޭނެ ކަމަށް ލަފާ ކުރެވޭތީ" ކަމަށް ރިޕޯޓްގައިވެ އެވެ.

ޖަމާލް ހަޝޯގްޖީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައޫދީ އެމްބަސީއަށް އޮކްޓޫބަރު 2، 2018 ގައި ވަތް ފަހުން އޭނާ އަށް ވީގޮތް އަދިއަދަށް ދާންދެން ވެސް ނޭނގެ އެވެ. އެހެން ނަމަވެސް، ޖަމާލަށް ވީގޮތް އިންޓެލިޖެންސް ރިޕޯޓްގައި ކިޔައިދީފައި ވާއިރު ކޮޅު ގޮސް ނިމެނީ އެމްބީއެސް އަށެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުން ޖަމާލް ގެއްލުނު ދުވަސްވަރު ތުރުކީގައި ސައޫދީ އެމްބަސީ ސަރަހައްދުން ފެނިފައި ހުރި ހެކިތަކަށް ބަލާއިރު ދެނެގަނެވިފައި ވަނީ އެމްބީއެސްއާ ހުރި ގުޅުމެވެ. އަދި ސީސީޓީވީ ފުޓޭޖްތަކުން އެމްބީއެސްގެ ގާތް މީހުން ފެނިފައި ވާއިރު އެމީހުން ދަތުރުކުރި އުޅަނދުތައް ނިސްބަތްވަނީ ވެސް އެމްބީއެސް ކޮންޓްރޯލްކުރާ ކުންފުނިތަކަށެވެ.

"ސައޫދީ އިންޓެލިޖެންސާ ބެހޭ ހުރިހާ ކަމެއް 2017 އިން ފެށިގެން ޕްރިންސްއަށް އެނގިވަޑައިގަނޭ،" ރިޕޯޓްގައި ބުނެފައިވެ އެވެ. "އެހެންކަމުން ސައޫދީއަށް ނިސްވާ ބަޔަކު ތުރުކީއަށް ދަތުރުކޮށް ސައޫދީ އެމްބަސީގައި ކަމެއް ހިންގާއިރު ޕްރިންސް އަށް އެނގިވަޑައިނުގެން ނުހުންނާނެ" ކަމަށް ރިޕޯޓްގައިވެ އެވެ.