އެމެރިކާގެ ރައިސް ޖޯ ބައިޑަން ސައޫދީއަށް ވަޑައިގެންފި އެވެ. ބައިޑަންއަށް ޖިއްދާގެ ވައިގެ ބަނދަރު -- ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދު ބިން ފައިސަލް އަލް ސައޫދު އާއި ސައޫދީގެ އެމެރިކާ އެމްބެސެޑަރު ޕްރިންސަސް ރީމާ ބިންތު ބަންދަރު އަލް ސައޫދު އެވެ.
ބައިޑަން ސައޫދީއަށް ވަޑައިގަތީ އިޒްރޭލުގައި ދެ ދުވަސް މަދުކުރެއްވުމަށް ފަހު އެވެ. އިޒްރޭލްގެ ވެރިންނަ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހު ބައިޑަން ހުޅަނގު އައްސޭރިއަށް ވަޑައިގެން ޕަލަސްތީންގެ ރައީސް، މަހްމޫދު އައްބާސްއާ ވެސް ބައްދަލު ކުރެއްވި އެވެ.
ސައޫދީ އަރަބިއްޔާގެ ޝާހީ ގަނޑުވަރު އަލް ސަލާމުން ބައިޑަންއަށް މަރުހަބާ ދެންނެވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. ދެ ލީޑަރުން ގޮށްމުށުން ސަލާމްކުރައްވައި މަޝްވަރާއަށް ގަނޑުވަރުގެ ވަޑައިގަތީ އެވެ.
ބައިޑަންގެ އެޖެންޑާ ހަމަޖެހިފައި އޮތް ގޮތުން ސަލްމާން ރަސްގެފާންއާ ބައްދަލު ކުރައްވައި ސައޫދީ އާއެކު ރަސްމީ މަޝްވަރާތައް އެޖެންޑާ ތާޒާކުރައްވާނެ އެވެ.
ދެ ގައުމުގެ ދެމެދުގައި -- ސަރުކާރުގެ ވެރިން ހިމެނޭ ގޮތުން އެއްމޭޒު ދޮށުގައި ބައްދަލު ކުރައްވައި މަތީ ފެންވަރުގެ މަޝްވަރާތައް ހުޅުވާލާނީ އެއަށް ފަހު އެވެ.
ސައުދީ ސަރުކާރުން މަޝްވަރާތަކުގައި ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ވަޒީރުންނާއި އެމްބެސެޑަރުން ބައިވެރިވެ ވަޑައި ގަންނަވާނެ އެވެ.
އެމެރިކާ ސަރުކާރުން މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނީ ރައީސް ޖޯ ބައިޑާން އާއި ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން، ބައިޑަންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން އަދި ބައެއް އިސްވެރިން ނެވެ.
ބައިޑަން ސައޫދީއަށް ކުރައްވާ ދަތުރު ނިންމަވާ ލެއްވުމުގެ ކުރިން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) -- ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ، އޮމާން، ބަހްރޭން އަދި ގަތަރު -- ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގައި މިސްރާއި، އުރުދުން އަދި އިރާގު ވެސް ބައިވެރިވާނެ އެވެ.
ބައިޑަންގެ ދަތުރާ ގުޅިގެން ސައޫދީން ވަނީ އެމެރިކާ އެދުނު ގޮތަށް ބައެއް ކަންތައްތަށް ކޮށްދީފަ އެވެ. އެއީ އިޒްރޭލުގެ ފްލައިޓްތަކަށް ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންކުވޭ ގޮތް ހެދުމެވެ.
މި ހުއްދަ އާއެކު އިޒްރޭލުން ސީދާ ސައޫދީއަށް ދަތުރުކުރި ފުރަތަމަ ފްލައިޓަކީ ބައިޑަން ދަތުރުކުރެއްވި އެއާފޯސް ވަން އެވެ.
އެމެރިކާ އާއި ސައުދީ ކުރާ މަޝްވަރާ ތަކުގައި އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ އަދަދު އިތުރުކުރުމަށް ބައިޑަން އެދިވަޑައި ގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ސައޫދީއާ އެމެރިކާއާ ދެމެދު ސިއްރު ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރައްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.