ދުނިޔެ

ސަލްމާން ރަސްގެފާނަށް އުރުދުޣާން ގުޅުއްވައިފި

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ސައޫދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަލްސައޫދުއަށް ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ތަފުސީލް ދެ ގައުމުންކުރެ އެއްވެސް ގައުމަކުން ހާމައެއް ނުކުރެ އެވެ.

ތުރުކީގެ ޑައިރެކްޓޮރޭޓް އޮފް ކޮމިއުނިކޭޝަން އޮންލައިން ޕޯޓަލްގައި ބުނެފައި ވަނީ ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ސަރަހައްދީ މައުލޫތަކަށް ކަމަށެވެ. ބެލެވޭ ގޮތުގައި އީރާނާ ތުރުކީއާ އޮންނަ ގުޅުމާއި އަދި އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަދި ބެލެސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ. ތުރުކީއަކީ އީރާންއާ ވަރަށް ކަމޭހިތާ ގައުމެކެވެ.

ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ތުރުކީން ބުނީ ރަސްގެފާނަށް ފިތުރު އީދުގެ ހެޔޮ އެދުންތައް އުރުދުޣާން އެރުއްވި ކަމަށެވެ.

ތުރުކީއަކީ ދޭތެރެއަކުން ސައޫދީއާ ފުށުއަރާ ގައުމެކެވެ. އެހެން ނަމަވެސް، އުރުދުޣާން އަކީ ސަލްމާން ރަސްގެފާނަށް ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެކެވެ. ދުނިޔޭގައި ހިނގާ ބޮޑެތި ކަންތައްތަކާ މެދު ސަލްމާން ރަސްގެފާން ވަކި ގޮތަކަށް ނިންމަވައިފި ނަމަ އެއްގޮތަކީ އުރުދުޣާން އެކަމެއް ހަަމަ އެގޮތަށް ގަބޫލުކުރެއްވުމެވެ. އެނޫން ގޮތެއްގައި ހަނުހުންނެވުމެވެ.