ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ އެވެ. ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ދަތުރު އޮތީ ފެބްރުއަރީގައި ކަމަށެވެ.
ސައޫދީ އާއި ތުރުކީއަކީ ހިޔާލު ތަފާތު ދެ ގައުމެވެ. ސައޫދީން ވަކިކޮޅެއް ނަގައިފި ނަމަ އެނޫން ގޮތަކަށް އަމަލު ކުރެވޭތޯ ތުރުކީ އަބަދުވެސް ބަލަ އެވެ.
އެހެން ނަމަވެސް ދެ ގައުމުގެ ގުޅުން މިފަހަކަށް އައިސް ވަރަށް ރަނގަޅުވާތީ ފެނެ އެވެ. ސައޫދީއަށް ތައުރީފް ކުރައްވައި އުރުދުޣާން ދޭތެރެ ދޭތެރެއިން ބަސްވިދާޅުވާތީ ވެސް އިވެ އެވެ.
ސައޫދީން ވެސް ވަނީ މީގެ ކުރިން ދުވަހަކު ވެސް އެތެރެ ނުކުރާ ވަރަށް ތުރުކީގެ މުދާ އެތެރެ ކުރަން ފަށާފަ އެވެ. ދެގައުމުގެ ވިޔަފާރީގައި ލޮނުމަޑު ދުވަސްތަކަކަށް ފަހު ވިޔަފާރި ވަރަށް ރަނގަޅު ކަމަށް އުރުދުޣާން ވެސް ވަނީ ވިދާޅުވެފަ އެވެ.
އުރުދުޣާން ވިދާޅުވީ ރަސްމީ ދައުވަތެއް އޮތް ކަމަށެވެ. ވަކި ބޭފުޅެއްގެ ވާހަކަ ވިދާޅެއް ނުވެ އެވެ. އެއީ ސަލްމާން ރަސްގެފާން ކަމެއް ނުވަތަ މުހައްމަދު ބިން ސަލްމާން ކަމެއް ސާފެއް ނުވެ އެވެ.
އެހެން ނަމަވެސް، ޚަބަރުތަކުން އެނގޭ ގޮތުން މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވަން އުރުދުޣާން އޮތީ އެދިވަޑައިގެންފަ އެވެ. އަދި އެފުރުސަތު އުރުދުޣާންއަށް ދެއްވާފައި އޮތް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އުރުދުޣާންގެ މިދަތުރާ މެދު ބެލެވެނީ މެދުއިރުމަތީގައި ވިޔަފާރި ކޯލިޝަނެއް ހެދުމަށް ސައޫދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެންގުޅޭ ސިޔާސަތާ ގުޅުމެއް އޮވެދާނެ ކަމަށެވެ. ތުރުކީގެ މިސްރާބު މިހާރު އޮތް ގޮތުން ވިޔަފާރީގައި ރަނގަޅު ކާމިޔާބުތަކެއް އަންނަނީ ހޯދަމުންނެވެ.
މެދުއިރުމަތީ ގައުމުތަކަށް ތުރުކީން ލިބެން ހުރި ފައިދާތަކުގެ ތެރޭގައި އެގައުމުގެ އަސްކަރިއްޔާ ހިމެނެ އެވެ. ތުރުކީން ގެންދަނީ އަސްކަރީ ގާބިލުކަން ހޯދުމަށްޓަކައި ޑްރޯނާއި މިސައިލުން ދިފާއުވާ ނިޒާމްތައް އަމިއްލައަށް އީޖާދު ކުރަމުންނެވެ.
އަނެއްކޮޅުން ޕާކިސްތާނާ ގުޅިގެން މަތިންދާބޯޓު އުފުލާ އުޅަނދު ބަނުމަކީ ވެސް ތުރުކީ އިންޖިނޭރުން ރާވަމުން ގެންދާ މަޝްރޫއެކެވެ.