ރަޖިބް ތައްޔިބު އެރުދުޣާން

އަރަބި ގައުމުތަކުން އުރުދުޣާނަށް ތައުރީފްކުރަނީ

އަރަބި އެކުވެރި ގައުމުތަކާއެކު ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެކަން އަމަލުފުޅުން ދައްކަމުން ގެންދަވާތީ ގަލްފް އަރަބި ގައުމުތަކުން އުރުދުޣާންއަށް ހެޔޮބަސް ބުނަން ފަށައިފި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ސަރަހައްދީ ގުޅުން ބަދަހިކުރުމާއި އަދި ޚާއްސަކޮށް އަރަބި އެކުވެރިންނާ ގާތް ގުޅުމެއް ދެމެހެއްޓުމަށް މިހާތަނަށް މާބޮޑު ސާމާލުކަމެއް ދެއްވިފައި ނެތަސް، އެވަގުތު މިހާރު ޖެހިއްޖެ އެވެ.

އޭނާ އަދި ވިދާޅުވި އިސްލާމީ އުޚުވަތްތެރިކަމަކީ ވަކިން ގަދަ ބާރެއް ކަމަށާއި ސިޔާސީ އަދި އިގުތިސޯދީ ބާރެއް އަރަބި އެކުވެރިންގެ މެދުގައި ވެސް އޮންނަން ވާނެ ކަމަށެވެ.

އުރުދުޣާން ސައޫދީއަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގަތުން މިސާލަކަށް ހައްދަވައި ޔޫއޭއީ އޮފިޝަލުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ވިދާޅުވީ އުރުދުޣާން އަކީ ނަމޫނާ ލީޑަރެއް ކަމަށެވެ.

އެމިރޭޓްސްގެ ކުރީގެ ސްޓޭޓް މިނިސްޓަރެއް ކަަމަށްވާ އަންވަރު ގަރުގާޝް ވިދާޅުވީ އުރުދުޣާން ނަމޫނާ ދައްކަވައިފި ކަމަށާއި ދެން އޮތީ އިތުބާޜު ދެމެހެއްޓުމެވެ. އޭނާ އަދި ވިދާޅުވީ ގައުމުތަކުގެ މެދުގައި އިތުބާރު ދެމެހެއްޓިގެން ނޫން ގޮތަކަށް ދުރުރާސްތާ ޕްލޭންތަކެއް ނުހެދޭނެ ކަމަށެވެ.

އަނވަރު ވިދާޅުވި ގޮތުގައި އަރަބި އިސްލާމީ ގައުމުތައް އެކަތިގަނޑަކަށް ވާން ޖެހިއްޖެ އެވެ. ބަޔަކު ބުނާހާ ގޮތެއް ހަދައިގެން އެކުވެރިކަމުގެ ރޫހު ގެއްލިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ މެދުއިރުމައްޗަކީ އާއިލާ ކަމަށާއި ދުނިޔޭގައި ދެންތިބި ގައުމުތަކަކީ ގާތް އެކުވެރިން ކަމަށެވެ. އެނާ އަދި ވިދާޅުވީ އެންމެ އައުލާކަން ބޮޑުވެގެންވަނީ އަރަބި ގައުމުތަކާއެކު ވަރުގަދަ ގުޅުމެއް ދެމެހެއްޓުން ކަމަށެވެ.