ރާއްޖެ ކުޅިވަރު

ދިގު މެދުކެނޑުމަކަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގު މާދަމާ ރޭ އަލުން ފަށަނީ

މަހަކަށްވުރެ ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު، ވިކްޓަރީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މާދަމާ ރޭ އަލުން ފަށާނެ އެވެ.

މި މެޗަށް ވިކްޓަރީ ނުކުންނައިރު، އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ހަ ވަނައިގަ އެވެ. ވިކްޓަރީ ވަނީ ކުޅުނު ދެ މެޗުގެ ތެެރެއިން އެއް މެޗުން މޮޅުވެފަ އެވެ. މަހިބަދޫ އޮތީ ތާވަލްގެ ފުލުގަ އެވެ. ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ބަލްގޭރިއާގެ އިވަނޯފް ސްޓޮއިކޯފްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މަހިބަދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ލީގުގައި ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާ އެވެ. އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް އެވެ. ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނާނީ ބީޖީ ސްޕޯޓްސް އެވެ.

ރޯދަ މަހު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަށާނީ 2200ގަ އެވެ.