ހަބަރު

މުޅި ރާއްޖެ ސާފު ކުރުމުގެ ހަރަކާތް ރައީސް ފައްޓަވައި ދެއްވައިފި

Dec 8, 2018
5

މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ސާފުކުރުމުގެ ކެމްޕޭނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ކޯލިޝަން ޕާޓްނަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވޑައިގެން، އެ ޕްރޮގްރާމްގެ ފެށުން އޮތީ، މާފަންނު ޓާފްދަނޑުގައި މިއަދު ހެނދުނު އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ވެސް އެ ހަފްލާގައި ބައިވެރިވެ ވަޑައިގަތެވެ.

"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" މި ޕްރޮގްރާމް މުޅި ރާއްޖޭގައި ގައުމީ ފެންވަރެއްގައި ހިންގުމަށް މި ސަރުކާރުން ވަނީ ރާވައިފަ އެވެ. އެ ޕްރޮގްރާމްގެ ބޭނުމަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް މީހުން ހޭލުންތެރި ކުރުވުމާއި ތަފާތު ވިހަ ކުނި ބުނިން ރާއްޖޭގެ މާހައުލު ހިމާޔަތް ކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން ތަފާތު އެކި ހަރާކާތްތައް ބޭއްވުމަށް ވެސް ވަނީ ރާވައިފަ އެވެ.

ކެމްޕޭން ފައްޓައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް އެންމެން އެކުގައި ފަށަން ޖެހިފައިވާ ކަމަށެވެ. އަދި ވެށި ސާފުކުރުމަށް ދިވެހިން ތެރޭގައި ކުރިން އޮންނަ ރޫހު އަލުން އާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަނިކުފާނު ވިދާޅުވީ، ކުނި ބުނިން ރާއްޖެ ސާފު ނުކުރާ ނަމަ ދިމާވެށި ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި ނަތީޖާއެއް ނުފެންނާނެ އެވެ.

"ކުނި ނައްތާލުމަކީ، މި ރާއްޖޭގެ ކޮންމެ ރަށަކަށްމެ ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެއް، މިފަދަ ކޮންމެ މައްސަލައެއްގެ ހައްލު ފެށެނީ، ފަރުދުންގެ ކިބައިން ކަމުގައިވާތީ، މިކަމުގައިވެސް ފަރުދީ ޒިންމާގެ ދައުރު ވަރަށްބޮޑު. މިއަދު މި ފެށިގެންދާ ސާފުކުރުމުގެ ހަރަކާތަކީ އަންނަން އޮތް ޖީލުތަކަށް މި މުއްސަނދި ވެށި ފުރިހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިއްމު މަސައްކަތެއް. ތިމާވެށީގެ ނުރައްކާތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި، ޖަޒީރާ ގައުމެއްގެ ލީޑަރެއްގެ ގޮތުގައި، މި ރާއްޖެއަށް ދެމިއޮވެވޭނީވެސް ސާފުތާހިރުކަންމަތީ މި ރާއްޖެ ބާއްވައިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު ރައީސް ސޯލިހު އާއި ނަިއބު ރައީސް ފައިސަލް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އަމަލީ ގޮތުން މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާއި ބައެއް ކުންފުނިތަކުގެ މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވެ އެވެ. މި ހަރަކާތް ރިސޯޓްތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ވަކި އުސޫލެއްގެ ދަށުން ޝެޑިއުލް ކުރެވިގެން ބާއްވަން ވަނީ ރާވައިފަ އެވެ.