ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ކައިރި މުސްތަގުބަލުގައި ބަނދަރެއް ލިބޭނެ ކަމުގެ ފެހި ސިގްނަލް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ދެއްވައިފި އެވެ.
ރާއްޖޭގެ ސަފާރީ އިންޑަސްޓްރީ ތަމްސީލް ކުރާ ލިވްއަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން މިއަދު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުއާ ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން ލޭމްގެ ރައީސް އަހުމަދު ޝާހިދު "އަވަސް"އަށް ވިދާޅުވީ މި ބައްދަލުވުމުގައި ލިބުނު އެންމެ ބޮޑު އެއް އުފަލަކީ ސަފާރީއަށް އަވަސް މުސްތަގުބަލެއްގައި ބަނދަރެއް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވުން ކަމަށެވެ.
"އަޅުގަނޑުމެން މީހުންނަށް މިހާރު މި އެނގެނީވެސް ބަނދަރެއް ނެތް އިންޑަސްޓްރީގެ ގޮތުގައި. މިގޮތުގައި އުޅޭތާ 11 އަހަރު ވެއްޖެ. އެކަމަކު މިއަދު މިނިސްޓަރު ފައްޔާޒުއާ ބައްދަލުކޮށް ދެއްވި ޔަގީންކަމުން އުންމީދު އާ ވެއްޖެ. އެހެންވެ އަޅުގަނޑުމެން މިހާރު މި ބަލަނީ އާ މިނިސްޓަރަކީ އުންމީދީ މިނިސްޓަރެއްގެ ގޮތުގައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އާ އިކޮނޮމިކް މިނިސްޓަރަކީ ރާއްޖޭގެ ސަފާރީ ސިނާއަތު ވަރަށް ރަނގަޅަށް އެނގޭ މިނިސްޓަރެއް ކަމަށެވެ. އެހެންވެ، ވަރަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޝްވަރާތަކުގައި މި ދާއިރާއިން މީހުން ބިނާ ކުރުމާ މެދު ވެސް މަޝްވަރާ ކުރެވުނު. މީގެ އިތުރުން މިނިމަމް ވޭޖު އެކުލަވާލުމުގެ ކަންތައްތަކުގައި ވެސް މަޝްވަރާ ކުރެވުނު،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ ސަފާރީ ސިނާއަތަކުގައި މިލިއަން ޑޮލަރުގެ އަގު ބޮޑު ސަފާރީތައް ހުރެ އެވެ. ނަމަވެސް މި ސަފާރީތަކަށް އެކަށީގެންވާ ބަނދަރެއް ނެތުމުގެ ޝަކުވާ ބޮޑެވެ. އަދި ބަނދަރެއް ނެތުމުގެ ސަބަބުން އަގު ބޮޑު މި އުޅަނދު ފަހަރަށް ދަނީ ބޮޑެތި ގެއްލުންތައް ވެސް ލިބެމުންނެވެ.