ހަބަރު

ރާޅާ އެޅުންތެރިންގެ ޝަކުވާ އަޑުއަހަން މަހްލޫފް ރާޅުގަނޑަށް

ރާޅާ އެޅުންތެރިންގެ ޝަކުވާތައް އަޑުއަހައި ދިމާވެފައިވާ މައްސަލަތައްް ބެއްލުވުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް، ރާޅުގަނޑަށް ވަޑައިގެން ރާޅާ އެޅުންތެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވައިފި އެވެ.

މިނިސްޓަރު މަހްލޫފް މިއަދު ވަނީ ރާޅުގަނޑު ސަރަހައްދަށް ވަޑައިގެން ރާޅާ އެޅުންތެރިންނާއެކު މޫދަށް އެރި ބޮޑީބޯޑިންގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންނާ ބައްދަލުކޮށް ބޮޑީބޯޑިން އެޅުމުގައި ބައިވެރިވެވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ރާއްޖެ ރަން ވަނައެއް ހޯދުމަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްދިޔަ އިރު، ރާޅުގަނޑު ސަރަހައްދަށް މޫދަން އެރުން އޮތީ މަނާކޮށްފަ އެވެ. ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ދިޔަ އިރު ރާޅާ އަޅާ ފަރާތްތަކުން އިހުތިޖާޖު ކުރުމުގެ ގޮތުން ވެސް އެ ތަނުގައި ރާޅާއެޅި އެވެ. އަދި އެ މައްސަލާގައި އެތަނުން ޒުވާނުންތަކެއް ހައްޔަރު ކުރުމަށް ފަހު ފަހުން ދޫކޮށްލި އެވެ.

ފަހުން ސަރުކާރުން ވަނީ ރާޅާ އެޅުންތެރިންނަށް ރަށެއް ހަމަޖައްސީފަ އެވެ. ނަމަވެސް ބްރިޖް ހުޅުވުމާއެކު ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުންވަނީ ހުއްދަ ކޮށްފަ އެވެ.