ވިޔަފާރި

މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމް ދަށްވީ ކީއްވެ؟

Dec 29, 2014

އެހެން އަހަރުތަކުގައި ރާއްޖޭގެ ޓޫރިޒަމްގެ "ބަހާރު މޫސުން" ފެށޭ ދުވަސްވަރަކީ ނޮވެމްބަރު މަހެވެ. އެއީ އާ އަހަރުގެ ބަންދަށް ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ބުކިން ހައްދަން ފަށާ މަހެވެ. ތައްޔާރީތައްވާ ދުވަސް ވަރެވެ. މީގެ ސަބަބުން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަސް ވެގެން ދަނީ ރާއްޖޭގެ ޓޫރިޒަމް ތިޔާގި މަހަކަށެވެ. ނަމަވެސް މި ފަހަރު މިކަން ތަފާތެވެ. މުޅި އަހަރު ދުވަހު ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ނަމަވެސް ނޮވެމްބަރު މަސް ވެގެން ދިޔައީ ހީނަރު މަހަކަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 94،589 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 89،778 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 5.1 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖެ ޓޫރިޒަމަށް ބަލާއިރު ރަޝިއާއަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. ނަމަވެސް ރަޝިއާ-ޔޫކްރެއިން މައްސަލައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ. މީގެ އެއް ސަބަބަކީ ރާއްޖޭގެ މެދު ފަންތި އާއި މަތީ ފަންތީގެ ގިނަ ރިސޯޓުތަކުގެ އެނދުތައް މި ސަރަހައްދުން އަންނަ ޓޫރިސްޓުން ހިއްސާ ކުރުމެވެ.

މިދިޔަ މަހު ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރަޝިއާ ހިމެނޭ އީސްޓަން ޔޫރަޕް ބައްރުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 22 ޕަސެންޓް ދަށްވެފަ އެވެ. މި ބައްރުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ރަޝިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 7،675 ޓޫރިސްޓުން އައި ނަމަވެސް މި އަހަރުގެ ނޮވެމްބަރު މަހު މި ގައުމުން ރާއްޖެ އައިސްފައިވަނީ 5،723 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13.3 ޕަސެންޓުގެ ދަށްވުމެކެވެ. މި ސަރަހައްދުން ޓޫރިސްޓުން އަންނަ އެހެން ގައުމުތަކަށް ބަލާއިރު ޗެކްރިޕަބްލިކުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 23 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ޔޫކްރެއިނުން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 28 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންސީ ކަމަށްވާ ރިއެއްލޯ ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަލީލު ވިދާޅުވި ގޮތުގައި ރަޝިއާ ޓޫރިސްޓުންގެ އަދަދު މަދުވި އެއް ސަބަބަކީ އެ ސަރަހައްދުގެ ހަމަނުޖެހުން ބޮޑުވުމެވެ.

"މި ހަމަނުޖެހުމުގެ ސަބަބުން ރަޝިއާގެ އިކޮނޮމީއަށް ވެސް ވަނީ އަސަރުކޮށްފައި. މިކަމުގެ ސަބަބުން ރަޝިއާ ފައިސާގެ އަގު ވަނީ ވެއްޓިފައި. ރަޝިއާ ރުބެލްގެ އަގު ވަނީ 31 އިން 58 އަށް ވެއްޓިފަ،" ހަލީލު ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައި ރަޝިއާ މާކެޓު ހީނަރުވި އެއް ސަބަބަކީ ރަޝިއާ-ޔޫކްރެއިން މައްސަލަ ކަމަށެވެ.

"ބައެއް މީހުން ބުނޭ ރާއްޖޭން ރަޝިއާ މީހަކު ހައްޔަރު ކުރި މައްސަލާގައޭ ރަޝިއާ ޓޫރިސްޓުން މަދުވީ. އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނޫން. ރަޝިއާ ޓޫރިސްޓުން މަދުވީ އެ ސަރަހައްދުން ދަތުރުކުރާ މީހުންގެ އަދަދު މަދުވެގެން،" ރިފްއަތު ވިދާޅުވި އެވެ.

މިދިޔަ މަހަކީ ޗައިނާ މާކެޓުން އަންނަ މީހުންގެ އަދަދު ވެސް އެންމެ ބޮޑަށް ދަށަށް ދިޔަ އެއް މަހެވެ. ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 33،905 މީހުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުގެ ނޮވެމްބަރު މަހު ޒިޔާރަތްކޮށްފައިވަނީ 24،729 މީހުންނެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 6.6 ޕަސެންޓުގެ ދަށްވުމެކެވެ.

މި ސަރަހައްދުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ވަކިވަކި ގައުމުތަކަށް ބަލާއިރު ޗައިނާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 26،008 ޓޫރިސްޓުން އައިސްފައިވީ ނަމަވެސް މި އަހަރުގެ ނޮވެމްބަރު މަހު އައީ 24،729 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 4.9 ޕަސެންޓުގެ ދަށްވުމެކެވެ. އަދި މި ސަރަހައްދުން ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކޮރެއާއިން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 24.2 ޕަސެންޓް ދަށްވެފަ އެވެ. ސުވާލަކީ ޗައިނާ މާކެޓު ދަށަށް ދިޔައީ ކީއްވެބާ އެވެ؟

މަޓާޓޯގެ ކުރީގެ ރައީސް ހަލީލު ވިދާޅުވީ ޗައިނާ ޓޫރިސްޓުންނަކީ ނިއު އިޔާ އާއި ކްރިސްމަސް މާބޮޑަށް ފާހަގަކުރާ ބައެއް ނޫން ކަމަށެވެ. 

"ޗައިނާ މީހުންނަކީ ކްރިސްމަސް ފާހަގަ ކުރުމަށް މާގިނައިން ދަތުރުކޮށް ހަދާ ބައެއް ނޫން.އެ މީހުންގެ ދަތުރު ކުރުން ފެށޭނީ ޖެނުއަރީ މަހުން ފެށިގެން. އެހެންވެ ކޮންމެ ވެސް ވަރެއްގެ ބަދަލެއް ފާހަގަ ކުރެވެނީ،" ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަނެއް ސަބަބަކީ ޗައިނީސް ޗާޓަރު ފްލައިޓްތައް މި ދުވަސްވަރު މަދުވުން ކަމަށެވެ.

"ރަޝިއާ ސަރަހައްދުގެ ޓޫރިސްޓުންނަށް ގިނަ އެނދުތައް މި ހުރީ ބަރޯސާވެފަ. މީގެ ސަބަބުން އެކަށީގެންވާ ވަރަށް ބެޑް ނެތުމަކީ ވެސް އެއް ސަބަބު،" ހަލީލު ވިދާޅުވި އެވެ.

ކެޕިޓަލް ޓްރެވަލް ރިފްއަތު ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހާރު ދަށްކޮށް އުޅުނަސް ޖެނުއަރީ، ފެބްރުއަރީ މީގެ އިތުރުން މާޗަކީ ޗައިނީސް އެންމެ ގިނައިން ޓްރެވަލް ކުރާ ދުވަސްވަރު. އެހެންވެ އިތުރު ވެގެންދާނެ،" ރިފްއަތު ވިދާޅުވި އެވެ.