ރައީސް މައުމޫން އަބްދުލްގައްޔޫމް

ދީނީ ސިޔާސަތު ތަންފީޒުކުރުން އަވަސްކުރަން ގޮވާލައިފި

ދައުލަތުގެ ހުރިހާ ސޔާސަތެއް ހިންގަންވާނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ އެއްގޮތަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ އިސްލާމީ ވަހުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި އަގީދާ ދަމަހައްޓައި، އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި އަދި އިގްތިސޯދީ، އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިއާޔަތްކުރައްވާނެ ކަމަށް ބުނެ ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ފުއްދައި ދެއްމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ ތައުލީމު މިހާރަށް ވުރެއް ބޮޑަށް ދަރިވަރުންނަށް އުގަންނައިދުނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

"ދިވެހިންގެ އިސްލާމީ ވަހުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި އަގީދާ ދަމަހައްޓައި، އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިގްތިސޯދީ އަދި އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިއާޔަތްކުރައްވާނެކަމަށް ވެފައިވާ ވައުދު ފުއްދަވައި، ގައުމު ބިނާކުރުމާއި މުޅި ދައުލަތުގެ ހިންގުން އެމަގުން ކުރިޔަށްދާކަން ކަށަވަރު ކުރުމާއެކު ރާއްޖޭގައި އިސްލާމީ ތައުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށް ދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުން،" މައުމޫން ނެރުނެ ބަޔާނުގައި ބުނެފައިވެއެވެ.

މައުމޫން ވިދާޅުވީ ރާއްޖެ މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް އައުމުގެ ސަބަބަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ރާއްޖެ އަދި ދިވެހިންނަށް ލިބުމުގެ ނަސީބު މިންވަރު ކުރެއްވީތީ މާތް ﷲ ގެ ހަޟުރަތަށް ހަމްދާއި ޝުކުރު ކުރާ ކަމަށެވެ.

އިތުރަށް މައުމޫން ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ދިވެހިން ތިބުމުގެ ނަސީބު ދެއްވާ ރާއްޖޭގައި ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި ލަވަހައްޓަވައި އަދި މިގައުމަކީ އަމާން ކަން އަދި ސުލްހަ މަސްލަހަތަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ދުއު ކުރައްވާ ކަމަށެވެ.