ރާއްޖޭގައި ކޮރަޕްޝަން ފެތުރޭ ސަބަބު ހޯދާ ހައްލު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ގާސިމް ވިދާޅުވީ ކޮރަޕްޝަންއަކީ ހުރިހާ މުޖްތަމައެއްގެ ތެރެއަށް ވެސް އޭގެ ނުބައި އަސަރު ފެތުރި މޫ ލާފައިވާ އަދި މުޖްތަމައުތައް އޭގެ ނުބައި ވަބާއިން ސަލާމަތްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ބޮޑު މައްސަލައެއް ކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މި ދުވަސް ފާހަގަ ކުރަނީ އެހެންވެ ކަމަށާއި ދިވެހި މުޖްތަމައު ވެސް ކޮރަޕްޝަންގެ ނުބައި އަމަލު ފޮހަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރަން ސަމާލުކަން ދޭވީ ކޮރަޕްޝަން ފެތުރެމުންދާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ދެފުން ފެންނަ ގޮތަކަށް ކުރިޔަށް ގެންދިޔުމުން ވެސް ކޮރަޕްޝަން މަދުކުރެވި ރައްޔިތުންގެ އިތުބާރު ލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"..އެހެން ގައުމުތަކެކޭ އެއްފަދައިން، މި ދިވެހިރާއްޖޭގެ ތަރައްގީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި އަމަލު. ގައުމުގެ ފުދުންތެރިކަން ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭ މައިގަނޑުގެ އަސްލަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ މިނުބައި ވަބާ ފެތުރިފައިވާލެއް ބޮޑުކަމެއް،" ގާސިމް ވިދާޅުވި އެވެ.
އެހެންކަމުން ކޮރަޕްޝަން ހިންގާ ފަރާތްތަކާއި މިކަމަށް އެއްބާރުލުންދޭ ފަރާތްތަކުގެ މައްސަލަތައް އެއްވެސް އިސްތިސްނާއެއް ނެތި ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދީގެން ނޫނީ އެ ވަބާއިން މި ގައުމު ސަލާމަތް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.