ހިޔާނާތް

ގާނޫނުތަކުގައި ބާގަނޑުތައް ގިނަ، ހައްލުކުރުން މުހިންމު: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ދީމާވެފައިވާ ގޮންޖެހުންތައް ނައްތާލަދޭން ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް ހައްލެއް ލިބިފައިނުވާ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކޮރަޕްޝަނާ ދެކޮޅު ދުވަހާ ގުޅިގެން އޭސީސީގެ ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޭސީސީއަށް ގާނޫނު މަތިކޮށްފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަސައްކަތް އޭސީސީއަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކުރެވުނު އެންމެ ރަނގަޅަކަށް ކުރަމުންދާ ކަމަށެވެ. ކޮރަޕްޝަންއާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް ގިނަ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް އަމާޒްކޮށްގެން
ހިންގުނު ހަރަކާތްތަކާއި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ހިންގުނު ހަރަކާތްތައް އެސީސީ ލުތުފީ ފާހަގަކުރެއްވި އެވެ.

ލުތުފީ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރުމުގައި އޭސީސީއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާތިވެ އެވެ. އެކަންކަން ހައްލު ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އެދިފައިވީ ނަމަވެސް އޭގެ ތެރެއިން އެއްވެސް ކަމަކަށް ހައްލު ލިބިފައި ނުވާ ކަމަށް އޭސީސީގެ ރައީސް ވިދާޅުވި އެވެ.

އެގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ގާނޫނުލް އުގޫބާތަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބޭނުންވާ އިސްލާހުތައް ވެސް ފާހަގަކޮށްފައިވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ. ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ވެސް ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި ނަމަވެސް އަދި އެކަން ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސާޅީހަށްވުރެ ގިނަ ގައުމުތަކުން އެއީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު ރާއްޖެ އެކަމުގައި ފަހަތު ފަޔަށް ބުރަވާންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ކުށް ހިންގާ މީހުންނަށް ކުށް ސާބިތުކުރެވޭ ގާނޫނުތަކުގައި ވަރަށް ބޮޑެތި ބާގަނޑުތައް އެބަ ހުއްޓެވެ. އެކަންކަން ހައްލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަންއަކީ ގައުމެއްގެ އާންމު ހަމަޖެހުމަށާއި، އިގުތިސޯދީ ކުރިއެރުމާއި، ފަރުދުންގެ ފުދުންތެރިކަން އިތުރުވެ އުފާވެރި ދިރިއުޅުމަކަށް ވާސިލުވަުމަށް އޮންނަށް މަގަށް އެޅިގެންދާ ހުރަހެއް ކަމަށް ލުތުފީ ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ގައުމުގެ ތަރައްގީގެ ދުވެލި ލަސްވެ، ގައުމުގެ ތަރއއްގީއަށްވެސް ހުރަސް އެޅިގެންދޭ، ގައުމުގެ ތަރައްގީ އަދި ރައްޔިތުންގެ ފަދުންތެރކަމަށް ހުރަސް އެޅެމުންދާ ކޮރަޕަޝަންގެ ވަބާނައްތާލަން ބޭނުންވާނަމަ ކޮރަޕްޝަން ނައްތާލަން ބޭނުންވާނަމަ ދައުލަތުގެ ހުރިހާ އިދާރާތަކުން އެކެމާ ދެކޮޅަށް މަސައްކަތް ކުރުން އެެއީ މުހިންމު އެއް ޒިންމާކަމަށް ދެކެން ޖެހޭ،" ލުތުފީ ވިދާޅުވި އެވެ.