ހަބަރު

އަނިޔާވެރިކަމާއި ހަރުކަށިކަން ދުރުކުރާނަން: އިމްރާން

އަނިޔާވެރިކަމާއި ހަރުކަށިކަން ދޫކޮށްލައި އިސްލާމްދީނުގެ ހެޔޮ ތަރުބިއްޔަތު ޒުވާނުންނަށް އުނގަންނައިދިނުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ހޯމްއެފެއާޒް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓިގެ ރައީސް، މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިންނަކީ ގަދަރުވެރި ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމަތީގައި ނުވަސަތޭކަ އެއްހާ އަހަރު ދެމިއޮތުމުގެ ސިއްރަކީ މާތްވެގެންވާ އިސްލާމްދީނުގެ ރީތި އަހުލާގާއި އަގީދާ ދިވެހިންގެ ތެރޭގައި އަށަގަނެފައި އޮތުން ކަމަށެވެ. ނަމަވެސް ދީނުގެ ރީތި އާދަތަކާ ދުރަށް މިހާރުގެ ޒުވާނުން ތަރުބިއްޔަތުވަމުންދާތަން ފެންނަ ކަމަށާއި އެއީ ދިވެހިންގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކާބަފައިން އަހަރެމެންނާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރިކޮށްދިން ދީން، ހަމަ އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ޒުވާނުންނަށް އިސްލާމްދީން އުނގަންނައިދޭން ކޮންމެހެން މަޖުބޫރު ކަމަށާއި އެކަން މި ސަރުކާރުން ކުރާނެ ކަމަށެވެ.

"ސަރުކާރުގެ އުންމީދު ތަކެއް އެބަ އޮތް. އަޅުގަނޑުމެން އަނިޔާވެރިކަމާއި ހަރުކަށިކަން ދުރުކުރާނަން... ސުލްހައާއި އަމާން ވެއްޓެއްގައި ދީން މަތިވެރިކޮށްދޭނަން... ރިވެތި ނަމޫނާ އާއި ރިވެތި މިސާލުން އަޅުގަނޑުމެންނަށް މިސާލު ދެއްކިއްޖެ ނަމަ ދީން އެއްޖީލުން އަނެއްޖީލަށް އިސްލާމް ދީން ރައްކާތެރިކަމާއެކު ވާސިލްކޮށްދެވޭނެ،" އިމްރާން ވިދާޅުވި އެވެ.

ދީން ދަސްކޮށްދިނުމަށް އުނގަންނައިދޭ ފަރާތްތައް އިސްވާންޖެހޭކަމަށް އިމްރާން ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިން ސަރުކާރަށް ތާއީދާއި އެއްބާރުލުން ދޭންޖެހޭކަމަށާއި އޭރުން މިއަދަށްވުރެ މާ ދީންވެރި ޖީލެއް މާދަމާއަށް ފޯރުކޮށްދެވޭނެ ކަމުގެ އުންމީދު އެބައޮތްކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"ދިވެހިންނާ ހަމައަށް ކާބަފައިން ދީން އަމާނާތްތެރިކަމާއެކު ފޯރުކޮށްދީފި. މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޒިންމާއަކީ މި ދީން ހެޔޮގޮތުގައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުން. މިއީ ބޮޑު ޒިންމާއެއް،" އިމްރާން ވިދާޅުވި އެވެ.

ދިވެހި ރާއްޖެ އިސްލާމްވީ މީލާދީން 1153 ވަނަ އަހަރު އެވެ.