ހަބަރު

އާ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވި އަށް ބޭފުޅެއްގެ ނަން ދިރާސާ ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ގާނޫނު އަސާސިގެ 115 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި ރައީސް ފޮނުއްވާ ނަންފުޅުތައް ދިރާސާކޮށް ރުހުންދޭނީ މަޖިލީހުންނެވެ. އަށް ގައުމެއްގެ ސަފީރު ކަމަށް ރައީސް ފޮނުއްވި ނަންފުޅުތައް މަޖިލީހަށް މިއަދު ހުށަހެޅުމުން އެ ހުރިހާ ބޭފުޅުންގެ ނަންތައް ވަނީ ދާއިމީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސަފީރު ކަމަށް އައްޔަންކުރާ ބޭފުޅުން:

  • ބްރަސަލްސްއަށް ގ. ފިޔާތޮށިގެ، ހަސަން ސޯބިރު
  • އިންޑިއާއަށް ހ.ދޫރިހާ، އާއިޝަތު މުހައްމަދުދީދީ
  • ސިންގަޕޫރަށް އަބްދުﷲ މައުސޫމް
  • ޖަރުމަނުވިލާތަށް ހ. ސީވީޑް، އަހްމަދު ލަތީފް
  • އިނގިރޭސިވިލާތަށް ފަރަޙަނާޒް ފައިސަލް
  • އދ އާއި އެމެރިކާއަށް ތިލްމީޒާ ހުސައިން
  • މެލޭޝިޔާއަށް ވިސާމް އަލީ
  • ސްރީލަންކާއަށް ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގް

އަށް ބޭފުޅުންގެ ނަން މިއަދު މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައިވާއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އާ ސަރުކާރުން ބޭރުގައި ހުންނަ އެމްބަސީތަކަށް އައްޔަން ކުރާނި ހާރިޖީ ދާއިރާގެ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.