ވާހަކަ

ފައިލަސޫފި

ޗެޕްޓާ 1: ރާވެރިބޭގެ ދަރި

ރާވެރިބެއެއްގެ ދަރިއަކު ވާން ޖެހޭނީ ރާވެރިޔަކަށެވެ. ރުއް ރާކޮށްގެން ރާ ބާލަން އެނގެން ޖެހޭނެ އެވެ. ދެ އުނބު ނުވަތަ ތިން އުނބު އެއްކޮށްގެން ރާބަނދި ބަންނާނޭ ގޮތް ވެސް އެނގެން ޖެހޭނެ އެވެ. އޭގައި ރުކަށް ފެން ގެންގޮސް ރުކުން ރާ ބާލަން އެނގެން ޖެހޭނެ އެވެ. ރާވަޅިއެއް ހަނުލާނެ ގޮތާއި އެއިން އެތްމަންނާނޭ ގޮތް ވެސް ފިސާރި ރަނގަޅަށް އެނގެން ޖެހޭނެ އެވެ.

ނަމަވެސް ހުސެންފުތުބޭގެ ހިތާމަ އަކީ އަދި ބަދުނަސީބަކީ އެފަދަ ދަރިއެއް އޭނާގެ ނެތް ކަމެވެ. މާތް ރަސްކަލާނގެ ހުސެންފުތަށް މިންވަރުކުރެއްވީ ހަމަ އެންމެ ފިރިހެން ދަރިއެކެވެ. ދޯރާ ދީގެން އެ ސޮރެއް ބޮޑުކުރި ނަމަވެސް ރާވެރިބެއެއްގެ ހިތަކާއި އުޅުމަކާއި އަހުލާގެއް އޭނާ އަކަށް ނުލިބުނެވެ. އޭނާގެ ނަސީބަކު ނެތެވެ.

މި ހިތާމައިން މިންޖުކޮށް، ދެ ވަނަ ފިރިހެން ދަރިއަކު ދެއްވާތޯ ހުސެންފުތު ނުކުރާކަށް ދުޢާއެއް ވެސް ނެތެވެ. ނަމަވެސް އިރާދައިގައި އޮތް ގޮތް ބަދަލުވާނެ ހެއްޔެވެ؟ ނަދުރު ބުނެ، ގުރުބާން ކަތިލައިގެން ވެސް ވީ ކަމެއް ހަރާމެވެ. ދެން ލިބުނީ މުޅިން ވެސް އަންހެން ދަރީންނެވެ.

ދެ ވަނަ ފިރިހެން ދަރިއަކު އިރާދައިގައި ނެތްކަން ހުސެންފުތަށް އިހްސާސްވެ އެންމެފަހުން އެކަމަކުން ދެ އަތް ފޮޅައިލިއިރު ކާން ދޭން ޖެހޭ އަނގަތައް އޮތީ ގިނަވެފަ އެވެ. މާތް ރަސްކަލާގެ ދެއްވާ ނިއުމަތްތަކަށް ޝުކުރުވެރި ނުވާ މީހާ އަށް ކޯފާ ޖައްސަވަތެވެ. މިހެން ހިތަށް އަރާފައި ހުސެންފުތު ބެޔަށް ރޮވުނީ އެވެ.

"ބައްޕަ ދެރަވާނެ ކަމެއް ނެތެވެ. އަޅުގަނޑު ވާނީ ފަހުރުވެރި ނިޔަމި އަކަށެވެ."

ރާވެރިއަކަށް ހަދަން ބޭނުންވި ފިރިހެން ދަރި މިހެން ބުނި ދުވަހު ހުސެންފުތުގެ ހިތް ފަޅައިގެން ދިޔައީ އެވެ. ފުން ހިޔާލެއްގެ ތެރެއަށް ދަމައިގެން ގޮސް ވާނުވާ ވެސް އޮޅުނީ އެވެ.

ތަންމަތިބަލިން ކަސްތޮޅު އެޅި، އަކުރެއް ފިއްޔެއް ވަކިކުރަން ނޭނގޭ މީހަކަށް ދަސްވާނީ ކޮން ނިޔަމަވެރިކަމެއް ހެއްޔެވެ؟ މިހެން ހިތަށް އަރައި ބޯ ކަހާލި ވަގުތަކާ ދިމާކޮށް ހުސެންފުތުގެ އަޖަލު ހަމަވީ އެވެ. އަތުގައި އޮތް ރާބަނދި ދޫވެގެން ގޮސް ރުކުގެ ބުޑަށް ތަޅައިގެން ދިޔައީ އެވެ.

ރާ ބާލައިގެން އަންނަ ވަގުތު ފަހަނަޅައި ގޮސް ޚަބަރެއް ނުވެގެން ހުސެންފުތަށް ވީގޮތް ބެލުމަށް ރަށުގެ މީހުން ރާވަލަށް ނުކުތްއިރު އޭނާ އޮތީ ރާރުކެއްގެ ދަށަށް ވެއްޓިފަ އެވެ. ނުވަތަ ރާ ބާލަން އެރި ރުކުން ވެއްޓި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރީ އެވެ.

އެހެންވީމަ ބައްޕަގެ ފިޔަވަޅުމަތިން ރާރުކަކަށް ނޭރުނުކަން ނަސީބެއް ނޫން ހެއްޔެވެ؟ ހުސެންފުތުގެ ފިރިހެން ދަރި ވިސްނީ ޖެހިގެން ހުރި މީހާގެ ގާތަށް ރުޅި އަންނަ ވައްތަރަށެވެ.

"ބަލަ، މިހިރަ ބީތާއަކާ ޖެހިގެންގޮހޭ އެބެއެއްގެ ޒަމާން އެ ދިޔައީ. ދެން މިހުރިހައި ރާރުއްތަކަށް ހަދާނޭ ގޮތް އަޅެ ކަލޭ ބުނެ ބަލަ؟،" ރާވަލުގައި ބޭއްވި ރާވެރިބޭގެ ޖަނާޒާއަށް ފަހު އޭނާގެ ފިރިހެން ދަރިއާ ދިމާލަށް މުސްކުޅިފުރައިގެ ފިރިހެނަކު ފަތިވަރު އަމުނާލީ މިހެންނެވެ.

އެއަށް ދޭނެ ރައްދެއް ރާވެރިބޭގެ ދަރީގެ އަތަކު ނެތެވެ.

ހުސެންފުތު ބޭ މާ ކުރިން ވެސް އެދިފައި އޮތް ގޮތަށް އޭނާގެ ރާރުއްތަކުގެ ބިމުގައި އޭނާ ވަޅުލައި ސަލަވާތް ކިޔެވުމަށް ފަހު އޭނާގެ އަންހެން ދަރިންނާއި ރަށުގެ އާންމުން އެމީހުންގެ ޖިފުޓިތަކަށް އެނބުރި ދިޔައީ އެވެ.

ނަމަވެސް ހުސެންފުތުބޭގެ ފިރިހެން ދަރި އެތަނުގައި މަޑުކުރީ އެވެ. ކިޔެވެލިތަކުގެ އަޑު ކެނޑި ފިޔަވަޅުތަކުގެ އަޑު ކެނޑި ރާވަލުގެ ރުއްތައް ވެސް ހުސެންފުތަށް އިހްތިރާމްއަދާކުރުމުގެ ގޮތުން އޭގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައިރު އޭނާގެ ފިރިހެން ދަރި ވެސް ހުރީ ހުރިތަނުގައި ހިރިވެސް ނުލަ އެވެ.

ރާވެރިބޭ ނެތިދިއުމުން އޭނާގެ ރާރުއްތަކާ އެކު އޭނާގެ ފިރިހެން ދަރި ވެސް ހިތާމަކުރާ ކަހަލަ އެވެ. ޔަގީނަށް ވެސް ރާވެރިބޭގެ ފިރިހެން ދަރިއަށް ވުރެ ބޮޑު ހިތާމައެއް ކުރަން ޖެހިފައި ވަނީ ރާވެރިޔާގެ ރާރުއްތަކެވެ.

"އަހަރެމެންނާ ހަވާލުވާން އެހުރީ ކޮހެކެވެ." ރާރުއްތައް މިހެން ބުނާ ކަހަލަ އެވެ. އެހެންޏާފަހެ، ހުސެންފުތުބޭ އެ ރުއްތައް ގެންގުޅުނުހާ ލޯބިން އެ ރުއްތައް ގެންގުޅެވޭނެ ދެ ވަނަ މީހަކު ނެތީމަ އެވެ. ރުއްތަކާ ހަވާލުވާން އެހުރީ އަތުން ފައިން އެއްވެސް މަސައްކަތެއް ކުރަން އެނގޭ ސޮރެއް ނޫނެވެ.

ރުއްތައް ވެސް އެ ވަރުގެ މީހަކަށް މަލާމާތްކުރާނެ ނޫން ހެއްޔެވެ؟ ދެން އެމީހުންގެ ފުރައްސާރަ ފެށީ އެވެ. ކުއްލިއަކަށް އެނބުރިގަތް ގަދަ ވައިރޯޅިއަކާ އެކު ރުއްތަކުގެ ފަންތައް ރުޅިއަރައިގަނެގެން ވައްވައްޖަހަން ފެށި ކަހަލަ އެވެ.

ފެންކަޅިވެފައިވާ ދެ ލޮލުން ރާވެރިބޭގެ ދަރި އެ ރުއްތަކާ ދިމާލަށް ބަލައިލި އެވެ.

"ކަލޭ މި ތަނުން ރައްކާވާށެވެ. އެހެން ނޫނިއްޔާމު ފުރާނަ ގެންގޮސްފާނަމެވެ."

ގަދަކޮށްލި ވައިގެ ރޯޅިތަކަށް ބައިއަތުހިފައި ރާވަލުގެ ރުއްތައް އެއްއަޑަކުން ރާވެރިބޭގެ ސޮރަށް ބިރުދައްކަން ފެށި ކަހަލަ އެވެ.

ދެން ފެނުނީ ކުރު ފިޔަވަޅުތަކެއް ނަގަމުން އޭނާ ގެއާ ދިމާލަށް ހިނގައިގަތްތަނެވެ. ބައްޕަގެ ރާރުއްތަކަށް އޭނާ އަށް ކޮށްދެވޭނެ ކަމެއް ނެތެވެ. އެހެންނޫނަސް އެ ރުއްތަކަށް އަމުދަކުން އޭނާގެ ހިތުގައި ލޯތްބެއް ވެސް ނެތެވެ. ކުޑައިރު ބައްޕަ ގަދަކަމުން ދޯރާ ދިނަސް ހަތަރެސްފައިގައި ވަރުޖެހި އަމިއްލަ އިހްތިޔާރު ލިބުނު ފަހަކުން އޭނާ އެ ރަލުގެ ކޯވަރެއް ވެސް ނުބޮއެ އެވެ.

ހުސެންފުތުބެ ނެތް ދުނިޔެއެއްގައި މި ރުއްތައް ބަލަހައްޓައި އަޅާލާނެ ސާލިހު ދަރިއަކު ދެއްވުމަށް އެދި އޭނާ މާތް ރަސްކަލާނގެ ހަޒުރަތުގައި އާދޭސްކޮށް ރޮއި ހޭރި ހެދި ސަބަބަކީ ވެސް މިއީ އެވެ.

ނަމަވެސް އެ ދުޢާއެއް އިޖާބަ ނުކޮށް ހުސެންފުތުބޭގެ ރާރުކާއި އޭނާގެ ވާހަކަ ނިމުމަކަށް އައީ އެވެ. ދެން ފެށުނީ، ރާވެރިޔަކަށް ނުވި އޭނާގެ ފިރހެން ދަރީގެ ވާހަކަ އެވެ.

*** ** ***

އިސްމާއީލްފުތަކީ ހުވަފެނީ ދުނިޔެއެއްގައި އުޅުނު ޒުވާނެކެވެ.

"ހުވަފެނަކީ ބިލާހެކެވެ." ދުރުވިސްނޭ ބައްޕައެއްގެ ހައިސިއްޔަތުން ހުސެންފުތުބޭ އޭނާގެ ފިރިހެން ދަރިއަށް އަބަދުވެސް ދިން ނަސޭހަތަކީ މިއީ އެވެ.

ނަމަވެސް ހުސެންފުތަކީ ފައިލަސޫފެއް ނޫނެވެ. ރާވެރިއެކެވެ. ބައްޕަގެ ބަސް އިސްމާއީލު ނޭހީ އެހެންވެގެންނެވެ. ހުވަފެނުގައި އޭނާއާ މަޢުނަވީ ފައިލަސޫފަކާ ވެސް ކޮންމެ ރެއަކު ބައްދަލުވާތީ އެވެ.

އެ މީހާ ބުނެތެވެ.

"ކަލޭ އަކީ އިޚްތިޔާރުކުރެވިފައިވާ ޒުވާނާ އެވެ. ބަނޑުއޮޑިއެއްގެ ކައްޕިތާނަކަށް ވާނޭ ޒުވާނެކެވެ. ނިއަމިކަމުގައި ކަލޭ ތަރިއެއްހެން އަރައިގެން ގޮސް އެތައް އުދަރެހެއް ކަޑައްތުކުރާނެ އެވެ."

އެ ވާހަކަ އިސްމާއީލަށް ވުރެ ބޮޑަށް ގަބޫލުކުރި ދެ ވަނަ އިންސިއެއް ނެތެވެ. އެއަށް ފަހު އޭނާ ނިންމީ ދުވަހެއްގެ ކޮޅުން ވެސް ބައްޕަގެ ފިޔަވަޅުމަތިން ނުހިނގުމަށެވެ.

އެއް ރުކުން ރާ ބޭލުމަށް ފަހު އަނެއް ރުކަށް އަރައި ރާ ބޭލުމަކީ ތަފާތު ދެ ތަޖުރިބާއެއް ނޫނެވެ. ރާ ބާލަނީ ދެ ރުކުން ކަމުގައިވީ ނަމަވެސް އެއީ ހަމަ އެއް ކަމެކެވެ. ކުރަން ޖެހެނީ ހަމަ އެއް ކަމެކެވެ. އިސްމާއީލުފުތު ގަބޫލުކުރީ މިހެންނެވެ.

އެހެންވީމަ އޭނާގެ ހިތް ފުންމައިގަތީ އުދަރެހާ ދިމާލަށެވެ. އެއް އުދަރެހުން އަޖާއިބެއް ތަޖުރިބާކޮށް އަނެއް އުދަރެހުން އެއަށް ވުރެ ބޮޑު އަޖާއިބެއް ތަޖުރިބާކުރާށެވެ.

ދެކުނުން އެތައް މޭލެއް ދުރުގައި އޮތް އާދަޔާހިލާފު އައްޑު އަށް ފަންރިޔަލުގައި ދަތުރުކޮށް މަޝްހޫރު އައްޑޫ ބޮނޑީގެ ރަހަ ބަލާށެވެ. ހުވަދޫގެ ފަޅު ރައްތަކުގެ ހުދު ޗާލޫ ދޮންވެލި ތުނޑިތަކުގައި ފޭލިގެ ޖަހައިގެން ރެޔާއި ތަރިތައް ގުނާށެވެ. އެންމެ ރީތި އަންހެނުން އުޅޭ ކަމަށް މަޝްހޫރު ފުވައްމުލަކަށް ގޮސް ލޯބިވެރިއެއް ހޯދައިގެން ރެއާއި ދުވާލު އުފާކޮށް އަރާމު ހޯދާށެވެ.

ހުވަފެނުގައި ބައްދަލުވި ފައިލަސޫފި ކިޔައިދިން ވާހަކަ އަޑުއަހަމުން އިސްމާއީލު ބަލަމުން ދިޔައީ މިފަދަ އެތައް އެތައް ހުވަފެނެކެވެ. އެ ހުވަފެންތަކުގައި ކުލަ ޖެހޭނެ ކަމަށް ފައިލަސޫފި ބުންޏެވެ. ނަމަވެސް ގުރުބާނީތަކެއް ވާން ޖެހޭނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

ބައްޕަގެ މަރު އިސްމާއީލް ގަބޫލުކުރީ މި ސިލްސިލާގެ އެންމެ ފުރަތަމަ ގުރުބާނީގެ ގޮތުގަ އެވެ. އެއަށް ފަހު އޭނާގެ ކުރިމަތީގައި އޮތީ ބައްޕަގެ ރުއްދަނޑެވެ. ނިއަމިއަކަށް ވުމުގެ އަޒުމުގައި ބައްޕަގެ އެންމެ އަގުބޮޑު ތަރިކަ ވެސް ގުރުބާންކޮށްލަންވީތޯ އެވެ؟ އާއިލާގައި ހަގަށް ތިބި އަންހެން ކޮއްކޮމެންގެ ބޮލަށް ރުއްދަނޑު ޖަހާލާފައި އެމީހުން ދޫކޮށް ފުރައިގެން ގޮސް އުދަރެހުން އޮބައި ގެއްލެންވީ ތޯ އެވެ؟

އިސްމާއީލަށް ހިތާހިތާ ކުރެވުނު ކުރެވުނު ސުވާލަކީ މިއީ އެވެ. ނަމަވެސް ފުރައިގެން ވެސް ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ ފުރައިގެން ދާނީ ކޯއްޗެއްގައި ހެއްޔެވެ؟ އެންމެ ކުޑަމިނުން ބޮއްކުރާގަނޑެއް ވެސް ނެތެވެ.

މިހެން ހިތަށް އަރައި، އެނދަށް އަރައި ނިދިބޮޅަކަށް އޭނާ ވެއްޓިގަތީ އެވެ. ދެން ބައްދަލުވީ ފައިލަސޫފާ އެވެ.

"ހަޔާތުގެ ދަތުރަށް ތިބާ ތައްޔާރު ހެއްޔެވެ؟،" ބުއްދިވެރިޔާ ސުވާލުކުރި އެވެ.

"ހުވަފެނަކީ ބިލާހެކެވެ،" އިސްމާއީލުގެ ހިތަށް އެރީ ބައްޕަ ދިން ނަސޭހަތެވެ.

"ހަޔާތުގެ ދަތުރަށް ތިބާ ތައްޔާރު ހެއްޔެވެ،" އެމީހާ އަނެއްކާވެސް އެއްސެވެ.

"އަނެއްކާ މަގޭ ފުރާނަ ގެންދަވަނީ ތޯއްޗެވެ،" އިސްމާއީލުގެ ހިތަށް ވެރިވީ ބިރުވެރިކަމެކެވެ.

"ހަޔާތުގެ ދަތުރަށް ތިބާ ތައްޔާރު ހެއްޔެވެ؟،" އަނެއްކާވެސް ބުއްދިވެރިޔާގެ ހަމަ އެ ސުވާލެވެ.

"އާއެކެވެ. އަހަރެން ތައްޔާރެވެ،" އެންމެފަހުން އިސްމާއީލުފުތަށް ބުނެލެވުނެވެ.

އޭރު ހާ ގޮވައިފި އެވެ. ފުންމައިގެން ތެދުވި ގޮތަށް އިސްމާއީލު ދުއްވައިގަތީ އޮޑިހަރުގެއާ ދިމާލަށެވެ. އިސްމާއީލަކީ ފަތިހުގެ ބަންގީގެ އަޑަށް އަދި ހާލާއި ދުނިޔޭގެ ދިރުމުގެ އަޑަށް ވެސް މީގެ ކުރިއަކުން މިގޮތަށް ހޭލެވުނު މީހެއް ނޫނެވެ.

އެހެންވީމަ އެކަންވީ ޚުދު އިސްމާއީލުފުތު ވެސް ހައިރާންކޮށްލި ކަމަކަށެވެ. މާނައެއް ފޮރުވިފައި އޮތް ކަމަކަށެވެ. އަދި ހުވަފެނުން ބައްދަލުވި ފައިލަސޫފި ދެއްކި ވާހަކަ ކުރިއަށް ވުރެ ބޮޑަށް ގަބޫލުކުރަން ވެސް ފަސޭހަވި ކަމަކަށެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ވެސް ކުއްލިއަކަށް ބޮޑުވެގެން ދިޔައެވެ.

ބޯޖެހިތާ ނަގޫ ޖަހާފައި ގޮސް އިސްމާއީލު ހުއްޓުނީ ރަށުގެ މާވަޑިކަލޭގެ ކުރި މައްޗަށެވެ. އިސްމާއީލު ބޭނުމީ ދޯންޏެކެވެ.

"ދަރިފުޅާ ތިޔައީ އަދި ތިހާ ފަސޭހައިން ކުރެވެން ހުންނަ ޒާތުގެ ކަންކަމެއް ނޫން އިނގޭތޯ،" މާވަޑިކަލޭގެ ރައިވެރިބޭގެ ދަރިއާ ވާހަކަ ދެއްކީ ނުވިސްނޭ ކުޑަ ކުއްޖަކަށް އެއްޗެއް ވިސްނައިދޭން އުޅޭ ރާގުގަ އެވެ.

"އެހެން ނޫނަސް ބޭބެގެ އަތަކު ދޯންޏެއް ކީއްކުރަން ބޮއްކުރައެއް ވެސް ނޯންނާނެ. ބޭބެމެން މިއީ އޮނޑި ބަންނަން ތިބި މީހުން. ދެން މީހުން ބުނާ ވާހަކައެއް އޮންނާނެ. އެއީ ކަލޭ ތިޔައީ ކަލޭ ކުރާ ކަމަކަށް މޮޅު މީހެއް ނަމަ ކުރާ އެއްވެސް ކަމެއް ހިލޭސާބަހަށް ނުކޮށްދޭށޭ ބުނާ ވާހަކަ."

މިހެން ބުނެފައި މާވަޑިކަލޭގެ ހަމަޖެހިލި އެވެ. އޭނާގެ އެހީތެރިން އެމީހުންގެ މަސައްކަތަށް އެނބުރިގަތެވެ.

އޭރު ސައުދާގަރަކު މާވަޑިގެއާ ދިމާލަށް އޭނާގެ ދެ ތިން އެހީތެރިންނާ އެކު ހިނގާފައި އަންނަ މަންޒަރު ފެނެ އެވެ. އޭނާ ފެނުމުން ރާވެރިބޭގެ ދަރި ދޫކޮށްލާފައި މާވަޑިކަލޭގެ އެދިމާލަށް ހިނގައިގަތެވެ.

އޭނާ ގޮސް މަރުހަބާ އެކީ ސައުދާގަރަކީ މުޅި އަތޮޅަށް މަޝްހޫރު މޫސާ ކަލޭފާނެވެ. ހައިބަތު ބޮޑު ނުފޫޒު ވެސް އެހާމެ ގަދަ ބޭފުޅެކެވެ. އޭނާގެ އަތުގައި ހަތަރު ބަނޑުއޮޑި އޮވެ އެވެ.

މާވަޑިކަލޭގެ ހަރުގޭގައި ބަންނަމުން އެ ގެންދާ އޮޑިއަކީ މި ސައުދާގަރުގެ ފަސް ވަނަ ބަނޑުއޮޑިކަން އިސްމާއީލަށް އެނގުނީ އޭނާ އެތަނަށް ވަޑައިގެން މާވަޑިކަލޭގެއާ ވާހަކަ ދެއްކި ގޮތުންނެވެ.

މޫސާ ކަލޭފާނު އެނބުރި ވަޑައިގަތުމުން މާވަޑިކަލޭގެ އަނެއްކާވެސް އިސްމާއީލަށް ވަގުތުކޮޅެއް ދިނުމަށް އޭނާ ހުރި ދިމާލަށް ދިޔަ އެވެ. ނަމަވެސް އޭރަކު އިސްމާއީލެއް އެތަނަކު ނެތެވެ. އޭނާ ދުވެފައި އެގެން ދަނީ ސައުދާގަރު މޫސާކަލޭފާނާ ދިމާލަށެވެ.

މޫސާކަލޭފާނާ އެކުގައި ތިބި ދެ އެހީތެރިން އިސްމާއީލް އަށް ހުރަސް އަޅައި އެމީހުންގެ އުރަތަކުން ކަޑިތައް ދަމައި ސައުދާގަރުގެ ހިމާޔަތަށް އެތުރިގަތެވެ. އެމީހުންގެ ކަނޑިތައް ތިރިކޮށް އަލުން އުރައަށް ލައި ފޮރުވީ މޫސާކަލޭފާނު އަތުން ކޮށްލި އިޝާރާތަކަށެވެ. އޭރު އިސްމާއީލުފުތު އިނީ އޭނާގެ ދެ ކަކޫ މައްޗަށް ތިރިވެ އެވެ.

އެއަށް ފަހު އޭނާ ކިޔައިދޭން ފެށީ ކަންހުރި ގޮތުގެ ވާހަކަ އެވެ. ހުވަފެނާއި ފައިލަސޫފެއްގެ ވާހަކަ އެވެ. ނަމަވެސް އިސްމާއީލުފުތަކީ ކޮހެއް ކަމަށް ނިންމައި ހިނިގަނޑެއް ޖަހާލާފައި ސައުދާގަރާއި އޭނާގެ ދެ އެހީތެރިން ރަށު ތެރެއަށް ހިނގައިގަތީ އެވެ.

"އަޅުގަނޑުގެ ބައްޕަގެ ހުރިހާ މުދަލެއް ދެއްވާނަން، އިނގޭތޯ. އަޅުގަނޑަށް ނަވެއް ދެއްވާ،" އިސްމާއީލުފުތު އޭނާގެ މުޅި ދިރިއުޅުން އަތްމައްޗަށް ލައި ސައުދާގަރަށް ދިއްކޮށްލި އެވެ.

ސައުދާގަރު އަނެއްކާވެސް އިސްމާއީލާ ދިމާލަށް އެނބުރުނެވެ. ހުށަހެޅުމަށް ޝައުގުވެރިވެގެން ކަމެއް ނުވަތަ ރާވެރިބޭގެ ސޮރުގެ ބޮލުގައި ނެތް ވިސްނުން އޭނާ އަށް ވިސްނައިދޭން ކަމެއް ނޭނގުނެވެ.

"އެކޮއި ތިޔައީ ރާވެރިބެއެއްގެ ދަރިއަކަށްވީ ހިނދު އަހަރެން ކަހަލަ ބޮނޑުންގެ މީހަކު ޝައުގުވެރިވާވަރުގެ ކޮން އެއްޗެއްތޯ ބައްޕަގެ މުދާވެރިކަމުގައި ވަނީ؟،" މޫސާކަލޭފާނު ސުވާލުކުރެއްވީ އޭނާ އާއި ރާވެރިބޭގެ ދަރިއާ ދެމެދު އޮތް ތަފާތު ހަނދާންކޮށް ދެމުންނެވެ.

"ބައްޕަގެ ރާރުއް ދަނޑު،" ހަމަޖެހިލައިގެން ހުރި އިސްމާއީލުފުތު ޖެހިލުމެއް ނެތި ބުނެލި އެވެ.

އެ ޖަވާބަށް ސައުދާގަރުގެ ދެ އެހީތެރިން ހޭން ފެށީ އެވެ. ނަމަވެސް ސައުދާގަރަކަށް ނުހެވުނެވެ. ބަދަލުގައި އޭނާވީ ހައިރާނެވެ. ކުރިމަތީގައި ހުއްޓިހުރި ޒުވާނާގެ މޮޔަކަމޭ ހިތަށް އަރަ އެވެ.

ވާނީ ވެސް އެހެން ނޫން ތޯ އެވެ؟ ރަނާއި ރިހިން އަގުކިޔާ ބަނޑުއޮޑިއަކާ ރާރުކަކާ އެއްވަރުކުރާނީ ކިހިނެތްތޯ އެވެ؟ އަނެއްކޮޅުން ރާވެރިއެއްގެ ދަރިއަކަށްވެ ހުރެ ވެސް ރާރުކެއްގެ އުމުރު މި ބީތާ އަށް ނޭނގެނީތާއޭ ސައުދާގަރުގެ ހިތަށް އަރައި ދެރަވީ އެވެ.

އެބުނާހެން އިސްމާއީލުފުތުގެ ބައްޕަގެ މަރަށް ސާޅީން ނުވަނީސް އެ ރާރުއް ދަނޑުގެ ގިނަ ރުއްތަކުގެ ބޭނުން ކެނޑިގެން ހިނގައިދާނެއެއް ނޫން ހެއްޔެވެ؟

ނަމަވެސް ރާވެރިބޭގެ ސޮރު ދެން ކިޔައިދިން ވާހަކަ އަކީ ސައުދާގަރާއި އޭނާގެ އެހީތެރިން ވެސް ކޮސްކޮށްލި ވަރުގެ ވާހަކަ އެކެވެ. އެ ވާހަކަ އަޑުއެހުމަށް ފަހު އިސްމާއީލުފުތަށް އޮޑިއެއް ދޭން ސައުދާގަރު ވަގުތުން އެއްބަސްވެއްޖެ އެވެ. އަދި ކުރިއަށް އޮތް ދުވަހުގެ އިރާ އެކު އިސްމާއީލުފުތުގެ އޮޑި އޭނާއާ ހަވާލުކުރުމަށް އަމުރުކޮށް ސައުދާގަރު އޭނާގެ އެހީތެރިން ގޮވައިގެން ރަށު ތެރެއަށް ވަދެގެން ހިނގައްޖެ އެވެ.

އެންމެފަހުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނަސް އިސްމާއީލުފުތު ހުރީ ފާޑަކަށެވެ. ސައުދާގަރަށް އޭނާ އޮޅުވާލި އޮޅުވާލުން ކޮންމެވެސް ދުވަހަކުން ފަޅާ އަރާނެ ތީ އާއި ބައްޕަގެ މުދާވެރިކަމުން އަމިއްލަ ދެފައި މައްޗަށް ތެދުވާން ޖެހުނީތީ އެވެ. ނުވަތަ ބައްޕަގެ މުދާ ވިއްކާލައިގެން އަމިއްލަ ހުވަފެން ހަގީގަތަށް ހެދުމުގެ ދަތުރު ފަށަން ޖެހުނީތީ އެވެ.

އުމުރު ދުވަހު ބައްޕަ ލޯބިން ގެންގުޅުނު ރާރުކުގެ ދަނޑު ވިޔަފާރިވެރިއަކަށް ވިއްކާލާފައި އަމިއްލަ އެދުން ކުރިއަށް ނެރެވުނީމަ އިސްމާއީލުފުތު ހުރީ ފާޑަކަށް ލަދު ވެސް ގަނެފަ އެވެ.

ނަމަވެސް އޭނާގެ އަތުގައި އޮތީ ދެން ކޮން އިތުރު އިހްތިޔާރެއް ވެސް ތޯ އެވެ؟ އެ ރުއްތަކުން ރާ ބާލާނެ ގޮތާއި ދެން ހުރި ރުއްތައް ރާކުރާނެ ގޮތެއް ވެސް އޭނާ އަކަށް އެނގެނީކީއެއް ނޫނެވެ. އަނެއްކޮޅުން އާއިލާގެ އެންމެ ދޮށްޓަށް ހުރެ ދެން ތިބި ކޮއްކޮމެންނަށް ވެސް ކަމެއް ކޮށްދޭން ޖެހޭނެ ނޫން ހެއްޔެވެ؟

ނަމަވެސް ހަގީގަތަކީ އިސްމާއީލުފުތުށް ވެސް ކާން ދެނީ އޭނާގެ އަންހެން ކޮއްކޮމެން ކަމެވެ. ހުސެންފުތުބެޔަށް އެ ކުދިން ނަސީބަކަށް ނުވިޔަސް މި އަންހެން ހަ ކޮއްކޮ ވީ އިސްމާއީލުފުތުގެ އެންމެ ބޮޑު ނަސީބަށެވެ. ނަމަވެސް މުއްފަތުކެއުމުން ބަނޑުފުރާލައިގެން އުމުރު ދުވަސް ދުއްވާލާ މީހަކަށް ވާން ހިތް ނޭދޭތީ ބައްޕަގެ ތަރިކަ މުދާ ވެސް އިސްމާއީލުފުތު އެންމެފަހުން ގުރުބާންކޮށްލީ އެވެ.

އެކަމަކު އޭނާގެ ހިތުގައި އޭރު އެހެން އަޒުމެއް ވެސް އޮތެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ އާއިލާ ވެސް ކޮޅަށް ޖަހައި ބައްޕަހާ ހީވާގި، މުރާލި މީހަކަށް ވުމުގެ އަޒުމެވެ. ބައްޕަ އުމުރު ދުވަހު ދެކުނު ހުވަފެން ވެސް ހަގީގަތަކަށް ހަދައި ބައްޕަގެ ރާރުކުގެ ދަނޑުގައި ތާ އަބަދަށް ރާ ލިބޭ ރުއްތަކެއް އިންދުމަކީ ވެސް އިސްމާއީލުފުތުގެ އަޒުމެކެވެ.

ފަހަރެއްގައި ނިއަމިކަން ދަސްކޮށް ކައްޕިތާނަކަށް ވުމުގެ ހުވަފެން އޭނާ ދެކުނީ ވެސް ބައްޕަގެ އެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. ރާ ހުސްނުވާ ރާރުއްތަކެއް މާ އުތުރުގައި އޮތް ރަށެއްގައި ވާ ކަމުގެ ވާހަކަ އެ ބައްޕަ އަބަދުވެސް އިސްމާއީލުފުތަށް ކިޔައިދިނެވެ. ނަމަވެސް ބައްޕަގެ އެ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީ ނުވަތަ ބައްޕަގެ އެ ހުވަފެން ހަގީގަތަށް ހަދައިދޭނެ ވާހަކަ އާއި ނިއަމިކަން ދަސްކޮށް ކުޅަދާނަ ކައްޕިތާނަކަށް ވާނޭ ވާހަކަ ބައްޕަ އަށް ކިޔައި ނުދެވުނީ ފަހަރެއްގައި ހިސާބަށް ވުރެ ކަންނެއްވީމަ އެވެ.

ނުވަތަ އެ ވާހަކައެއް ފަށަން އުޅޭއިރަށް "ހުވަފެނަކީ ބިލާހެކޭ" ބުނެ ބައްޕަ ނަގައިދިން އެ ފިލާވަޅަކާ ޖެހިގެންނެވެ.

ނަމަވެސް މިހާރު އޭނާ އެހުރީ ދެ ފައި މައްޗަށް ތެދުވެ އެވެ. ދަތުރަށް ތައްޔާރުވެގެންނެވެ. އެންމެ ދެކުނުގައި އޮތް އައްޑު އަށާއި ފުވައްމުލަކާއި ހުވަދޫ އަށް ދާން ހިތް އެދި ގޮވިޔަސް އޭނާ އެހީ ފައިލަސޫފީގެ ވާހަކަ އެވެ. ފައިލަސޫފީގެ ސަމުގާ އިން ދެއްކީ އުތުރުން އެތައް މޭލެއް ދުރުގައި އޮތް މަލިކެވެ.

ހުސްނުވާ ރާ ލިބޭ ރުއްތަކަށް މަޝްހޫރު މަލިކެވެ.

މަލިކުގައި އޭނާ އަށް އިންތިޒާރުކުރަމުން ދަނީ ތާއަބަދަށް ރާ ލިބޭ ރުއްތަކުން ފުރިފައިވާ ދަނޑުތައް އެކަންޏެއް ނޫނެވެ. ހަޔާތުގެ ބައިވެރިޔާ ވެސް ހަނާ އަޅަމުން އެ ގެންދަނީ މަލިކުގެ ގޮނޑުދޮށުންނެވެ.

"އަނެއްކާ މި ހުވަފެން ހަގީގަތަކަށް ވާނެ ހެއްޔެވެ؟."

މި ހިޔާލުތަކާއި ސުވާލުތަކާ އެކު ދުވެފައި ގޮސް ގޮނޑުދޮށަށް ނުކުތްއިރު އިސްމާއީލުފުތުގެ ހިތް ނިކަން ބާރަށް ތެޅެމުން ގެންދަނީ އެވެ. ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތީ ސައުދާގަރު ވައުދުވި ގޮތަށް އޭނާ އަށް ދިން އޮޑި ފެންނަ ހިސާބު ބޭރުގައި އޮތުމުންނެވެ. އެއީ ފިލާބައިޖަހައި ބާރީ އަޅައިފައި ހުންނަ ވައްތަރުގެ ބޮޑު އޮޑިއެއް ނޫނެވެ.

ކުޅަދާނަ އެކަކަށް ހުންގާނާއި ރިޔާ ބެލެހެއްޓޭވަރުގެ، ދަތުރަށް އެންމެ ހެޔޮވަރުގެ އޮޑި އެކެވެ. ނަމަވެސް އޮޑިއަށް އަރައި ރިޔާކޮށިކުރަމުން އިސްމާއީލުފުތު ލޮލުކޮޅަށް އޮބާލާ މަންޒަރު ބަލަން އަތިރިމައްޗަށް އެއްވެ ތިބި މީހުން ހިތާހިތުން ކުރަމުން ދިޔަ ސުވާލަކީ އިސްމާއީލުފުތަށް އެކުޅަދާނަކަން ދެއްވީ ކާކުތޯއޭ ބުނެ ކުރަމުން ދިޔަ ސުވާލެވެ. އަދި ސައުދާގަރެއްގެ ބޮލަށް ސަވާރުވުމުގެ ކުޅަދާނަކަން އޭނާ އަށް ދެއްވީ ކާކުތޯ ބުނެ ކުރި ސުވާލެވެ.

ބައްޕަގެ ރާރުއްތަކުން ރާ ހުސްނުވާ ކަމަށް ބުނެ ސައުދާގަރަށް އިސްމާއީލުފުތު ކިޔައިދިން ވާހަކަ އަކީ ބުހުތާނު ދޮގެކެވެ. އެ ވާހަކަ އަށް ސައުދާގަރު ހެއްލުނީ ރާ ހުސްނުވާ މަލިކު ރުއްތަކެއްގެ ވާހަކަ އޭނާ އަށް ވެސް އަޑުއިވިފައި އޮތީމަ ކަމަށް ވެދާނެ އެވެ. އޭގެ އަގު ޖަވާހިރަށް ވުރެން ބޮޑު ކަމަށް ބުނެވެ އެވެ.

ބައެއް ފަހަރަށް، މުއްސަނދިކަމާއި ދަހިވެތިކަމުން ލިބޭ ކެހި ވެސް މާ ބޮނޑެވެ.

ކޮންމެއަކަސް އިސްމާއީލުފުތު މިހާރު އެ ދަތުރުކުރަމުން ދަނީ ހުސްނުވާ ރާ ލިއްބައިދޭ ރުއްތަކުން ފުރި، ފެހިކޮށްފައިވާ މަލިކަށެވެ.

އޭނާގެ މިދަތުރުގެ ބައިވެރިޔަކީ ފައިލަސޫފި އެވެ. (ނުނިމޭ)