ހަބަރު

ރަށްތަކާއި ފަޅުތައް ބަހާލުން ދެން މި ނިމުމަކަށް އައީ: މިނިސްޓަރު

ކަންމަތީ ފިހާރައެއް ހެން ޓޫރިޒަމް ސިނާޔަތު ހިންގުން މާޒީވެގެން ގޮސްފި ކަމަށާއި ފަޅުތަކާއި ރަށްތައް ބަހާ ނުލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަތޮޅުތަކުން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ އަދި ކަންބޮޑުވުމަކީ އެ އަތޮޅެއްގެ ހުރިހާ ފަޅު ރަށަކާއި ފަޅަކާއި ގިރިތަކެއް ވިއްކަމުންދާތީ ކަމަށެވެ. މި ސަރުކާރުން އެކަން ހުއްޓާލާނެ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ހާތަކާއި ފަޅުތަކާއި ގިރިތައް ބަހާ ހުސްކުރުމުގެ ޒަމާން ނިމިގެން ދިޔައީ، ކަންމަތީ ފިހާރައެއްހެން ފަތުރުވެރިކަމުގެ ސިނާއަތް ހިންގުމުގެ ޒަމާން މާޒީވެގެން ދިޔައީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ރީތި މާހައުލުގެ ހިތްފަސޭހަކަން ދިވެހިންނަށް ވެސް ލިބޭނެ ގޮތަށް ކަމަށެވެ. ހުރިހާ ފަޅަކާއި ގިރިތަކެއް ވިއްކާ ނުލައްވާނެ ކަމަށެވެ. ދިވެހިންނަށް ދިވެހިންގެ ހަގީގީ ޝަރަފާއި ފަހުރާއެކު އުޅެވޭނެ ގޮތް ހައްދަވައި، ޓޫރިޒަމް ދާއިރާގެ އެންމެންގެ ހައްގުތައް ވެސް ހިޔާއަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރާލުން ކަމަށެވެ. އަދި އޭގެ ނަފާ ރަށްރަށުގެ ރައްޔިތުންގެ ޖީބަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

"ދެން ފަތުރުވެރިކަން މާލެ އަތޮޅުން އަރިއަތޮޅުން އެންމެ އުތުރުން ބޮޑު ތިލަދުންމައްޗާ ހަމައަށް އަދި އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަތުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގެސްޓްހައުސް ސިނާއަތަށް އުނިކަން އަންނާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ އެވެ. އެ ސިނާއަތު ވެސް ވަރުގަދަ ސިނާއަތެއްގެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކޮށް އެ ސަރަހައްދުތައް ވަކިން މާކެޓް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއަކީ އެކި ފަންތީގެ މީހުންނަށް ވެސް އާދެވޭ ފަދަ ތަނަކަށް ހަދާނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ބޮޑު އަމާޒަކީ ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުން، ރާއްޖެއަކީ ހަމައެކަނި ވެރިކަން ކުރާ ރަށުން ނިމޭ ގައުމަކަށް ނަހަދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.