ހަބަރު

އެހީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ، މިހަފްތާގައި ފައިސާ ބަހަނީ

މާލެއަށް މިދިޔަ ބުދަ ދުވަހު ވެހުނު ވާރެއާ ގުޅިގެން ބޮޑުވި ފެންގަނޑާއެކު ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށް މިއަދު އެކަނި ވެސް ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ. އެހީގެ ގޮތުގައި މިހާތަނަށް 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އިން ބުންޏެވެ.

އެގޮތުން ޓީ ޖެޓީ އިން 10،000 ރުފިޔާ ހަދިޔާ ކޮށްފައިވާއިރު، އެމްއެސް ފައިނޭންސްގެ ފަރާތުން 50،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އަދި ހެޕީ މާކެޓުން ވަނީ 150،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ. އެފައިސާއާ ހަވާލުވެލައްވާފައިވަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

މީގެ ކުރިން، ދިރާގުން 200،000 ރުފިޔާ، ޔުނިވާސަލް އިން 300،000 ރުފިޔާ އަދި ޓޫރިޒަމް ވިޔަފާރިވެރިންގެ ޖަމްއިއްޔާ، މަޓީއިން ވަނީ 400،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ފައިސާ ހަރަދު ކުރާނީ ހަމައެކަނި މިފަހަރު ވިއްސާރާގައި ގެއްލުންވި ގެތަކަމަށް ކަމަށެވެ. އަދި މިކަމަށް އާންމުންގެ ފަރާތުން ވަރަށް ގިނަ އެހީތެރިކަން ލިބިގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑިޒާސްޓާގެ ޑިރެކްޓަރު ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ، މާލޭގައި ފެންބޮޑުވުމާއި ގުޅިގެން އެކިވަރުގެ ގެއްލުން ވެގެން 214 ގެއަކުން ރިޕޯޓްކުރި ކަމަށާއި އޭގެ ތެރެއިން 206 ގެއެއްގެ އެސެސްމެންޓް ހަދާ ނިމިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ގެތަކުގެ އެސެސްމެންޓް ހެދިފައި ނުވަނީ އެކި އެކި ސަބަބުތަކާއިހުރެ ކަމަށްވެސް ސޮފީނާޒް ވިދާޅުވި އެވެ.

ސޮފީނާޒް ވިދާޅުވީ، މިހާތަނަށް ހަތް ފަރާތަކުން ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފަރާތެއް ފިޔަވާ ހުރިހާ ފަރާތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށްވެސް ސޮފީނާޒް ވިދާޅުވި އެވެ.

"މިފައިސާގެ ޖުމްލަ އަދަދު 1.3 މިލިއަނަށްވުރެ މައްޗަށް އަރާ، މިއަދުގެ ނިޔަލަށް ފިނޭންސްގެ ތެރެއިން ހުރިހާ ޕްރޮސެސްތަކެއް ފުރިހަމަ ކުރުމަށްފަހު ފައިސާތައް ޖަމާކުރެވޭނެ ކަމަށް މިބެލެވެނީ، މިހަފްތާ ތެރޭގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށޭނެ،" ސޮފީނާޒް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި ފެން ބޮޑުވެގެން ގެތަކަށާއި އެހެނިހެން ތަންތަނަށް ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް ޑިޒާސްޓާއިން ވަނީ ބުނެފަ އެވެ.