މާރިޔާ އަހުމަދު ދީދީ

10 މަސް ދުވަހުގެ ތެރޭގައި ހާލުގައި ޖެހިއްޖެ: މާރިޔާ

މި ސަރުކާރަށް 10 މަސްވެގެން ދިޔައިރު ރައްޔިތުން ތިބީ ހާލުގަ ޖެހިފައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި މާރިޔާ ވިދާޅުވީ ސަރުކާރަށް 10 މަސްވެގެން ދިޔައިރު ގައުމު އޮތީ ހާލުގަ ޖެހިފައި ކަމަށާއި އިގުތިސާދު ހަމައަށް އަޅުވަން ކުރާ މަސައްކަތުގެ ނަތީޖާ ނުފެންނަ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ހަމައަކަށް ނޭޅުވެނީ ބޭކާރު ހަރަދުތައް ގިނަވެ އާމްދަނީ މެނޭޖު ނުކުރެވޭތީ އެވެ. މާރިޔާ ވަނީ ކުރިއަށްވުރެ މިހާރު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކަން ފާހަގަކުރައްވާފަ އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޓީޖީއެސްޓީ އަށް ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރިއިރު އޭގެ މަންފާ ލިބެނީ މި ސަރުކާރަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

އަވަށްޓެރި ގައުމުތަކުގެ ބަދަލުގައި ތުރުކީ އިން ކާޑު އެތެރެކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާތީ އެކަމަށްވެސް މާރިޔާ ވަނީ ފާޑު ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަސްކަރީ ޑްރޯން ގެނައީ އަގުބޮޑުކޮށް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ. އެ ގޮތުން އެ ޑްރޯނަކީ ކުވޭތުން ދެ މިލިއަން ޑޮލަރަށް ގަތް ޑްރޯނެއް ކަމަށާއި ރާއްޖެއިން އެ ޑްރޯން ގަތީ ފަސް މިލިއަން ޑޮލަރަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކުރަމުން ދާކަން ފާހަގަ ކުރައްވާ މާރިޔާ ވިދާޅުވީ މާލީ ހާލަތު ދަށް ކަމަށް ބުނަމުންދާއިރު ކުންފުނިތައް އެއްކޮށް، ވަކިކުރުމަކީ ވެސް ހަރަދު ބޮޑު ކަމެއް ކަމަށެވެ.

މި ސަރުކާރުން މިހާރު އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށާއި އެމްޑީޕީގެ ސަރުކާރުން ކޮވިޑްގެ ހާލަތުގައިވެސް މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމަށް މާރިޔާ ވިދާޅުވި އެވެ.