އެމްޑީޕީ

ނަޝީދާއި ހަސަން އެމްޑީޕީގެ ހިންގުމާ ދުރަށް ޖެހެން ގޮވާލައިފި

Dec 10, 2018
2

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ޕާޓީ ހިންގުމާ މިވަގުތަށް ދުރަށް ދިޔުމަށް އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް، އިބުރާ މިއަދު ގޮވާލައްވައިފި އެވެ.

އިބްރާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިވަގުތަށް ހަސަން ލަތީފާއި ކުރީގެ ރައީސް ނަޝީދު ވެސް އެމްޑީޕީގެ އޮފީހަށް ދުރަށް ވަޑައިގަންނަވަން ޖެހެނީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އެ ދެބޭފުޅުން ވާދަކުރައްވަން ނިންމަވާފައިވާތީ އެވެ. މިއީ އެދެބޭފުޅުން ވެސް ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކަވަން ޖެހޭ ވަގުތު ކަމަށް ވެސް އިބުރާ ވަނީ ވިދާޅުވެފަ އެވެ.

"ލައްކަ ދުވަހު ޑިމޮކްރަސީއޭ ކިއިއްޖެ! މިއަދު އަމަލީ ގޮތުން ނަމޫނާ ދެކެވުމަށްޓަކައި އަޅުގަނޑުމެން ޕާޓީގެ ރައީސް ނަޝީދާއި ޗެއާޕާސަން، ހަސަން ލަތީފު ޕްރައިމަރީގައި ވާދަކުރައްވަންޏާ، އެކަން ނިމެންދެން ޕާޓީ އޮފީހާ ދުރަށް ވަޑައިގަންނަވަން ގޮވާލަން،" އިބުރާ ޓްވީޓް ކުރެއްވި އެވެ.

ކުރީގެ ރައީސް ނަޝީދު ވާދަކުރައްވަނީ މިފަހަރު އަލަށް އުފައްދާ، މައްޗަންކޮޅި މެދު ދާއިރާއަށެވެ. އަދި ހަސަން ލަތީފު ވާދަކުރައްވަނީ، ހެންވޭރު ހުޅަނގު ދާއިރާއަށެވެ. އެބޭފުޅުން ވަނީ މިހާރު ކެމްޕޭން އިއުލާން ކުރައްވައި ކެމްޕޭން ހަރަކާތްތައް ވެސް ފައްޓަވައިފަ އެވެ.