ބޭރު ކުޅިވަރު

ޖެމެއިކާ ބަލިކޮށް އާޖެންޓީނާ ގުރޫޕްގެ އެއްވަނަ މަގާމު ހޯދައިފި

ކޮޕާ އެމެރިކާގެ ގުރޫޕް ބީގައި ރޭ ޖެމެއިކާ އަތުން 1-0 އިން މޮޅުވެ، އާޖެންޓީނާ ގުރޫޕްގެ އެއްވަނަ މަގާމު ހޯދައިފި އެވެ.

މި މެޗުގެ ކުރިން ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި އޮތް އާޖެންޓީނާ ގުރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކުރުމާއެކު، ދެވަނަ ބުރުގައި ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ ކުޅެންޖެހުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗުގައި އާޖެންޓީނާ އަށް ލަނޑު ޖަހައިދިނީ ނަޕޯލީގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އެވެ.

މި މެޗުގެ ކުރިން ވެސް މުބާރާތުން ކަޓައިފައި އޮތް ޖެމެއިކާ އިން ރަނގަޅަށް ޑިފެންސްކުރި ނަމަވެސް، މުޅި މެޗު ކޮންޓުރޯލްކުރީ އާޖެންޓީނާ އެވެ. ޖެމެއިކާ އަށް މުޅި މެޗުގައި ވެސް އާޖެންޓީނާގެ ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ޝޮޓެކެވެ.

މި ގުރޫޕްގައި ރޭ އުރުގުއޭ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާއެކު، މި ދެ ޓީމަށް ވެސް ވަނީ ދެވަނަ ބުރުން ޖާގަ ލިބިފަ އެވެ. ފަސް ޕޮއިންޓާއެކު ޕެރަގުއޭ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނަ ބުރުގައި ޕެރަގުއޭއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް ސީގެ އެއްވަނަ އަށް ދާ ޓީމެވެ. ގުރޫޕްގެ ތިން ވަނަ އަށް ދިޔަ އުރުގުއޭ އަށް ދެވަނަ ބުރުން ޖާގަ ލިބުނީ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމުގެ ތެރޭގައި ހިމެނޭތީ އެވެ. ދެވަނަ ބުރުގައި އުރުގުއޭއާ ދެކޮޅަށް ނުކުންނާނީ ޗިލީ އެވެ.

މި މުބާރާތުގެ ގުރޫޕް ސީގެ ފަހު މެޗުތައް މިރޭ ކުޅޭނެ އެވެ. މިރޭ 0000ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޮލަމްބިއާ އާއި ޕެރޫ އެވެ. ބްރެޒިލް އާއި ވެނެޒުއޭލާ ބައްދަލުކުރާ މެޗު ފަށާނީ 2:30ގަ އެވެ. މި ގުރޫޕްގައި ހިމެނޭ ހަތަރު ޓީމު ވެސް އޮތީ ތިން ޕޮއިންޓާއެކު އެވެ. އެހެންކަމުން ހަތަރު ޓީމަށް ވެސް ދެވަަަނަ ބުރުގެ ފުރުސަތު އެބައޮތެވެ