ހަބަރު

ޝޯން ޕޯލް އަށް ރާއްޖޭގައި ނުރައްކަލެއް ނެތް: ސަރުކާރު

ގަލޮޅު ރަސްމީ ދަނޑުގައި އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝޯން ޕޯލްގެ ކޮންސެޓާ ގުޅިގެން އޭނާ އަށް ދިން މަރުގެ އިންޒާރުގެ ފަހަތުގައި ހަގީގީ ނުރައްކަލެއް ނެތް ކަމަށާއި އެއީ ބިރުވެރިކަން އުފެއްދުމަށް ބަޔަކު ކޮށްފައިވާ "ޖެއްސުމެއް" ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ސަރުކާރުން އެ އިންޒާރު ސިފަކޮށްފައި ވަނީ "ސިޔާސީ ކުލަ ޖެހިފައިވާ" އިންޒާރެއްގެ ގޮތުގަ އެވެ. އެގޮތުން ބުނެފައި ވަނީ އެއީ ޝޯއަށް ދާނެ ކަމަށް ބެލެވޭ އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދައި ޝޯން ޕޯލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށް ބަޔަކު މީހުން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ސަލާމަތީ ގޮތުން ރައްކާތެރި ސުލްހަޔަށް ލޯބިކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ހަރާބުކޮށްލުމަށް ހިންގި އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތް ކޮންސެޓާ ދިމާކޮށް ޝޯން ޕޯލް އާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރަސްމީ ފަރާތްތަކުން އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ބަޔާނުގައި ދީފައިވެ އެވެ.

މި ކޮންސެޓްގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން އަންނަނީ ފުލުހުންނާއި ސިފައިން ގުޅިގެންނެވެ.

އިވެންޓް އިންތިޒާމްކުރާ ޗޮޕްއާޓް އިން ބުނެފައި ވަނީ މި ފެންވަރަށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައިވާ އިވެންޓެއް ރާއްޖޭގައި މިހާތަނަށް ނުބާއްވާ ކަމަށެވެ.

ޝޯން ޕޯލް އަށް މަރުގެ އިންޒާރު ދީފައި ވަނީ "ބިލާދުއްޝާމް" ގެ ގޮތުގައި ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ގްރޫޕެއްގެ ނަމުގަ އެވެ. ނަމަވެސް ފަހުން އެ ގްރޫޕުން ބުނެފައި ވަނީ ޔޫޓިއުބުގައި އާންމުކޮށްފައިވާ އިންޒާރާ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.