ބޭރު ކުޅިވަރު

ކުއެރެޓާރޯ އިން ރޮނާލްޑީނިއޯ ދޫކޮށްލައިފި

މެކްސިކޯގެ ކުއެރެޓާރޯ އަށް ކުޅެމުންދިޔަ ބްރެޒިލްގެ ގަައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ރޮނާލްޑީނިއޯ އެ ކްލަބުން ދޫކޮށްލައިފި އެވެ.

ބްރެޒިލްއާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑީނިއޯ ،35، އެންމެ ސީޒަނަކަށް ފަހު ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކުރަމުން، ކުއެރެޓާރޯ އިން ވަނީ ރޮނާލްޑޯ އަށް ޝުކުރުއަދާކޮށްފަ އެވެ.

"ދެ ފަރާތުން ވެސް އެއްބަސްވެގެން ކޮންޓުރެކްޓް އުވާލަން ނިންމާފައިވަނީ. ރޮނާލްޑީނިއޯ އަށް ޝުކުރު އަދާކުރަން. އަހަރެމެން ރޮނާލްޑީނިއޯގެ މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ،" ކުއެރެޓާރޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކުރިން ބާސެލޯނާ އާއި އޭސީ މިލާން އަދި ޕީއެސްޖީ އަށް ކުޅުނު ރޮނާލްޑީނިއޯ ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުއެރެޓާރޯ އާއި އެ ޓީމުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު 2004 ވަނަ އަހަރާއި 2005 ވަނަ އަހަރު ހޯދި ރޮނާލްޑީނިއޯ ކުއެރެޓާރޯ އަށް ބަދަލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު ރޮނާލްޑީނިއޯގެ ޑިސިޕްލިނަރީ މައްސަލަތަކެއް އެ ކްލަބުގައި އޭނާ ހޭދަކުރި ސީޒަންގައި ވަނީ ފެންމަތިވެފަ އެވެ. ފިނި މޫސުމުގައި އެ ކްލަބުގެ ޕްރީ ސީޒަން ޓްރެއިނިން ފެށިއިރު، ރޮނާލްޑީނިއޯ ޓްރެއިނިންގައި ބައިވެރިނުވި މައްސަަލަ ޖެހުނެވެ. އަދި އޭގެ ފަހުން ކުޅުނު މެޗެއްގެ ފުރަތަމަ ހާފުގައި ރޮނާލްޑީނިއޯ ބަދަލުކުރުމާޢެކު، އޭނާ އެކަމާ ހިތްހަމަނުޖެހިގެން އޭނާ ދަނޑުން ނިކުތް މައްސަލަ ވެސް ޖެހުނެވެ.

ފެބްރުއަރީ މަހު ކުއެރެޓާރޯގެ ކޯޗު ބަދަލުވުމާއެކު، ރޮނާލްޑީނިއޯ އަށް ވަނީ އެ ކްލަބުގެ ފުރަތަމަ 11 އިން ޖާގަ ގެއްލިފަ އެވެ.