ދިރާގު ދިވެހި ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މަހިބަދޫ ސްޕޯޓްސް ކްލަބް ނުކުންނައިރު، މި މެޗުގެ މުހިންމުކަން މަހިބަދޫ އަށް ވަރަށް މުހިންމު ކަމަށް އެ ޓީމުގެ ކޯޗު ބަލްގޭރިއާގެ ޔޯރްދާން އިވަނޯފް ސްޓޮއިކޯފް ބުނެފި އެވެ.
މި މެޗަށް ވިކްޓަރީ ނުކުންނައިރު، އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ހަ ވަނައިގަ އެވެ. ވިކްޓަރީ ވަނީ ކުޅުނު ދެ މެޗުގެ ތެެރެއިން އެއް މެޗުން މޮޅުވެފަ އެވެ. މަހިބަދޫ އޮތީ ތާވަލްގެ ފުލުގަ އެވެ. ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ބަލްގޭރިއާގެ އިވަނޯފް ސްޓޮއިކޯފްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މަހިބަދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
"މިއީ އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް،" މެޗުގެ ކުރިން ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓޮއިކޯފް ބުންޏެވެ. "އަހަރެެމެން ފުރަތަމަ ދެ މެޗުން ބަލިވެފައި ވަނީ. މި މެޗުން ރަނގަޅު ނަތީޖާއެއް ބޭނުންވޭ."
ސްޓޮއިކޯފް ބުނީ މަހިބަދޫގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މިދުހަތު ފަހުމީ އާއި ސަމޫހް އަލީ އަށް އަނިޔާވެ، ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ އެ ޓީމަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އެކަމަކު އާ ބިދޭސީ ދެ ކުޅުންތެރިންނާއެކު މަހިބަދޫގެ ޓީމު ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ސްޓޮއިކޯފް ބުނީ ވިކްޓަރީ ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"ވިކްޓަރީ އަކީ މުއްސަނދި ތާރީހެއް އޮތް ކްލަބެއް. މިހާރު ވިކްޓަރީގައި އޮތީ ރަގނަލު ޓީމެއް. ވިކްޓަރީ ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެ،" ސްޓޮއިކޯފް ބުންޏެވެ.
ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުވާނެ ކަމަށެވެ.
"އަހަރެމެން ނުކުންނާނީ ރަނގަޅު ނަތީޖާއެއް ހޯދަން. އެކަމަކު މަހިބަދޫ އަކީ ރަނގަޅު ޓީމެއް. މި މެޗު ވިކްޓަރީ އަށް ފަސޭހައެއްނުވާނެ،" ނާދު ބުންޏެވެ.
ޖޫން މަހުގެ ޓްރާންސްފާގައި ނިއުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އާއި އީގަލްސްގެ އަހުމަދު މުހައްމަދު (އައްމަޑޭ) ވަނީ ވިކްޓަރީއާ ގުޅިފަ އެވެ.
ނާދު ބުނީ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ ނިޔާ އާއި އައްމަޑޭ ވިކްޓަރީއާ ގުޅުމަކީ އެ ޓީމަށް ލިބުނު ކުރިއެރުމެއް ކަމާށާއި އެ ކުޅުންތެރިންނާއެކު ވިކްޓަރީ ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށެވެ.