ހަބަރު

ޑީސަލްއިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ޑީސަލް ތެލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަަދު ފާސްކޮށްފި އެވެ.

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅި އެ އިސްލާހު ފާސްވީ 60 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ވެސް އިސްލާހެއް ހުށަހެޅުއްވި އެވެ.. އެއީ ފައިބަރު ކުރުމަށް ބޭނުން ކުރާ އެންމެހާ ތަކެތިން ވެސް ޑިއުޓީ ކަނޑާލުމަށެވެ. އެއަށް ތާއީދުކޮށް 21 މެންބަރުން ވޯޓު ދިން ނަމަވެސް 39 މެންބަރުން ވޯޓު ދިނީ އެ އިސްލާހު ބަލައި ނުގަތުމަށެވެ. އެހެންވެ އެ އިސްލާހެއް ފާހެއް ނުވި އެވެވ..

އެ ބިލު ހުށަހަޅުމުގެ ބޭނުމެއްގެ ގޮތުގައި މުސްތަފާ ވިދާޅުވެފައި ވަނީ ރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމާއި މަސްވެރިންނަށް ފަސޭހަކޮށްދީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރާ ދޯނި ފަހަރު ބޭނުން ކުރާ ޑީސެލާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލް އިން އިމްޕޯޓް ޑިއުޓީ މާފްކޮށްދިނުމަށް މުސްތަފާ ވަނީ ހުށަހަޅައިފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ކަރަންޓު އުފައްދާ ފަރާތްތަކާއި އޮޑިދޯނި ފަހަރުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފް ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފްކޮށްދިނުމުގައި އަމަލު ކުރާނެ އުސޫލެއް ބަޔާން ކުރަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ޑީސަލުން މިހާރު ޑިއުޓީ ގޮތުގައި ނަގަނީ ފަސް ޕަސަންޓެެވެ. އޭގެ ކުރިން ޑީސަލުން ޑިއުޓީގެ ގޮތުގައި 10 ޕަސަންޓު ވެސް ނަގަމުން އައެވެ.

ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅެކެވެ.