ހަބަރު

ޕްރައިމަރީއިން ބަލިވާ މީހުންނަށް ވާދަކުރެވޭ ބިލާ ނަޝީދު ދެކޮޅު

Dec 12, 2018
5

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވާ ފަރާތްތަކަށް ވެސް އެ އިންތިހާބެއްގައި ވާދަކުރެވޭނެ ގޮތް ހެދުމަށް ހުށަހަޅާފައިވާ ބިލާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާއަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ނުރުހުން ފާޅު ކުރައްވައިފި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހަޅުއްވާފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، ޕްރައިމަރީ އިން ބަލިވުމަށްފަހު އެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މީގެ ކުރިން ގެނެސްފައިވާ އިސްލާހު އުވާލުމަށެވެ.

މަޖިލީހުގައި މިއަދު އެ ބިލް ބަލައިގަތުމާ އެއްކޮޅަށް 35 މެންބަރަކު ވޯޓް ދެއްވައި މަޖިލީހަށް ވަނީ ބިލް ބަލައިގެންފަ އެވެ.

އެ ބިލާ ގުޅޭ ގޮތުން، ޖޮއިންޓް ޕާލިމަންތް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޕްރައިމަރީގައި ވާދަކޮށް ބަލިވާ މީހުންނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދައިފި ނަމަ އެއީ ޕްރައިމަރީ އާއި ޕާޓީގެ ނިޒާމު ގަނޑުބަޑު ވެގެން ދާނެ ކަމަށެވެ. އަދި އެ ބިލް ބަލައިގަތުމަށް ވޯޓް ދެއްވުމަށް ފަހު ދެން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަމަ، އެ މެންބަރުންގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭނެ ނޫންތޯ ނަޝީދު ވަނީ ސުވާލު އުފައްދައިފަ އެވެ. އެ މެސެޖް ނަޝީދު ފޮނުއްވީ އެ ބިލް ބަލައިގަތުމަށް ވޯޓަށް އެހުމުގެ ކުރިން އެވެ.

އެ ބިލްގެ ބަހުސްގެ މަރުހަލާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޕްރައިމަރީއާ ގުޅޭ އިސްލާހަކީ އެމްޑީޕީއިން މަޖިލީހުގެ ޕްރައިމަރީ ބާއްވަން އުޅޭތީ، އެމްޑީޕީ އަށް ރައްދުކޮށް ހުށަހެޅި ބިލެއް ކަމަށެވެ. އީވާ ވިދާޅުވީ އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ. އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އިސްލާހު ހުށަހަޅުއްވަމުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް ވިދާޅުވީ މި އިސްލާހު ހުށަހަޅަން ޖެހުނީ ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ ކަމަށެވެ. އަދި ޕްރައިމަރީ ބާއްވާ ދުވަސްވަރު ގަނޑުކޮށް ޕާޓީ އަށް މީހުން ވައްދައިގެން ވަކި ބަޔަކަށް ކާމިޔާބު ލިބޭ ގޮތަށް ނުފޫޒާއި ބާރުގެ ބޭނުންކޮށް ޕްރައިމަރީތައް ގަނޑުބަޑުކުރަމުން އަންނަ ކަމަށެވެ.