އަމިއްލަ ދަނޑުގައި ސީއެސްކޭ މޮސްކޯ އަތުން 3-0 ން ބަލިވެ، މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވުމުގެ ރެކޯޑެއް ލިބިއްޖެ އެވެ.
ޗެމްޕިއަންސް ލީގް 14 ފަހަރަށް ހޯދައިގެން، އެ މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދި ޓީމުގެ ރެކޯޑާއެކު އޮތް ރެއާލް މެޑްރިޑް އެ ނަތީޖާއިން ރެއާލް ބަލިވުމުން، އެ މެޗު ވެފައި ވަނީ ޗެމްޕއަންސް ލީގްގައި، އަމިއްލަ ދަނޑުގައި އެ ޓީމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އަށެވެ. އަދި ނުވަ އަހަރު ފަހުން އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.
ރޭގެ މެޗަށް، ރެއާލްގެ ކޯޗް ސެންތިއާގޯ ސޮލާރީ ނެރުނީ މުޅިން ޒުވާން ޓީމެކެވެ. ވައިސް ކެޕްޓަން މާސެލޯ އާއި އިސްކޯ އަދި ގޯލްކީޕަރު ތިބޯޓް ކޯޓްއާ އާއި ކަރީމް ބެންޒެމާ ފިޔަވައި ދެން ތިބީ މުޅިން ޒުވާން ކުޅުންތެރިންނެވެ.
މެޗު ފަށައިގެން ސީއެސްކޭއަށް ވުރެ ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް މެޑްރިޑުންނެވެ. އެ ޓީމުގެ މާކޯ އެސެންސިއޯއަށް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް ރަޝިއާގެ ކީޕަރު އީގޯ އެކިންފޭވް ބަލަހައްޓަމުން ދިޔަ ގޯލް ފޫއަޅުވާލުމުގައި ރެއާލްއަށް ކާމިޔާބެއް ނުހޯދުނެވެ.
ސީއެސްކޭގެ ތިން ލަނޑުވެސް ކާމިޔާބު ރެއާލްގެ ޑިފެންސަށް ހެދުނު މިސްޓޭކުތަކުންނެވެ. ސީއެސްކޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޗާލޯވް އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޖޯޖީ ޝެނިކޯވް އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އާނޯ ސިގްރޮސަން އެވެ.
ރެއާލް މެޑްރިޑް މެޗުން ބަލިވި ނަމަވެސް، ތާވަލުގައި އެ ޓީމު އޮތް މަގާމަކަށް ބަދަލެއް ނާދެ އެވެ. އެ ޓީމު އޮތީ ގުރޫޕް 'ޖީ' ގެ ތާވަލުގެ އެއް ވަނައިގަ އެވެ. ގުރޫޕްގެ ދެ ވަނައިގައި އޮތް ރޯމާ ވެސް ވަނީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕިލެޒެން އަތުން ބަލިވެފަ އެވެ.
ގުރޫޕް އެޗްގެ ގަދަ ދެ ޓީމު ކަމަށްވާ، ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓަޑް ވަނީ ބަލިވެފަ އެވެ. ޔުވެންޓަސް ވަނީ ސްވިޒަލޭންޑްގެ ޔަންގު ބޯއީސް އަތުން 2-1 ބަލިވެފަ އެވެ. މެންޗެސްޓާ ޔުނައިޓަޑް ބަލިވީ ވެލެންސިއާ އަތުންނެވެ.
ގުރޫޕްގެ އީ ގެ ގަދަ ދެ ޓީމު ކަމަށްވާ ބަޔާން މިޔުނިކާއި އަޔެކްސް ކުޅުނު މެޗު ނިމުނީ 3-3 ން އެއްވަރު ވެގެންނެވެ.