ދިރާގު އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު 18 ބައިވެރިން ނިންމައި، 29 ބައިވެރިންނާއެކު އާ ބައެއް ފަށައިފި އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމު މި އަހަރު ފުރިހަމަ ކުރި 18 ބައިވެރިންނަށް ހަނދާނީ ލިއުންދީ، އަދި އަންނަ އަހަރުގެ ޕްރޮގްރާމަށް ހޮވުނު 29 ބައިވެރިންނާއެކު މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނިންމި ކުދިންނަށް ސެޓްފިކެޓް ދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާއިލް ވަހީދެވެ.
ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހުމާން ޓެންކޮލިޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ދިރާގުން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރާ ކަމަށެވެ.
"މިއީ ވަރަށް އުފާވެރި ހަފުލާއެއް. މިއީ ވަރަށް އުފާވެރި ދުވަހެއް. އުފާވެރި ދުވަހަށް ވަނީ ދިރާގު ފަދަ ކުންފުންޏަކުން މިފަދަ ޒިންމާދާރު ވަޒީފާއެއް އަދާކުރާތީ. ގައުމެއް ބިނާވެ، ކުރިއަރާދާނީ ޒުވާނުން ބިނާ ކުރި ވަރަކުން. ހާއްސަކޮށް މިފަދަ ބޮޑެތި ކުންފުނިތަކުން މި ޕްރޮގްރާމް ގެންދިއުމަކީ އަޅުގަނޑުމެން މި ދެކޭ ހުވަފެނުގައި ކުލަ ޖެހިގެންދާ ކަމެއް،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ކާމިޔާބީ އެނގެނީ 10 އަހަރު ވެގެންދިއިރު، ގިނަ ބަޔަކު ވަޒީފާއަށް ނުކުތުން ކަމަށެވެ.
"މި ޕްރޮގްރާމް ނިންމާ ކުދިންގެ 75 ޕަސެންޓް ތިބީ ވަޒީފާގައި. މިއީ ބޮޑު ކާމިޔާބީއެއް. ވަރަށް ހާއްސަ މަރުހަބާއެއް ދަންނަވަން މި ޕްރޮގްރާމް ނިންމާ ކުދިންނަށް،" މަލީހު ވިދާޅުވި އެވެ.
ދިރާގުގެ ސީއީއޯ އިސްލާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކީ އެ ކުންފުނިން އެންމެ އިސްކަންދޭ އެއް ޕްރޮގްރާމް ކަމަށެވެ.
"މި ޕްރޮގްރާމުގެ މަގުސަދަކީ ޒުވާނުންނަށް ފުރުސަތުތައް ހުޅުވާލައި، މަސައްކަތުގެ މާހައުލަށް ވަނުމަށް ފުރުސަތު ދިނުން. މި ޕްރޮގްރާމަށް ކުދިން ހޮވަނީ ހަމައެކަނި މާލެއަކުން ނޫން މުޅިރާއްޖެއިން. މި ޕްރޮގްރާމް ކުރިއަށްދާނީ ދިރާގުގެ މުވައްޒަފުންގެ ބެލުމުގެ ދަށުން،" އިސްމާއިލް ވިދާޅުވި އެވެ.
ނިންމި ކުދިންގެ 75 ޕަސެންޓް މަތީ ވަޒީފާތަކުގައި
ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މި ޕްރޮގްރާމު ފުރިހަމަ ކުރާ ބައިވެރިންގެ 75 ޕަސެންޓު މިހާރުވެސް ތިބީ ރަނގަޅު ވަޒީފާތަކުގައި ކަމަށެވެ.
"ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ދިރާގުގައި ވަޒީފާ އަދާކުރުން މަޖުބޫރެއް ނޫން. އަޅުގަނޑުމެން ދާދިފަހުން ކުރި ސާވޭއިން އެނގުނު ގޮތުގައި މި ޕްރޮގްރާމް [އެޕްރެންޓިސްޝިޕް] ފުރިހަމަކުރާ ބައިވެރިންގެ 75 ޕަސެންޓް ތިބީ ރަނގަޅު ވަޒީފާތަކުގައި. ބާކީތިބި 25 ޕަސެންޓުގެ ބޮޑު ބައެއްގެ ތެރެއިން ބޮޑު ބައެއް ކިޔަވަނީ. ދެން ތިބި ކުދިން އުޅެނީ އަމިއްލަ މަސައްކަތުގައި. މަސައްކަތް ނުކުރާ ކުދިންނެއް ނެތް،" އިސްމާއިލް ވިދާޅުވި އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކުރުކޮށް:
- ޕްރޮގްރާމް ފެށީ 2009 ވަނަ އަހަރު
- ރާއްޖޭގެ 9 ސަރަހައްދެއްގައި ކުރިއަށްދޭ
- ބައިވެރި ވެވެނީ ޒުވާނުންނަށް
- ކޮންމެ ކުއްޖަކަށް މެންޓާއެއް ހުރޭ
- މިހާތަނަށް 204 އަށްވުރެ ގިނަ ކުދިން ނިންމާފައި
- ކުރިއަށްދާނީ އެއް އަހަރަށް
- ހާއްސަ ދާއިރާތަކުން ހިލޭ ތަމްރީން ދޭނެ
- ދިރާގުގައި ވަޒީފާ އަދާ ކުރުން މަޖުބޫރެއް ނޫން
ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މިހާތަނަށް 204 ކުދިން ވަނީ ފުރިހަމަކޮށްފަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ އޭލެވަލް ތިން މާއްދާ އިން ފާސްވާ އުމުރުން 18-25 އަހަރުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމް ކުރިއަށްދާއިރު ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް މެންޓާއެއް ހުރެ އެވެ. އަދި އެ ކުދިންނަށް އެލަވަންސެއް ވެސް ދެ އެވެ.