ހަބަރު

ރައްޔިތުން ބޭނުންވާނަމަ ދިއްގަރު ދާއިރާއަށް ކުރިމަތިލާނަން: ނާޒިމް

ދިއްގަރު ދާއިރާގެ ރައްޔިތުން ބޭނުންވާނަމަ އަދިވެސް އެދާއިރާއަށް ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ދިއްގަރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް އެ ދާއިރާގެ ގޮނޑި ހުސްވެގެންދިޔައީ ސްޕްރީމް ކޯޓުން ހިޔާނާތުގެ މައްސަަލައެއް ސާބިތުވާ ކަމަށް ނިންމާ 25 އަހަރަށް އޭނާ ޖަލަށްލުމަށް ނިންމުމުންނެވެ. އެހެން ނަމަވެސް އެ ހުކުމް މިއަދު ސްޕްރީމް ކޯޓުން ވަނީ ރިވިއު ކުރުމަށްފަހު ބާތިލްކޮށްފަ އެވެ.

ހުކުމުގެ ފަހުން ސްޕްރީމް ކޯޓުން ނިކުމެވަޑައިގެން މީޑިއާތަކާ ބައްދަލުކުރައްވަ ނާޒިމް ވިދާޅުވީ، ވޭތުވެދިޔަ 16 އަހަރު ދިއްގަރު ރައްޔިތުން އޭނާއަށް ކުރެއްވި އިތުބާރަށް ޝުކުރު ދަންނަވާ ކަމަށާއި، އަދިވެސް އެ ދާއިރާގެ ރައްޔިތުން އެދޭނަމަ އެ ދާއިރާއަށް ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށެވެ. އަންނަ ހަފްތާގެ ތެރޭގައި ދިއްގަރު ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތެއް ބެއްލެވުމަށް އެ ދާއިރާއަށް ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އޭނާއަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެރުވި ކަމަށާއި، އިންސާފު ގާއިމް ކޮށްދޭން ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދަމުންދާ ކަމަށެވެ. މީގެ އިތުުރުން މިހާރު ދިއްގަރު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އަހުމަދު ފާރިސް މައުމޫން އެހެން ދާއިރާއަކަށް ކުރިމަތިލައްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހިޔާނާތުގެ މައްސަލައެއް ސާބިތުވާކަމަށް ނިންމާ ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމް އެ ކޯޓުން ބާތިލްކޮށްފައިވަނީ އިސްތިއުނާފަށް ހުށަހެޅުމުގައި ގިނަ ދުވަސްތަކެއްފާއިތުވެފައިވާތީއެވެ.