ހަބަރު

ޔާމީން ހާޒިރު ކުރަނީ ފައިސާގެ މައްސަލަތަކެއްގެ ތަހުގީގަށް: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރު ކުރަނީ ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވަނީ ރައީސް ޔާމީން އަންނަ ހޮނިހިރު ދުވަހު 2:00 އަކަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި ޗިޓު ފޮނުވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނު ހާޒިރު ކުރަނީ ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފައިސާގެ މައްސަލަތަކެއްގައި ޔާމީން ފުލުހަށް ހާޒިރު ކުރާއިރު އެމަނިކުފާނާ ގުޅުން ހުރި މަނީ ލޯންޑްރިންއަށް ތުހުމަތުވާ މައްސަލަތަކެއް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އިން ވަވނީ ފުލުހަށް ހުށަހަޅައިފަ އެވެ. އެ ޔުނިޓުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީންގެ އެކައުންޓުން ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއްގައި އެމަނިކުފާނުގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވިގެން ދިޔަ އިރު މިހާތަނަށް އެއްވެސް މައްސަލައެއް ތަހުގީގުކޮށްފައި ނުވެ އެވެ. ނަމަވެސް އެ މައްސަލަތައް ބަލަން ފަށާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދާދި ފަހުން ވަނީ އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމަށް މުހައްމަދު ހަމީރު (އެމްސީ ހަމީދު) އައްޔަން ކުރައްވައިފަ އެވެ.