ޖެމެއިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖޭގައި ދިނުމަށް ހަމަޖައްސާފައިވާ ޝޯ ކެންސަލް ނުކުރާ ކަމަށް ޝޯ އިންތިޒާމްކުރާ ޗޮޕްއާޓުން ބުނެފި އެވެ.
ޗޮޕްއާޓުން މިހެން ބުނީ ޝޯން ޕޯލް އަށް މަރުގެ އިންޒާރު ދީ އާންމުކުރި ވީޑިއޯއާ ގުޅިގެން އޭނާ ރާއްޖެ ނާންނަން ނިންމާފައިވާ ކަމަށް ޖެމެއިކާގެ ނޫހެއް ކަމަށްވާ އާރްޖޭއާރް ނިއުސްގައި ބުނެފައި ވާތީ އެވެ. މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ޝޯން ޕޯލް ޕާފޯމް ނުކުރަން ނިންމާފައިވާ ކަމަށް އެ ނޫހުގައި ބުނެފައި ވިޔަސް އެހެން ބުނެފައި ވަނީ އެއްވެސް ފަރާތަކާ ހަވާލާ ނުދީ އެވެ.
"...ޖެމެއިކާގެ ރެގޭ އާޓިސްޓް ޝޯން ޕޯލް އަށް ލިބުނު މަރުގެ އިންޒާރާ ގުޅިގެން އޭނާ ރާއްޖޭގައި ޕާފޯމް ނުކުރަން ނިންމާފައިވާ ކަމަށް އާރްޖޭއާރް އަށް އެނގިއްޖެ" ކަމަށް ފިޔަވައި އިތުރު ވާހަކައެއް އެ ނޫހުގައި ބުނެފައެއް ނުވެ އެވެ.
މިގޮތަށް ހަބަރު ފެތުރިފައި ވާއިރު ދިވެހި ސަރުކާރުން މިއަދު ބުނެފައި ވަނީ ޝޯން ޕޯލް އަށް ދިން މަރުގެ އިންޒާރަކީ މީހުން ބިރުގަންނުވަން ބަޔަކު ކޮށްގެން އުޅޭ ކަމެއްކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޝޯން ޕޯލް އަށް ރާއްޖޭގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
ޝޯން ޕޯލް އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ހުރިހާ ދީންތަކަށާއި ސަގާފަތަކަށް ފުރިހަމަ އިހްތިރާމް އެބައޮތް ކަމަށާއި މިފަދަ ދަތުރުތައް ކުރުމުގެ އެއް ބޭނުމަކީ މި ދީންތަކާއި ސަގާފަތްތަކުން ދަސްކޮށް އެމީހުންނާ ހިއްސާވެލުން ކަމަށެވެ. އަދި ދިވެހިން އޭނާ ދެކެ ވާ ލޯބި އިހްސާސްވެއް ކަމަށާއި ރާއްޖެ އިން ދައުވަތު ދިނީތީ ޝުކުރު އަދާކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް އަޅުގަނޑު އިހްތިރާމްކުރަން. އެކަމަކު ވަކި މީހެއްގެ ދީނީ ގަބޫލުކުރުމަކަށް ނިސްބަތްކޮށް އެމީހަކާ މެދު ގޮތެއް ކަނޑައަޅައި ތަފާތުކޮށްގެން ނުވާނެ،" ޝޯން ޕޯލް ބުނެފައިވެ އެވެ.
ހިލޭ ވަދެވޭ ގޮތަށް ބާއްވާ ޝޯގެ ތައްޔާރީތައް ކުރިއަށް ދާއިރު މިއީ ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށް ކުރިއަށް ގެންދާ މިފަދަ ހަރަކާތަށް ވާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފަ އެވެ. ޝޯން ޕޯލް ރާއްޖެ އަތުވެއްޖެ ނަމަ މަރާލާނެ ކަމަށް ބުނާ ވީޑިއޯ އަކީ ސީރިއާގައި ހަނގުރާމަކުރާ ދިވެހިން ނިސްބަތްވާ ޖަބުހަތުއް ނުސްރާގެ އިންޒާރެއް ކަމަށް އެ ވީޑިއޯގައި ބުންޏަސް އެ ޖަމާއަތުގެ ފޭސްބުކް ޕޭޖްގައި ވަނީ އެ ވީޑިއޯ އަކީ އެ މީހުންގެ އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ.