ރައީސް އަބްދުﷲ ޔާމިން ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށް ޕީޕީއެމް އިން ބުނެފައި ވަނިކޮށް އެމަނިކުފާނު ކާރު ކޮޅުގައި ފުލުހަށް ވަޑައިގެންފި އެވެ. ކާރު ކޮޅުގައި ޔާމީން ފުލުހަށް ހާޒިރުވާން ޖެހުނީ އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމާ ގުޅިގެނެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އެންގީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ފައިސާތަކެއް އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ބެލުމަށެވެ. އެގޮތުން ޕީޕީއެމް އިން ރާވާފައި ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ހިންގަވާފައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.
ނަމަވެސް ޔާމީންގެ މައްޗައް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކާއި އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ، އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ވެސް އެ ވަގުތަށް ވަނީ މަގު މައްޗައް ނިކުމެފަ އެވެ. ބެނާތަކާއި ބޯޑުތައް ހިފައިގެން އެމްޑީޕީގެ އެކްޓިވިސްޓުން މަގުމައްޗައް ނިކުތުމުން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެ ފަރާތްތަކާ ދިމާލަށް ގޮސް ކުރިމަތިލުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެސްއޯ ފުލުހުން ދެ ފަރާތުގެ މެދަށް ވަދެ އެ ސަރަހައްދު ވަނީ ހަމައަކަށް އަޅުވާފަ އެވެ.
އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކާ ހެދި ރައިސް ޔާމީންއަށް ޖެހިވަޑައިގަތީ ކާރުކޮޅުގައި ވަޑައިގަންނަވާށެވެ. އެމަނިކުފާނު އަމިއްލަ ގެކޮޅުން ނިކުމެވަޑައިގަތް އިރު ވެސް އެމްޑީޕީގެ ސަޕޯޓަރުން ދިޔައީ އަޑު ގަދަ ކުރަމުންނެވެ.
ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުން މިހާރު ތިބީ ބޮޑުތަކުރުފާނު މަގު ބީއެމްއެލް ކައިރީގަ އެވެ. ފުލުހުން ވަނީ އެ ހިސާބަށް މަގު ބަންދުކޮށްފަ އެވެ. ރައީސް ޔާމީން މިހާރު ހުންނެވީ ފުލުހުންގެ އިދާރާ ތެރޭގަ އެވެ.