ކުޅިވަރު

ހައިރާން ކޮށްލައިފި، ކުރުނބާއިން ފަތާފައި މާލެއަށް

ރާއްޖޭގެ 99 ޕަސަންޓަކީ ކަނޑެވެ. ދިވެހިންގެ ކެއިންބުއިމާއި، އާންމުދަނީވެސް ގުޅިފައި ވަނީ ކަނޑަށެވެ. ރާއްޖެއަކީ މާކަނޑުގެ މެދުގައި އުފެދިފައިވާ ގައުމަކުން ވުމުން، "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" މި ޝިއާރުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނަށް އެންމެ ކުރިން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ބޭނުމަކަށް ވެފައި އޮތީ ފަތަން ދަސްކޮށްދިނުމެވެ. ނަމަވެސް މި ޕްރޮގްރާމް މިއަށްވުރެ ފުޅާކޮށް ހިނގަންޖެހޭ ކަމުގެ ވިސްނުން ދިވެހިންނަށް ވިސްނައިދޭން ކަނޑަށް ފުންމާލީ، 'ސްވިމް މޯލްޑިވްސް'ގެ ނަމުގައި ހިންގާ މޫވުމެންޓަކުންނެވެ.

ކުޅިވަރާއި ދުވުމުގައި މިހާރުވެސް ހަރަކާތްތެރިވާ، ގާނޫނީ ވަކީލު ހުސައިން ޝަމީމް 'ޝަމްބެ' އާއި ފެތުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް ގުޅިގެން 35 މީހުން ގޮވައިގެން އިއްޔަ މާ ކަނޑަށް ފުންމާލީ ތަފާތު ބޮޑު ޗެލެންޖެއް ނެގުމަށެވެ. ކުރުނބާ ވިލެޖު މޯލްޑިވްސްއިން ފަތާފައި މާލެ އައުމަށެވެ. ކުރުނބާގެ ފަޅު ތެރެއިން ފެށި ޗެލެންޖުގެ ފަސް ކިލޯމީޓަރުގެ ފެތުން މާލޭގެ ރަސްމީ ފާލަމުގެ ބަނދަރަށް ވަދެވުނީ ދެގަޑި 30 މިނެޓެއްހާއިރުންނެވެ.

ފެތުމުގެ މި އިވެންޓް ކުރިއަށް ގެންދިޔައިރު، އެމްއެންޑީއެފް އާއި ފުލުހުން އަދި ކުރުބާ ވިލެޖު ރިޒޯޓްގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ފަތާ މީހުން ވަރުބަލި ވެއްޖެނަމަ، ވަރުބަލި ފިލުވުމަށްޓަކައި އަރާނެ ދޯންޏެއްވެސް ހަރަކާތްތެރިވި އެވެ. ގާތްގަނޑަކަށް 30 މީހުން ވަނީ ވަނީ ކަނޑުން ނާރައި މި ޗެލެންޖު ފުރިހަމަ ކޮށްފަ އެވެ.

"އަޅުގަނޑުވެސް ހީކުރި ވަރަށް ވުރެ ބޮޑު ޗެލެންޖެކަށް މިކަންވީ،" މި އިވެންޓްގައި ފެތި ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް 'ކުޑަ ހުސައިން' ބުންޏެވެ. "މިއީ ވަރަށް ރަނގަޅު ހަރަކާތެއް މި އިވެންޓް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ވިސްނުން އެމީހުން [ސްވިމް މޯލްޑިވްސް] ގެންގުޅޭ، އެއީ ވަރަށް ރަނގަޅު ކަމެއް ރާއްޖޭގައި ވަށައިގެން ކަނޑު އޮންނައިރު އެބަޖެހޭ މި ހަރަކާތް މުޅި ރާއްޖެއަށް ފުޅާ ކުރަން."

ޝަމްބެ ބުނީ، ސްވިމް މޯލްޑިވްސްއިން އިއްޔެ އިވެންޓް ބޭއްވުމުން، ރާއްޖޭގެ ބައެއް ހިސާބުތަކުން މިހާރުވެސް ދައުވަތު ލިބިފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހު، ކ. މާފުށިން ފެށިގެން ކ. ގުޅިއަށް ފަތާފައި ދިއުމުގެ އިވެންޓް ބާއްވާނެ ކަމަށް އޭނާ ބުންޏެވެ.

"މީގެ އިތުރުން، ބ. އޭދަފުށިން އެ އަތޮޅު ކެންދުއާ ހަމައަށް ފަތާފައި ދިއުމަށް މިކަހަލަ އިވެންޓެއް ބޭއްވުމަށް ވަނީ ދައުވަތު ލިބިފަ، އެ އިވެންޓް ކުރިއަށް ގެންދާނީ ކޮންމެ ހަތަރު ގަޑިއިރަކުން ފަތާފައި ދެން އޮންނަ ސެޝަން މިކަމާ ގުޅޭ އެވެއާނަސް ހިންގާގޮތަށް ކުރިއަށްދާނީ،" ޝަމީމް ކިޔައި ދިނެވެ. "އަދި ހއ އަތޮޅުވެސް ވަނީ ދައުވަތު ލިބިފައި."

އޭނާ ބުނީ ގައުމުގެ ނިސްބަތުން އެންމެ ބޮޑު ކަނޑުގެ ސަރަހައްދު ރާއްޖޭގައި އޮންނައިރުވެސް، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުގައި ފަތާފައި ދެވޭނެ ކަމަށް ދިވެހިންނަށް ގަބޫލު ކުރެވިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ހަރަކާތުގެ އެއް ބޭނުމެއް ދިވެހިންނަށް އެކަން ވިސްނައި ދިނުން،" ޝަމީމް ބުންޏެވެ. "ކަނޑު އޮތް ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ނުކުރެވޭ ކަމެއް ކަނޑުގައި ފަތާފައި އެއްތަނުން އަނެއްތަނަށް ދިއުމަކީ، އެހެންތަންތަނުގެ ކަނޑުގެ ސަރހައްދުގައި ފިނިހޫނުމިން ހުންނަ ގޮތުން ނުވަތަ ކަނޑުގައި ނުރައްކާތެރި އެއްޗުހި އުޅޭތީ އެކަން ނޮވޭ ކުރެވޭކަށް، އެހެން ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެކަހަލަ އެއްވެސް ކަމެއް ނެތް، ކަނޑުގައި ފަތާފައި ދިއުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް."

އިއްޔެ ކުރުނބާ ވިލެޖުން ކަނޑުގައި ފަތާފައި މާލެ އައުމަކީ ސްވިމް މޯލްޑިވްސް ކަނޑަށް އެރުނު ފުރަތަމަ ދުވަހެއް ނޫނެވެ. އެ ޓީމުން ވަނީ މީގެ ކުރިން ވަނީ ކުރުނބާ ވިލެޖުން ފަތާފައި ހުޅުމާލެ ގޮސްފަ އެވެ.

"ކުރުނބާ ވިލެޖުން ފަތާފައި ހުޅުމާލެ ދެވުނީ މާ އަވަހަށް،" ހިނިތުން ވުމާއެކު ޝަމީމު ކިޔައިދިނެވެ. "މާ އަވަހަށް ދެވުނީމަ ކަމަކު ނުދިޔަ އަނެއްކާވެސް އެނބުރި ފަތާފައި ކުރުނބާއަށް ދިޔައީ، އޭރުވެސް 20 މީހުން ބައިވެރިވި."

އޭނާ ބުނީ އިއްޔަގެ އިވެންޓާ މެދު ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަރަށް ހިތްހަމަޖެހި ވަޑައިގެން ހުންނެވި ކަމަށެވެ. ރާއްޖޭގެ ޓްއަރިޒަމް މާކެޓް ކުރުމަށާއި ކުޅިވަރެއްގެ ގޮތުގައި ދިގު ފެތުން މުޅި ރާއްޖޭގައި ފުޅާ ކުރުމަށް އެ އިވެންޓުގެ މުހިންމުކަން ދެ މިނިސްޓަރުން ފާހަގަ ކުރެއްވި ކަމަށެވެ.

"ކަނޑަށް ކުނި ނޭޅުމަށާއި، ޓުއަރިޒަމް ޕްރަމޯޓް ކުރުމަށް މިކަހަލަ އިވެންޓް ބޭއްވިދާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރު ފާހަގަ ކުރެއްވި،" އޭނާ ބުންޏެވެ. "ޔޫތު މިނިސްޓަރު ފާހަގަ ކުރެއްވި ސްވިމިން ޓްރެކެއް ނެތަސް މިކަން ކުޅިވަރެއްގެ ގޮތުގައި މުޅި ރާއްޖޭގައި ބޭއްވިދާނެ ކަމަށް."

އަންނަ މަހު މާފުއްޓާއި ގުޅިއަށް ބާއްވާ އިވެންޓްގައި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ބައިވެރިވާނެ ކަމަށް ޝަމީމް ބުންޏެވެ. އޭނާ ވަނީ މިހާރު ސްވިމް މޯލްޑިވްސްގެ ނަމުގައި ކުލަބެއް ރަޖިސްޓްރީ ކުރުމަށް ޔޫތު މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.