ހަބަރު

ފުލުހުން ތުހުމަތެއް ނުކުރޭ، ގެންދިޔައީ މައުލޫމާތު ސާފުކޮށްލަން: ޔާމީން

Dec 15, 2018
9

ފުލުހުން އެއްވެސް ކަމެއްގައި އެމަނިކުފާނަށް މިއަދު ތުހުމަތެއް ކޮށްފައި ނުވާ ކަމަށާއި ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ހާޒިރުކުރީ މައުލޫމާތެއް ސާފުކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ދޮޅުގަޑިއެއްހާއިރު ފުލުހުންގެ އިދާރާގައި ހޭދަކުރުމަށް ފަހު ބޭރަށް ނުކުމެ ވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން ވިދާޅުވީ، ފުލުހުން ކުރީ ޖުމްލަ ތިން ސުވާލެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ފުލުހުން އޮޅުން ފިލުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައި ވާތީ، ދެ ޓްރާންސެކްޝަނަކާ ގުޅޭ ގޮތުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެ ކައުންޓަކީ އެމަނިކުފާނު މިދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް ކެމްޕޭން ފައިސާ ޖަމާކުރަން ގާނޫނުގެ ދަށުން ހަމަޖައްސައި ބޭނުން ކުރެއްވި އެކައުންޓް ކަމަށް ފުލުހުންނަށް ދެންނެވި ކަމަށެވެ. އަދި އެ ޓްރާންސެކްޝަންތަކުގައި އެއްވެސް ނުބައެއް ހުރިކަން ފުލުހުން މިއަދު ނުބުނާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ފުލުހުން އަޅުގަނޑު ކައިރިން ކަންތައްތަކެއް ސާފުކުރެއްވީ ކެމްޕޭން ފައިސާ ޖަމާވެފައި ހުރީމާ. އެއްވެސް ތުހުމަތެއް ނޫނީ އަޅުގަނޑު ކުރައްވާފައ އޮތް ގަވާއިދާ ހިލާފު ކަމެއް އެބޭފުޅުން ވިދާޅެއް ނުވޭ. އެކަމަކު އަޅުގަނޑު އެކަންޏެއް ނޫން ދެއްތޯ ކެމްޕޭން ކުރެއްވީކީ. އެހެން ކެންޑިޑޭޓެއް ވެސް ހުންނެވި. އެ ކެންޑިޑޭޓްގެ ފައިނޭންސްގެ ކަންކަން ވެސް ބަލަން ޖެހޭނެ. ދެން އަޅުގަނޑުގެ އެކައުންޓެއްގައި ފައިސާ ހުރުމަކީ އަޅުގަނޑު ގެންދަން ޖެހޭ ސަބަބެއް ވެސް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ، އެކަމާ ވެސް ފުލުހުން ސުވާލު ކުރި ކަމަށެވެ. އަދި އެ ފައިސާ އަކީ، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ވާތީ، އަދި އެކަމުގެ މީގެ ކުރިން އޭސީސީއަށް ބަޔާނެއް ދީފައި ވާތީ އެ މައުލޫމާތު އޭސީސީއިން ސާފުކުރުމަށް އެދުނު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކައުންޓްތައް ފްރީޒްކޮށްފައި ހުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ އެ ބުނާ އެކައުންޓްގައި މިލިއަންތަކެއް ނޫޅޭނެ. އެއީ ގާތްގަނޑަކަށް 20 އަކަށް މިލިއަނޭ ހުންނާނީ ހަނދާން ވަނީ. އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވާނެ މިއީކީ ބޮޑު އަދަދެކޭ ކެމްޕެއިންއަކަށް. އެއަށް ވުރެ ބޮޑަށް ސިޔާސީ ކެމްޕޭނަަކަށް ހަރަދުވާނެ. ފުލުހުންނަކަށް ވެސް ނުބުނެވޭ ގަވާއިދާ ހިލާފަށް ކުރި މުއާމަލާތެއް،" ޔާމީން ވިދާޅުވި އެވެ.

އިތުރަށް ތަހުގީގަށް ހާޒިރުކުރަން ޖެހިއްޖެ ނަމަ އަދިވެސް ހާޒިރުކުރާނެ ކަމަށް ފުލުހުން އެމަނިކުފާނަށް ދެންނެވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދައުލަތުގެ ފައިސާއެއް ބޭނުން ނުކުރައްވާ ކަމަށާއި އެކަން އެއީ ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ހަޒާނާއިން ފައިސާ ބޭނުންކުރި ގޮތް ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް އަސާސްއެއް ނެތް ތުހުމަތުތައް ކުރުން އާންމުވެފައި ވުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.