ހަބަރު

މުހިންމު ބިލްތަކަށް ވޯޓު ދެއްވަން ކޯލިޝަން ބައެއް މެންބަރުން ނުދިޔަ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ދެ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް ނޭހުނީ ކޯލިޝަން ޕާޓީތަކުގެ ބައެއް މެންބަރުން މަޖިލީހަށް ހާޒިރު ނުވާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާ އިރު، ދެ ކޮމިޝަނަށް ބާރު ދޭ ބިލާއި ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް އިސްލާހުގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސް ކުރުމަށް އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެންމެ ފުރަތަމަ ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި އަޑު ގަދަ ކުރާތީ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފަ އެވެ.

އެެއަށްފަހު ވެސް ޖަލްސާއެއް ބޭއްވޭ ގޮތެއް ނުވި އެވެ.

އެކަމާ ގުޅޭ ގޮތުން ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ވޯޓު ނުނެގުނީ ކޯލިޝަންގެ ބައެއް މެންބަރުން މަޖިލީހުގައި ނެތުމުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. ވައްކަން ބަލާ ވާހަކަ ދެއްކިޔަސް ނުފުދޭ ކަމަށާއި ވައްކަން ބަލަން ވޯޓަށް ނަގަން ބަލާއިރު މެންބަރުން ފުރައިގެން ގޮސް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ކޯލިޝަންގެ ބައެއް މެންބަރުން މާލެއިން ބޭރުގައި ތިއްބެވިއިރު އަނެއް މެންބަރުން ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރާތީ އެތަނަށް ވަޑައިގެންފައިވެ އެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓު

މަޖިލީހުގެ ތިން ވަނަ ދައުރު މިދިޔަ މަހުގެ ނިޔަލަށް ނިމެ އެވެ. ނަމަވެސް މެންބަރުން ވަނީ ރައީސް ސޯލިހުގެ ވައުދުތައް
ފުއްދުމަށް މިއަދާ ހަމަޔަށް ދައުރު ދިގު ދަންމާލަން ފާސްކޮށްފަ އެވެ. ނަމަވެސް އޭރު މެދުކަނޑާލި ގޮތަށް އަދިވެސް މަޖިލީހުގެ ޖަލްސާއެއް ނުފަށަ އެވެ. އަދި މިއަދު މަޖިލިސް އޮންނާނެ ކަމެއް ވެސް ނޭނގެ އެވެ.
----

*އެޑިޓަރުގެ ނޯޓް: މި ހަބަރުގައި މީގެކުރިން ޖުމްހޫރީ ޕާޓީ މެންބަރުން ނައިސްގެން ޖަލްސާ ނުފެށިފައި މިހެން ލިޔެވުނީ މައުލޫމާތުގެ ކުށަކުން އެވެ. އެ ކުށް މިހަބަރުން މިހާރު މި ވަނީ އިސްލާހު ކުރެވިފަ އެވެ. އެހެން ކަމުން އެ ކުށް މައުލޫމާތައް ޓަކައި އެންމެހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.