ވާހަކަ

ލޯބީގެ މެހެފިލް

ދަން ޖެހިގެން މަރުވާން އަހަރެން ވިސްނީމެވެ. އެކަމަކު ފަހުން ހިތަށް އެރީ އަހަންނާ ހެދި ނޫޅޭ މީހަކަށް ފުރާނަ ދުއްވާލުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެން ނޫނަސް ކުފުރު މަރެއްގައި ނެތިދިއުމުން ދެ ދުނިޔޭގައި ވެސް ހުރިހާ ދެރަ އަކާއި ހުތުރެއް ލިބޭނީ އަހަންނަކަށް ނޫން ހެއްޔެވެ.

އަނެއްކޮޅުން މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ ވެސް އަހަންނެވެ. އެމީހުންނަށް ލިބޭނެ ދެރަ އާއި ނިކަމެތިކަން ހިތަށް އަރާފައި، ފަންކާގައި އައްސައިގެން ކަރަށް މެހި ދަންމަޅިން ބޯ ދަމައިގަނެގެން މުޅި އުމުރަށް އެމީހާގެ ހަޔާތުން ވެސް އަހަރެން ބޯ ދަމައިގެންދިޔައީ އެވެ. ނަމަވެސް އަމިއްލަ ގެދޮރަށް އެނބުރި ދިޔައިރު އެކައްޗެއް ވެސް ނެތެވެ.

މި ވާހަކަ އާ ފެށުމަކުން ފަށަން މަޖުބޫރުވަނީ މި ސަބަބާ ހެދި އެވެ. އެހެންވީމަ މީގެ 15 އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ. އޭރު އަހަންނަށް އަދި 19 އަހަރު ނުފުރެ އެވެ. އެ މީހާ އަށް ތިރީސް ކޮންމެވެސް އަހަރެކެވެ. ގާތްގަނޑަކަށް އަހަރެންގެ ބައްޕަގެ އުމުރެވެ.

އެއީ މާލެ އިން އައި މީހެކެވެ. ފައިސާވެރި ނުފޫޒުގަދަ މާލޭ މީހެއް ކަމުގައި ބައްޕަ ބުނި ހަނދާނެއްވެ އެވެ. އަހަރެން އިނީ ލަދުން ގޮސް ކުޑަވެ، އިސް ދަށަށް ޖަހައިގެން އަމިއްލަ ދުނިޔެއަކަށް ގެއްލިފަ އެވެ. އެހެންވީމަ އެމީހުން އެތަނުގައި ތިބެގެން ދެއްކި ވާހަކަތަކެއް އެހާ ރަނގަޅަކަށް ނޭނގެ އެވެ.

އެކަމަކު މާ ކުރިން އެނގިފައި އޮތީ ބައްޕަގެ ނިކަން ގާތް މާލޭގެ މީހަކާ އަހަރެންގެ ކައިވެނިކުރުވަން ނިންމާފައި އޮތް ކަމެވެ. އެމީހަކީ މާލެއިން އައި ފައިސާވެރިޔާކަން އެނގުނީ ގޭގައި އެ ދުވަހު ބޭއްވި މި ކުޑަ ސައި ޕާޓީގެ ތެރެއިންނެވެ.

އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. މަންމަ އާއި ބާއްޕަގެ ނިންމުމަކަށް އަދި އެދުމަކަށް އެކަންވީމަ އެވެ. އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް އަހަރެންނަށް ދަސްކޮށްދީފައި ވަނީ މަންމަ އާއި ބައްޕަގެ ބަސް އަހައި ކިޔަމަންވުމަށް ކަމަށް ވުމުން، މާލެ އިން އައި މި ފައިސާވެރިޔާއާ ކައިވެނިކުރަން އެދުމުން އިސްދަށަށް ޖަހާލައިގެން އިނދެ އެކަމަށް ވެސް އެއްބަސްވީ އެވެ.

ދެރައެއް ނުވަމެވެ. ދެރަވީ ކައިވެނިކޮށްގެން މަންމަ އާއި ބައްޕަ ދޫކޮށް ފިރިމީހާގެ ރަށަށް ފުރައިގެން ދާން ޖެހުނީމަ އެވެ. ފަހުން ހުރިހާ ކަމެއް ވެސް ރަނގަޅުވެދާނެއޭ މަންމަ އާއި ބައްޕަ ބުނީމަ އެ ވާހަކަ ވެސް ގަބޫލުކޮށް، ލޮލުން ހިލުނު ކަރުނަތައް ފޮހެލުމަށް ފަހު ފޮށި ތަންމަތި ތައްޔާރުކޮށްގެން މާލެ ދިޔައީ އެވެ. 

އެއީ މަތިންދާބޯއްގައި އަހަރެން އުދުހުނު ފުރަތަމަ ފަހަރެވެ. އަދި އަމިއްލަ ގެއާއި ރަށާއި މަންމަ އާއި ބައްޕަ ދޫކޮށް އެހެން ރަށަކަށް ނުވަތަ އެހެން ބައެއްގެ ތެރެއަށް ދިޔަ ފުރަތަމަ ފަހަރު ވެސްމެ އެވެ.

ފިރިމީހާ އާއި އަހަރެންނާ ދެމެދު އޮތް ބީރައްޓެހިކަމުގެ ގުޅުން މަޑުމަޑުން ރައްޓެހި ކަމަކަށް ބަދަލުވެ އެ ގުޅުމަށް އެހެން ކުލަތައް ވެސް ފޭދެން ފެށީ މި ދަތުރު މަތިންނެވެ. މަތިންދާބޯޓުގައި ގޮނޑީގެ ކަމަރު އަޅުވާނެ ގޮތުން ފެށިގެން ހުރިހާ ކަމެއް ކިޔައި، ދަސްކޮށްދިނީ އޭނާ އެވެ.

އަހަރެންގެ ހަޔާތުގައި މަންމަ އާއި ބައްޕަގެ އެދުމަށް އިންދި ގަހުން ދެން ފަޅަން ފެށީ ހީކުރި ވައްތަރުގެ ގޮފިތަކެއް ނޫނެވެ. ފޮޅެން ފެށި މަލާއި ލިބެން ފެށި މޭވާ އާއި އެ ގަހުން ދިން ހިޔަލަކީ އަހަރެން އެއްގޮތަކަށް ވެސް އުއްމީދުކުރި ނިއުމަތްތަކެއް ނޫނެވެ.

ދެން ހިތަށް އެރީ މީހުން ބުނާ ވާހަކަ އެކެވެ. މަންމަ އާއި ބައްޕަ އަކު ދަރިއަކަށް ދެރަގޮތެއް ނަހަދާނެ އެވެ. ދެރައެއް ނުދޭނެ އެވެ. ދެރައެއް ނޭދޭނެ އެވެ.

ކޮންމެއަކަސް ކައިވެންޏަށް އަހަރުވީއިރު އަހަރެންގެ ހިތް ފުރިގެން ބަންޑުން ވަނީ އެވެ. އުފަލުންނެވެ.

ފިރިމީހާ އަހަންނަށް ހޯދައިދިން ދިރިއުޅުން ވެގެން ދިޔައީ ހުވަފެނެއްގައި ވެސް ނުފެންނަ އަދި ނުލިބޭ ވަރުގެ ބޮޑު އަރާމަކަށެވެ.

މާލެ އިން އައި މީހަކާ ދެވަން ބައްޕަ ހުރިހާ ކަމެއް ނިންމައިފި ކަމުގެ ޚަބަރު އެކުވެރިންނަށް ދިން ދުވަހު އޭގެ ތެރެއިން ބައެއް މީހުން ބުނީ މާލެ އިން އަންނަ މީހުންނަކީ ބަދު ނަސީބެއް ކަމަށެވެ. ހާއްސަކޮށް ފައިސާގެ ބާރުގަދަ މާލޭ މީހެއްގެ އަތް ދަށު ވެއްޖެ ނަމަ އުފާވެރި ދިރިއުޅުމެއް ދުވަހަކު ވެސް ނުލިބޭނެ ކަމަށެވެ.

ކައިވެނިކޮށްގެން މާލެ އަށް ފުރިއިރު އަހަރެންގެ ހިތް އެންމެ ބޮޑަށް ތެޅެމުން ދިޔައީ އެކުވެރިންގެ ބަސްތަކުން ބޮލަށް ވަދެފައި އޮތް މި ހާސްކަމަކާ ހެދި އެވެ. ދެން ވާނޭ ގޮތެއް ނޭނގޭތީ ގަތްބިރެވެ.

ނަމަވެސް ދުނިޔަވީ ހަޔާތުގެ އެންމެ ހިތްގައިމު ސިފައަކީ އެއީ އެވެ. ދެން ވާނޭ ގޮތް ތިމާ އަށް ނޭނގޭ ގޮތަށް ކުރިމަގު ފޮރުވިފައި އޮތުމެވެ. މިއީ ހަޔާތުގެ ދަތުރަށް އެންމެ ފުރިހަމަ އަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއް ވެސްމެ އެވެ. އަނެއްކޮޅުން ހަޔާތުގައި މިފަދަ ސިފައެއް ޖެހިފައި ނެތް ނަމަ އޭގައި އޮތީ ކޮން ފޯރިއެއް ވެސް ތޯ އެވެ. 

އެހެންވީމަ އަހަރެން ވެސް މާލެ ދިޔައީ ދެން ވާނޭ ގޮތް ނޭނގި، ކުރިމަތިވެދާނެ ކޮންމެ ފަދަ މުސީބާތަކަށް ވެސް ތައްޔާރުވެގެންނެވެ. އިންސާނާގެ ތަބީއަތް ތަރުތީބުވެފައި ހުންނަ ގޮތުން އަބަދުވެސް ތައްޔާރުވެވޭނީ ކުރިމަތިވެދާނެ ކަމަށް ބެލެވޭ ދެރައަކަށެވެ.

ލިބިދާނެ އުފަލަކަށް ނުވަތަ ލައްވާލަފާނެ ބޮޑު ނަސީބަކަށް ތައްޔާރުވަނީ މަދު މީހެކެވެ. އަހަރެން ވެސް ފޮށިތަންމަތި ބަނދެ ތައްޔާރުވެގެން ހުރީ ހުރިހާ ދެރައަކަށް އުއްމީދުކޮށްގެންނެވެ.

އެހެން ހުއްޓައި ފިރިމީހާގެ ޖާދުލުން ހަޔާތް އަލިކޮށްލުމުން ދެން ވެރިވި އުފާވެރިކަން މާ ބޮޑުވީ އެވެ.

ރައްޓެހިން ބުނީ މާލޭގެ ފައިސާވެރިން އަހަރެމެން ކަހަލަ ފަގީރުންނާ ކައިވެނިކުރަނީ މާލެ ގެންގޮސް ގޭގައި ނޯކަރެއްހެން ގެންގުޅެވޭނެތީ ކަމަށެވެ. ނަމަވެސް އަހަރެންގެ އެކުވެރިންގެ މި ހުރިހައި ވާހަކަތަކެއް ހަގީގަތެއް ނެތް ވާހަކަތަކަކަށް ބަދަލުވެގެން ދިޔައީ އެވެ.

ރައްޓެހިން މާ ބިރު ގަންނަނީ އެވެ. އެމީހުންނާ ދުރަށް އަހަރެން ދާން އުޅޭތީ ހިފަހައްޓަނީ އެވެ. ނުވަތަ ފައިސާވެރިޔަކާ އިނދެގެން ލިބިދާނެ މޮޅަކަށް ހަސަދަވެރިވަނީ އެވެ. ފަހުން ހިތަށް އެރީ މިހެންނެވެ. ފަހުން ގަބޫލުކުރެވުނީ ފިރިމީހާގެ ވާހަކަތަކެވެ. އެންމެ ގާތް މިތުރަށް ވެސް އޭނާ ބަދަލުވީ އެވެ.

އެކަމަކު ހަޔާތުގެ ދަތުރުގައި ވާނޭ ގޮތް އެނގެނީ ކާކަށް ހެއްޔެވެ؟ އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނެ އިރެއް ބުނަން އެނގެނީ ކާކަށް ހެއްޔެވެ؟

އެހިސާބަށް ނުވިސްނައި ހަޔާތަށް ވެރިވި އުފާވެރިކަމުގެ ތެރޭގައި އަހަންނަށް ވެސް ނިދާލެވުނީ އެވެ. ފަހަރެއްގައި ނޯކަރެއްގެ ހަޔާތް ނުލިބުނީމަ އެވެ.

މާލެ ގޮސް ފިރިމީހާގެ އަމިއްލަ ގޭގައި އަހަރެން ގެންގުޅުނީ ގަނޑުވަރެއްގައި މަހާރާނީއެއްގެ އިއްޒަތުގަ އެވެ. ފިރިމީހާ ބޭނުންވި ވަގުތަކު އޭނާއާ އެކު ލޯބިކޮށް އުފާކުރުން ފިޔަވައި ކުރަން ޖެހުނު އެއްކަމެއް ވެސް ނެތެވެ.

އެއަށް ފަހު އަހަންނަށް ހުރިހައި ކަމެއް ކޮށް ދެނީ ގޭގައި ގެންގުޅޭ ހާދިމުންނެވެ. އެއީ ފިރިމީހާ ދެކެ ނިކަން ބިރުގަންނަ، އޭނާގެ އަމުރަށް ނުހަނު ކިޔަމަންވާ އަންހެން ކުދިންތަކެކެވެ.

އަހަންނަށް ހެދުންކޮޅު ތައްޔާރުކޮށް، ފެންވަރުވައި، ކާން ތައްޔާރުކޮށް ދެނީ ވެސް ގޭގައި ގެންގުޅޭ މި އަންހެން ކުދިންތަކެވެ. އެމީހުން އަހަންނަށް ވަރަށް ވެސް ހެވެވެ. ނުވަތަ ފިރިމީހާ އަށް ކިޔަމަންވަނީ އެވެ.

އޭގެ ތެރެއިން ގިނަ ކުދިންނަނީ ފެންނަ ފެނުމަށް އަހަންނާ އެއް އުމުރެއްގެ ޒުވާން އަންހެން ކުދިންނެވެ. އުމުރުން ދޮށީ އަންހެނުން ވެސް ގޭތެރޭގައި އުޅެ އެވެ.

ނަމަވެސް މިއިން އެއްވެސް ބަޔަކީ ފިރިމީހާގެ އާއިލާގެ މެމްބަރުންތަކެއް ނޫނެވެ. މާލެ އަށް ގެނައި ގޮތަށް އަހަންނަށް އޭނާގެ އާއިލާގެ މެމްބަރަކު ނުފެނެ އެވެ. ނުވަތަ ނުދައްކަ އެވެ.

އެންމެ ފުރަތަމަ އަހަރެމެން ދެ މީހުންގެ ދެމެދު ޖެހުނު މައްސަލަ އަކީ މިއީ އެވެ. ނަމަވެސް ނެތީ ކޯއްޗެއް ހެއްޔޭ، ނުލިބެނީ ކޮން އެއްޗެއް ހެއްޔޭ ކިޔާފައި ފިރިމީހާ ހަޅޭފަޅޭޖަހައިގަން ފަހަކުން އަހަރެން ދެ ވަނަ ފަހަރަކަށް އެ ޝަކުވާއެއް ނުކުރަމެވެ. އެ ވާހަކަ ދައްކަން ބިރުގަތީ އެވެ.

އެހެން ނޫނަސް ފިރިމީހާ ވެސް ބުނި ފަދައިން އަހަންނަށް ނުލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ އަހަންނަށް ހިދުމަތްކުރުމަށް އެއްކޮށްފައިވާ ބީރައްޓެހި މޫނުތައް އާއިލާ އަކަށް ފުދެ އެވެ. ނުވަތަ އަމިއްލަ އާއިލާ އަށް ވުރެން ވެސް ހެވެވެ. ދެން ކޮން ޝަކުވާއެއް ކުރާކަށް ހެއްޔެވެ؟ އަހަރެން ހިތަށް އެރީ މިހެންނެވެ. ފިރިމީހާގެ ބަސް ގަބޫލުކޮށް އަހަރެންގެ ހިޔާލު ގޯސް ކަމަށް ގަބޫލުކުރެވުނީ އެވެ.

ނަމަވެސް އޭރު ވެސް ފިރިމީހާއާ ބެހޭ ގޮތުން އަހަންނަށް އެނގެނީ ނުހަނު ކުޑަ މިންވަރެކެވެ. މަންމަ އާއި ބައްޕަ ބުނެދީފައި އޮތް ވަރެވެ. އެއީ ފައިސާވެރިއެއް ކަމެވެ.

މަންމަ އާއި ބައްޕަ ކިޔައިދިން ގޮތަށް އަހަރެންގެ ފިރިމީހާވީ ނިކަން ބޮޑު މުއްސަންޖަކަށެވެ. ގަނޑުވަރެއްހާ ރީތި، ބޮޑު ގެއަކާއި އަގުބޮޑު ޖަވާހިރާއި އުޅަނދުތައް އޭނާގެ އަތުގައި އެބަހުއްޓެވެ. މާލޭގެ އެންމެ އަގުބޮޑު ރެސްޓޯރެންޓުން ކާން ލިބޭހާ މީރުކޮށް ގޭގެ ސުފުރާމަތިން ވެސް އަބަދުމެ ލިބެން ހުރެ އެވެ.

އެކުވެރިން ވެސް ގިނަ މީހެކެވެ. ހާއްސަކޮށް ނުފޫޒުގަދަ އެކުވެރިން މުށު ތެރޭގައި ގެންގުޅޭ މީހެކެވެ. އޭނާގެ މުއްސަނދިކަމުގެ މި ތަފްސީލު އެނގެން ފެށީ އެއްގޮތަކަށް ވެސް އޭނާ މި ވާހަކަތައް ކިޔައިދީގެންނެއް ނޫނެވެ. ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ. 

އަދި އަހަންނަށް އުޅެވެމުން ދިޔައީ ލޯބިވާ އަނބިމީހާ އަށް ތައްޔާރުކޮށްފައި ހުރި ގަނޑުވަރެއްގައި ނޫން ކަމާއި ފިރިމީހާ އާއި އަހަންނާ ދެމެދު އެތައް ހާސް މޭލެއްގެ ދުރުމިން އޮތްކަން ވެސް އެނގުނީ އަހަންނަށް ދެއްކި ލޯބީގެ މެހެފިލުން ފެންނަމުން ދިޔަ މަންޒަރުތައް ދޭހަވާން ފެށި ހިސާބުންނެވެ.

ކައިވެނިކޮށްގެން އައި ދުވަސްކޮޅު ފިރިމީހާ އަހަންނާ އެކުގައި އަހަރެން ހިތްހަމަޖެހޭ ވަރަށް ވަގުތު ހޭދަކުރިޔަސް ފަހުން ދުރުމިނެއް ގެންގުޅެން ފެށީ އެވެ. ހިތްހަމަޖެހޭ ވަރަށް ކުރިން ވަގުތު ދިނަސް އޭނާ ދުވަހަކު ވެސް އަހަންނާ އެއް ދާނެއްގައި ނުނިދަ އެވެ.

އެއީ ގޯހެއްކަން ވިސްނޭ ވަރަށް އަހަރެންގެ ސިކުނޑި ހޭލެވިފައި ނެތީ ހަޔާތުގެ މި ދަތުރު އޭނާއާ އެކު ފެށި ހިސާބުން ފެށިގެން އޭނާ އަހަންނަށް ވިސްނައިދީފައި އޮތް ގޮތުންނާއި ކިޔައި ދިން ވާހަކަތަކުންނެވެ.

މަންމަ އާއި ބައްޕަގެ ބަސް އެހި ގޮތަށް އަހަރެން ފިރިމީހާގެ ބަސް ވެސް އެހީ އެވެ. ފަހަރެއްގައި މާ ގަދަ އަށް ކިޔަމަންތެރިކަން އަދާކުރުމަކީ އަމިއްލަ ނަފުސު ނިކަމެތިކޮށްލާ ކަމެކެވެ.

ނަމަވެސް އަމިއްލަ ގެދޮރޭ ކިޔުނު ހޮރުން ނުކުމެވި އެތައް މޭލެއް ކަނޑައްތުކޮށް އެހެން ދުނިޔެއަކަށް އާދެވި އެ ދުނިޔޭގެ ރަހަ އަރުތެރޭގައި ލައި، އެ ދުނިޔޭގެ ކުލަ މޫނުގައި ޖެހުމުން ވާނުވާ އަމިއްލަ އަށް ވެސް ދޭހަކުރަން ދަސްވީ އެވެ.

އެކަމަކު އޭރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ.

ފަރިކޮށް، ނަލަކޮށް، މަލެއްހެން ދާނުގައި އަހަރެން ފޮޅުވީ ފިރިމީހާ އެ މަލުން ފޮނިބޯކަށެއް ނޫނެވެ. އޭނާ ކަންތައްކުރީ އާންމު އުސޫލުންނެވެ.

އޭނާގެ ނާސިގެ އަހަންނަށް ދެއްކީ ލޯބީގެ ގަނޑުވަރެއް ފަދައިންނެވެ. ނުފޫޒުގަދަ ސިޔާސީ އޭތިމީތީންނަށް ވިއްކި ކަސްބީ އަންހެނުން އަހަންނަށް ދެއްކީ އަހަރެންގެ ހާދިމުންގެ ގޮތުގަ އެވެ.

ނަމަވެސް އަހަރެންގެ ސައިބޯނިބޮކި ތަޅައިގެން ދިއުމާ އެކު އެމީހުންނާ އެއް ސަފަކަށް އަދި އެއް ސިފައަކަށް އަހަރެން ވެސް ވެއްޓުނީ އެވެ. އަހަރެން ފަރިކޮށް، ނަލަކޮށް، ފައްކާކުރި ދާނަށް އަނެއްކާވެސް އާ ކުއްޖަކު ގެނެސް މި ސިލްސިލާ އަލުން ފެށީ އެވެ.

މަންމަމެން އަހަރެން ވިއްކާލީ އެވެ. މާލޭގެ ބޮޑުންނަށް ހާއްސަ ނާސިގެއެއްގެ ވެރިޔަކު ގޮސް އަހަރެން ގަނެލައިގެން އަންބެއްގެ ހެދުން ލައްވައިގެން ގެނެސް ކަސްބީ އަންހެނަކަށް ބަދަލުކޮށްލީ އެވެ.

ނަމަވެސް އެ ރޭ ވެސް އަހަރެން އިންތިޒާރުކުރީ ފިރިމީހާއޭ ހީކުރެވުނު މާލޭ މީހާ އަށެވެ. އެކަމަކު ދޮރުން ވަދެގެން އައިސް އަހަރެންގެ މައްޗަށް ގަދަވެގަތީ ނުވެސް ދަންނަ މޫނެކެވެ.

ވާނޭ ގޮތް ނޭނގުމަކީ ދުނިޔަވީ ގާނޫނެވެ. އަމިއްލަ އަށް މަރުވާން އުޅެފައި އެ ހިޔާލު ބަދަލުވެދާނެ ކަމާއި ނާސި ގެއިން ސަލާމަތްވާނެ ކަމެއް ވެސް އޭރަކު ނޭނގެ އެވެ. ކަސްބީ އަންހެނަކަށް ސަރުކާރުގެ ވެރިޔަކު މޮޔަވެ ގުރުބާންވެދާނެ ކަމެއް ވެސް އޭރަކު ނޭނގެ އެވެ.

ނަމަވެސް ހަޔާތުގެ ސަފުހާތައް ނިއުޅެމުން ދާނީ މި ތަރުތީބުންނެވެ. ވާނޭ ގޮތް ނޭނގުމަކީ ބައެއް ފަހަރަށް އުފަލެކެވެ. ވާހަކައެއްގައި ވެސް ދެން ވާނޭ ގޮތް ކުރިން އެނގިއްޖެ ނަމަ ވަނީ ފޫއްސެއް ނޫން ހެއްޔެވެ؟