ބޭރު ކުޅިވަރު

ވެނެޒުއޭލާ ބަލިކޮށް ބްރެޒިލް ދެވަނަ ބުރަށް

ޗިލީގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ގުރޫޕް ސީގައި ރޭ ވެނެޒުއޭލާ އަތުން 2-1 އިން މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ރޭ ކަށަވަރުކޮށްފި އެވެ.

ސަސްޕެންޝަންގައި ހުރި ކެޕްޓަން ނޭމާ ނުލައި ބްރެޒިލް އިން ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓުގައި ބްރެޒިލް އަށް ލީޑު ހޯދައިދިނީ ތިއާގޯ ސިލްވާ އެވެ. އަދި 51 ވަނަ މިނިޓުގައި ބްރެޒިލްގެ ދެވަނަ ލަނޑު ޖެހީ ފަމީނިއޯ އެވެ. މެޗުގެ 84 ވަނަ މިނިޓުގައި ވެނެޒުއޭލާ އަށް ލަނޑު ޖަހައިދިނީ ފެޑޯ ފްލޯރެސް އެވެ.

ބްރެޒިލް ގުރޫޕްގެ އެއްވަނަ ހޯދީ ހަ ޕޮއިންޓާއެކު އެވެ. މި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ޕެރޫ އެވެ. ޕެރޫ އާއި ކޮލަމްބިއާ ރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން، އެ ދެ ޓީމު އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ގުރޫޕްތަކުގެ ތިން ވަނަ އަށް ދިޔަ ތިން ޓީމުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމުގެ ތެރޭގައި ހިމެނިގެން ކޮލަމްބިއާ ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ދެވަނަ ބުރުގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނާނީ ޕެރަގުއޭ އެވެ. 

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗިލީ އާއި އެންމެ ފަހުގެ ޗެމްޕިއަން އުރުގުއޭ އެވެ.

ދެވަނަ ބުރުގެ ދެވަނަ މެޗުގައި ބޮލީވިއާ އާއި ޕެރޫ ބައްދަލުކުރާއިރު، ތިން ވަނަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ކޮލަމްބިއާ އެވެ.